ލައިފްސްޓައިލް

އަގު ބޮޑު ހެދުން އެޅުމުން ނަފުސުގެ އިތުބާރު ބޮޑުވޭ!

Sep 11, 2016
1

ލާ ހެދުމަކުން ތިމާގެ ނަފުސާ މެދު ދެކޭ ގޮތް ބަދަލުވެދާނެ ކަމަށް ގަބޫލުކުރަން ހެއްޔެވެ؟ ނޫނީ ތިމާގެ ނަފުސަށް އޮންނަ އިތުބާރާއި ލާ ހެދުމާ އެއްވެސް ގުޅުމެއް އޮންނަ ކަމަށް ގަބޫލުކުރަން ހެއްޔެވެ؟

ގަބޫލުނުކުރި ނަމަވެސް ސައިންސްވެރިން މިވަނީ އެކަން އެހެންވާ ކަމަށް ބުނެފަ އެވެ. ސައިންސްވެރިން ބުނަނީ، އަގު ބޮޑު ބްރޭންޑްތަކުގެ ހެދުން ލާނަަމަ ތިމާގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރު އިތުރުވެ، ތިމާގެ ސާބިތުކަން ބޮޑުވެގެންދާ ކަމަށެވެ.

މިފަހުން ހެދި ދިރާސާތަކަކުން ދައްކާ ގޮތުގައި، އަގު ބޮޑު ނޫނީ މަޝްހޫރު ބްރޭންޑްތަކުގެ ހެދުންލާ މީހުން އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑެވެ.

މި ދިރާސާ ހެދުމަށް ދިރާސާގައި ބައިވެރިވި މީހުންނަށް އަގު ބޮޑު ބްރޭންޑްތަކުގެ ހެދުމާއި އެކްސެސަރީސް ވަނީ ދީފަ އެވެ. އެ ތަކެތި ލައިގެން މީހުން ވަނީ ފިޒިކަލް އަދި މެންޓަލް ޓެސްޓްތަކެއް ހަދާފަ އެވެ. ދިރާސާގެ ނަތީޖާތައް ދައްކާގޮތުގައި އަގު ބޮޑު ބްރޭންޑްތަކުގެ އެއްޗެހި ލައިގެން މި ޓެސްޓްތައް ހެދުމުން ޓެސްޓްތަކުގެ ނަތީޖާ ރަނގަޅެވެ. އަދި ވިސްނުމާއި ކަންކަން ކުރުމަށް ހަލުވިވެސްވެ އެވެ.

މިހެންވާ ސަބަބާ ގުޅޭ ގޮތުން މި ދިރާސާ ހެދުމުގައި އިސްކޮށް އުޅުނު ޕްރޮފެސާ ފްރޭންކް ޖާމަން ވަނީ ވާހަކަ ދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި، ލާ ހެދުމަކީ ތިމާއާ މެދު މީހުން ދެކޭ ގޮތް ހަމައެކަނި ބަދަލުކުރުވާ އެއްޗެއް ނޫނެވެ. ނަމަވެސް އަމިއްލަ ނަފުސާ މެދު ދެކޭ ގޮތް ވެސް ބަދަލުވާ ކަމެއް ކަމަށެވެ.

"ތިމާ އަޅާ ހެދުމަކުން ތިމާއާ މެދު މީހުން ދެކޭ ގޮތް ބަދަލުވެދާނެ، ހަމައެހެންމެ ތިމާ އަޅާ ހެދުމުގެ ސަބަބުން ތިމާ އަމިއްލަ ނަފުސަށް ކުރާ އިތުބާރު ވެސް ބޮޑުވާނެ، އަގު ބޮޑު ނުވަތަ މަޝްހޫރު ބްރޭންޑެއްގެ ހެދުން އެޅުމުން ތިމާގެ އަމިއްލަ ނަފުސަށް ކުރެވޭ އިތުބާރު ބޮޑުވޭ،" އޭނާ ބުންޏެވެ.

ފްރޭންކް އިތުރަށް ބުނި ގޮތުގައި އަގު ބޮޑު ހެދުންތަކަކީ އާންމު ގޮތެއްގައި ރީތި ވަރަށް މޮޅަށް ހަދާފައިވާ ހެދުންތަކެވެ. އެހެންކަމުން އެ ހެދުންތަކުގައި އެއްވެސް މައްސަލައެއް ނުހުންނާނެ ކަމުގެ ޔަގީން އޮވެ އެވެ. އަދި އެ ހެދުންތައް ރީތިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އޮވެ އެވެ. އޭނާ ބުނާ ގޮތުގައި ނަފުސަށް އޮންނަ އިތުބާރު ބޮޑުވާ ސަބަބަކީ މިއީ އެވެ.