ވިޔަފާރި

ބިޑްނުކޮށް ރަށްދޭއިރު ސީއެސްއާރު މަޝްރޫއަށް އިސްކަން ދެނީ

Aug 24, 2016
  • އިޖުތިމާއީ ޒިންމާއަށް ބޮޑު ހޭދައެއް ކުރަން ޖެހޭ
  • ތަފުސީލީ ލިއުންތައް ދިރާސާ ކުރާނީ ކޮމެޓީއަކުން
  • އިޖުތިމާއީ ޒިންމާއަށް މިލިއަން ޑޮލަރުގެ ހޭދައެއް

ބިޑް ނުކޮށް ޓޫރިޒަމްގެ ބޭނުންތަކަށް ކުއްޔަށްދޭ ރަށްތަކާއި ފަޅުތައް ދޫކުރުމުގައި، އިޖުތިމާއީ ޒިންމާއަށް އިސްކަންދޭ މިންވަރު މަތިކޮށް އެފަދަ ތަންތަން ކުއްޔަށް ދޫކުރުމާ ގުޅޭ ގަވާއިދު އެކުލަވާލައިިފ އެވެ. މި ގަވާއިދަކީ ދާދި ފަހުން ޓޫރިޒަމްގެ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން އެކުލަވާލި ގަވާއިދެކެވެ. ބިޑްނުކޮށް ރަށްތައް ދޭން ޖެހޭނީ މި ގަވާއިދުގެ ދަށުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ "ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރައްރަށާއި ބިން ބިމާއި ފަޅު ރައްރަށް ކުއްޔަށް ދިނުމަށް ޕްރޮފޯޝަލް ހުށަހެޅުމުގެ ގަވާއިދު" ގައިވާ ގޮތުން ޓޫރިޒަމް ތަރައްގީ ކުރުމަށް ތަނެއް ކުއްޔަށް ހިފާއިރު، އިޖުތިމާއީ ޒިންމާ ނުވަތަ ކޯޕަރޭޓް ސޯޝަލް ރެސްޕޯންސެބިލިޓީ (ސީއެސްއާރު) ގެ ގޮތުގައި 500،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއް ހަރަދުކޮށްގެން ހިންގާ މަޝްރޫއެއް ހުށަހަޅަން ޖެހެ އެވެ.

ޓޫރިޒަމްގެ މި ގަވާއިދުގައިވާ ގޮތުން މަޝްރޫއެއް ހިންގުމަށް ހުށަހަޅާ ރަށާއި ބިން ނުވަތަ ފަޅަކީ އެތަނެއް ހިންގަން ހުށަހަޅާ ތަނަކީ ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނަކަށްވާން ޖެހެ އެވެ. އަދި އެތަނަށް ދައްކަން ޖެހޭ އެކުއިޒިޝަންފީ އެއް ފަހަރާ ދައްކަން ޖެހެ އެވެ.

މި ގަވާއިދުގައިވާ ގޮތުން އިޖުތިމާއީ ޒިންމާގެ ދަށުން 500،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއް ހަރަދުކޮށްގެން ހިންގާ މަޝްރޫއުގެ ތަފުސީލް ހުށަހަޅަން ޖެހެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މި ގަވާއިދުގައިވާ ގޮތުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން 30 ޕަސެންޓް މާކްސްއެއް ދެވޭނީ އެތަނެއްގައި އިންސާނީ ވަސީލަތް ނުވަތަ ހިއުމަން ރިސޯސަސް އަށެވެ. އަދި 25 ޕަސެންޓް މާކެޓިން ޕްލޭނަށް ދޭއިރު، ފައިނޭންޝަލް ޕްލޭނަށް 25 ޕަސެންޓް އަދި ސީއެސްއާރަށް 20 ޕަސެންޓް ދޭނެ އެވެ.

މި ގަވާއިދުގެ ދަށުން ކުއްޔަށް ހިފުމަށް ހުޅަހަޅާ ތަފުސީލީ ލިއުންތައް ދިރާސާ ކުރުން ކުރިއަށް ގެންދާނީ ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާ ހާއްސަ ކޮމެޓީއަކުންނެވެ.