ރިޕޯޓް

ޗައިނީޒް މަދުވެ، ޔޫރަޕު ޓޫރިސްޓުން އިތުރުވީ ކީއްވެ؟

Feb 23, 2015

އާ އަހަރުގެ ފެށުން ރާއްޖޭގެ ޓޫރިޒަމަށް މާ "ފާގަތި" ގޮތަކަށޭ ނުބުނެވޭނެ އެވެ. ސަބަބަކީ މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް އައިސްފައިވާ ޓޫރިސްޓުންގެ އަދަދު މަދުވުމެވެ. ހާއްސަކޮށް ރާއްޖޭގެ ޓޫރިޒަމްގެ މިހާރުގެ "މައިބަދަ" ކަމަށްވާ ޗައިނާ މާކެޓު ދަށްވުމެވެ. އެ ގައުމުން އައި މީހުން މަދުވުމެވެ. ނަމަވެސް ޔޫރަޕު ޓޫރިސްޓުން ވަނީ އިތުރުވެފަ އެވެ. މި ބަދަލު އައީ ކީއްވެގެން ހެއްޔެވެ؟ 

"ޗައިނާ ޓޫރިސްޓުން މަދުވި ސީދާ ސަބަބެއް ބަލަމުން މި ދަނީ. ވޭދާނެ ޗައިނީޒް އާ އަހަރަށް ދަތުރު ކުރަން މީހުން މަޑުކޮށްލުމަކީ ސަބަބެއް ކަމަށް ވެސް،" މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާދަމް (މޯޑު) ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 105،296 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު އައިސްފައިވަނީ 97،073 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 7.8 ޕަސެންޓުގެ ދަށްވުމެކެވެ. ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މަދުވި އެއް ސަބަބަކީ ޗައިނާ މާކެޓުން އައި މީހުންގެ އަދަދު މަދުވެފައިވުމެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތައް ކަމަށްވާ ޗައިނާ އިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 30،612 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މި އަހަރުގެ އައިސްފައިވަނީ 20،469 ޓޫރިސްޓުންނެވެ. މިއީ 33.1 ޕަސެންޓުގެ ދަށްވުމެކެވެ. ޗައިނާ ހިމެނޭ ދެކުނު އިރުމަތީ އޭޝިޔާއަށް ބަލާއިއިރު މި ސަރަހައްދުގެ ގިނަ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވެސް މަދުވެފައިވެ އެވެ.

މި ސަރަހައްދުގައި ހިމެނޭ ކޮރެޔާ އިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 2،169 ޓޫރިސްޓުން އައި ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު އައިސްފައިވަނީ 2،133 ޓޫރިސްޓުންނެވެ. މިއީ 1.4 ޕަސެންޓުގެ ދަށްވުމެކެވެ. މީގެ އިތުރުން އިންޑޮނޭޝިޔާ އާއި މެލޭޝިޔާ ފަދަ ގައުމުތަކުން އައި ޓޫރިސްޓުންގެ އަދަދު ވެސް ޖެނުއަރީ މަހު މަދެވެ.

އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވިދާޅުވި ގޮތުގައި މި ސަރަހައްދުން އައި މީހުންގެ އަދަދު މަދުވިނަމަވެސް މި އަހަރު ޗައިނާ އިން އަންނަ މީހުންގެ އަދަދު އިތުރުވެގެން ދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ޗައިނާ މާކެޓު ރަނގަޅުވެދާނެ ކަމުގެ ހެކިތައް މިހާރު ވެސް ފެނެ އެވެ. އެއް ސަބަބަކީ މޯލްޑިވިއަން ފަދަ އެއާލައިންތަކުން ޗައިނާގެ އިތުރު ސިޓީތަކަށް ދަތުރު ފެށުމެވެ. އެ އެއާލައިނުން އަންދާޒާ ކުރާ ގޮތުގައި އަލަށް ދަތުރު ފެށި ޗައިނާގެ ތިން ސިޓީއިން ހަފުތާއަކު 900 އެއްހާ ޓޫރިސްޓުން ރާއްޖެ ގެނެވޭނެ އެވެ.

ރާއްޖޭގެ މަޝްހޫރު ޓްރެވަލް އެޖެންސީއެއް ކަމަށްވާ ކެޕިޓަލް ޓްރެވަލްގެ މެނޭޖިން ޑިރެކްޓަރު ޔޫސުފު ރިފްއަތު ވިދާޅުވީ ޗައިނީޒް ޓޫރިސްޓުން އައި އަދަދު މަދުކަމަށް ހިސާބުތަކުން ދެއްކި ނަމަވެސް ގިނަ ރިސޯޓުތައް "ފުލްވެފައި" ވާ ކަމަށެވެ.

"ޗައިނީޒް އައުން ކުޑަކޮށް މަދުވުމުގެ ސަބަބެއް އަޅުގަނޑު ކުރިންވެސް ބުނިހެން އަގު ބޮޑުވުމަކީވެސް. މީގެ އިތުރުން ވެދާނެ ގޮތެއް ކުރިން އަންނަ ވަރަށް އެއާލައިންތައް އޮޕަރޭޓް ނުކުރުމަކީ ވެސް،" ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ޗައިނާގެ އިގްތިސާދުގައި "މައްސަލަތަކެއް" ވެސް އުޅޭ ކަމަށެވެ.

"ޗައިނީޒް އިކޮނޮމީ މިހާރު މައްސަލަތަކެއް އުޅޭ. މިއީ ވެސް ވެދާނެ އެމީހުން ޓްރެވަލް ކުރުން މަދު ކުރުމުގެ ސަބަބަކަށް. ރާއްޖެއަށް އެކަންޏެއް ނޫން. އެހެން ތަންތަނަށް ވެސް ޓްރެވަލް ކުރުން ކޮންމެ ވެސް ވަރަކަށް މަދު،" ރިފްއަތު ވިދާޅުވި އެވެ.

ޗައިނީޒް ޓޫރިސްޓުން މަދުވި ނަމަވެސް ޓޫރިޒަމަށް އުފާވެރި ހަބަރަކީ ޔޫރަޕުގެ ޒަމާންވީ މާކެޓުތައް ރަނގަޅުވާން ފެށުމެވެ.

ޖެނުއަރީ މަހުގެ ރާއްޖެއަށް ޓޫރިސްޓުން އައި އަދަދަށް ބަލާއިރު އެކަން އެނގެ އެވެ. ރާއްޖޭގެ އެންމެ ޒަމާންވީ މާކެޓުތައް ކަމަށްވާ އިޓަލީން އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ 6،687 ޓޫރިސްޓުން އެ ގައުމު އައިސްފައިވާ އިރު، މި އަހަރުގެ ޖެނުއަރީ މަހު 8،039 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 16.9 ޕަސެންޓުގެ ކުރި އެރުމެކެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން އައި ޓޫރިސްޓުންގެ އަދަދުވެސް ވަނީ 6.6 ޕަސެންޓް އިތުރުވެފަ އެވެ. އަދި ޖަރުމަނުވިލާތުން އައި ޓޫރިސްޓުންގެ އަދަދުވެސް ވަނީ 7.3 ޕަސެންޓް އިތުރުވެފަ އެވެ.

އެމްއެމްޕީއާރުސީގެ ޑީއެމްޑީ މުހައްމަދު ވިދާޅުވީ ޔޫރަޕުގެ ސްކެންޑެނޭވިޔާ ފަދަ ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

"ޔޫރަޕުގައި ރާއްޖެ މާކެޓު ކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ. އެގޮތުން މި އަހަރު ބާލިންގައި ބާއްވާ އައިޓީބީއަކީ މުހިންމު ފެއާއެއް،" މުހައްމަދު ވިދާޅުވި އެވެ.

ޗައިނާ ޓޫރިސްޓުން މަދުވުމަކީ މައްސަލަ އެކެވެ. އެހެންކަމުން ޔޫރަޕާ އެއް ވަރަކަށް ޗައިނާ މާކެޓަށް ވެސް އިސްކަން ދީގެން މާކެޓުކުރުން ވަރުގަދަ ކުރަން ޖެހެ އެވެ. ރާއްޖޭގެ ޓޫރިސްޓު އެރައިވަލް މައްޗަށް ގެންދެވޭނެ ހަމައެކަނި ގޮތަކީ މިއީ އެވެ.