ރިޕޯޓް

ކައުންސިލަރުންގެ އަދަދު މަދުކޮށްފި! މިވަރަކުން އަދި ނުފުދޭ

  • ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ ހައްލެއް ނޫން
  • ކައުންސިލްތަކުން ސިޔާސީ ކުލަ ފުހެލަން ޖެހޭ
  • ކައުންސިލްގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ބައިވަރު

ލާމަރުކަޒީ ގާނޫނަކީ އަތޮޅުތައް ހިންގުމަށް މީގެ އަހަރުތަކެއް ކުރިން ގެނައި ޑިމޮކްރަސީގެ ނިޒާމެވެ. އިހު ޒަމާނުންސުރެ ރައްޔިތުންގެ މެދުގައި އޮތް ބާރުގަދަ ކަތީބުން ނިޒާމު ދުށްވާލައި ރަށު ތަރައްގީއަށް ރައްޔިތުންގެ ބަސް އިސް ކުރުމުގެ މަގުސަދުގައި އަމަލުކުރަން ފެށި ނިޒާމެކެވެ. ރައްޔިތުންގެ ބައިވެރިވުން ވެރިކަމުގެ ނިޒާމުގެ ތެރޭގައި އިތުރު ކުރުމެވެ. އެހެން ނަމަވެސް މަންޒަރު ފެނުނީ އެހެނެއް ނޫނެވެ. އެ ނިޒާމުގެ ތެރެއަށް ސިޔާސީ ކުލަވަދެ، އެންމެފަހުން ޕާޓީތަކުން ޑޮމިނޭޓް ކުރާ އެއްޗަކަށް ބަދަލުވެ މުޅި ނިޒާމް އެކީ ބޮއްސުންލީ އެވެ.

މި ނިޒާމު ފެންނަން ފެށީ، "ދުރު" ނިޒާމެއްގެ ގޮތުގަ އެވެ. ނިޒާމުގެ ތެރެއިން ލިބެން ޖެހޭ ހަގީގީ ފޮނި މީރުކަމެއް ނުލިބުނެވެ. ބަޖެޓަށް ބުރަ ބޮޑު އިގްތިސާދީ ގޮތުން ވެސް، މަންފާއެއް އޮތް ނިޒާމަކަށްނުވި އެވެ. ދެން ފެނިގެން ދިޔައީ ލާ މަރުކަޒީ ނިޒާމަށް ބަދަލުތައް ގެނައުމަށް ގޮވާލައި މަސައްކަތް ފެށިތަނެވެ. ހަގީގަތުގައި ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް މަޖިލީހުގެ ތެރެއިން މަސައްކަތްތަކެއް ފެށީ މި ނިޒާމުގެ ތެރެއިން އުފެދުނު މައްސަލަތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އެގޮތުން ވަރަށް ފަހުން މިވަނީ މި ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، އެކަންކަން ތަސްދީގުކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ، މި ބަދަލުތައް ސަރުކާރުން ގެނައީ، ކައުންސިލްތައް ސައިޒްކޮށް ރަައްޔިތުންގެ ބާރު އެކީ ކަނޑުވާލުމަށް ކަމަށެވެ.

އެންމެ ފަހުން ގެނެވުނު މި އިސްލާހުގެ ދަށުން، ކައުންސިލަރުންގެ އަދަދު މިހާރަށްވުރެ މަދުވާނެ އެވެ. އާބާދީގައި 3000 މީހުންނަށްވުރެއް ކުޑަ ރަށްރަށުގައި ތިން ކައުންސިލަރުން އިންތިހާބު ކުރާއިރު 3000 އަށްވުރެއް ބޮޑު އާބާދީއެއް ނަމަ އިންތިހާބު ކުރާނީ ފަސް ކައުންސިލަރުންނެވެ. ކުރިން އޮތް ގޮތުން 3،000 އަށް ވުރެ ކުޑަ އާބާދީއެއްގައިވެސް ފަސް ކައުންސިލަރުން ތިބެ އެވެ. އަދި އެއަށްވުރެއް ގިނަ ނަމަ ހަތް މެންބަރުންނެވެ.

މީގެއިތުރުން މަޖިލީހުން ވަނީ، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތަށް ގެނައި ބަދަލާ ގުޅިގެން ވެސް ކައުންސިލަރުންގެ އަދަދު މަދުކޮށްލައިފަ އެވެ. އެގޮތުން ދެ އިންތިހާބީ ދާއިރާއަށްވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އަތޮޅު ކައުންސިލަށް އިންތިހާބު ކުރާނީ ކޮންމެ ދާއިރާއަކުން އެއް މެންބަރެވެ. އަދި ދެ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީދާއިރާތަކުން އަތޮޅު ކައުންސިލަށް އިންތިހާބު ކުރާނީ މުޅި އަތޮޅުން އިންތިހާބު ކުރެވޭ ތިން މެންބަރުންނެވެ.

ލޯކަލް ކައުންސިލް ނިޒާމް ހަރުދަނާކުރުމަށް އެންމެ ބޮޑު މަސައްކަތެއް މަޖިލިސް ތެރެއިން ކުރައްވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވި ގޮތުގައި ނިޒާމް ހަރުދަނާކުރަން ވަނީ ޖެހިފަ އެވެ. އެވާހަކަ އިދިކޮޅު މެންބަރުން ވެސް އެކި ފަހަރު ދެއްކެވި އެވެ. އާމިރު ވިދާޅުވީ އެ ނިޒާމަށް ބަދަލު ނުގެނެސް، ރައްޔިތުންނަށް ފޮނިމީރުކަން ލިބޭނޭ ގޮތެއް ނެތެވެ. މިހާރަށް ވުރެ ވެސް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ.

އާމިރު ވިދާޅުވި ގޮތުގައި، މި އިސްލާހު ލިބޭ ހަމައެކަނި ލުޔަކީ މާލީ ގޮތުން ސަރުކާރަށް ލިބޭ ލުއިތަކެވެ.

ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް އާމިރުގެ ބޮޑެތި ވިސްނުންތަކެއް އެބަ ހުއްޓެވެ. އާމިރު ވިދާޅުވާ ގޮތުގައި، އެ ނިޒާމް އެންމެ ހަރުދަނާވާނީ ކުރީގައި އޮތް ނިޒާމާ އެއްގޮތަށް މި ނިޒާމް ބަދަލުކޮށްގެންނެވެ. އެއީ ކަތީބުންގެ ނިޒާމެވެ. ތަފާތަކީ ކަތީބު ކިޔުމުގެ ބަދަލުގައި ކައުންސިލްގެ ރައީސް ކިޔުމެވެ. އާމިރު މި ގާނޫނަށް ގެންނަން ބޭނުންވަނީ އެ އިސްލާހެވެ.

އާމިރު ވިދާޅުވީ، ކައުންސިލަށް ކޮންމެ ރަށަކުން އިންތިހާބުކުރަން ޖެހޭނީ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ކަމަށެވެ. އެހެން ގޮތަކަށް ބުނާނަމަ ކަތީބާއި ކުޑަ ކަތީބެވެ. ދެން ކައުންސިލަށް ހޮވާ މެންބަރުންނަކީ ކުރީގައި ރަށްރަށުގައި އޮންނަ ރާކާފު ކޮމެޓީތައް ފަދައިން ހޮވާ މެންބަރުންތަކަށް ހެދުމުގެ ވިސްނުން އާމިރުގެ އެބަ ހުއްޓެވެ. ލޯކަލް ކައުންސިލްގެ އިންތިހާބުގެ ތެރެއިން ސިޔާސީ ކުލަ ނެރުމަކީ އާމިރު ގަބޫލު ކުރައްވާ އުސޫލެކެވެ.

އެގޮތަށް ހެދުމުން އިންތިހާބުކުރާނީ ހަމައެކަނި ރައީސްއާއި ނައިބު ރައީސެވެ. ދެން ބާކީ މެންބަރުން ނަގާނީ ރަށުގެ އެކި އިސް މަގާމުގައި ތަކުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިންނެވެ. އެ މެންބަރުންނަކީ ހަމައެކަނި ބައްދަލުވުންތަކުގައި ބައިވެރިވެ އެ ބައްދަލުވުންތަކަށް އުޖޫރަ ލިބޭނެ މެންބަރުންނެވެ. މީގެ ސަބަބުން ރައްޔިތުންގެ ކަންކަމާ ޒިންމާދާރު ބަޔަކު ހަވާލުވާނެ އެވެ.

މިހާރު މި ނިޒާމް އޮންނަ ގޮތުން އަދި ދައުރަކީ އެންމެ ތިން އަހަރުކަމުން ޒިންމާދާރު ނޫނީ ގާބިލު ބޭފުޅުން ކައުންސިލަރުގެ މަގާމަށް ކުރިމައްޗެއް ނުލަ އެވެ. ޒިންމާދާރު މަގާމުތައް ދޫކޮށްލަން ޖެހޭތީ ކުރިމަތިނުލާ ގާބިލު ބޭފުޅުން ވެސް މަދެއް ނޫނެވެ. އެހެންކަމުން އާމިރު ވިދާޅުވީ ރައްޔިތުންނަށް އެންމެ ފައިދާ ވާނީ ގާނޫނު އިސްލާހުކުރެވިގެން ކަމަށެވެ. ރާކާފު ކޮމެޓީ ފަދައިން ކައުންސިލް މެންބަރުން އައްޔަންކުރުމުން އެކަމަށް ގާބިލު ބޭފުޅުން ނުކުމެ، ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްދޭނެ ކަމަށް އާމިރު ދެކެ އެވެ.

ކައުންސިލްގެ ރައީސަށާއި ނައިބަށް ވެސް ގާބިލު ބޭފުޅުން ކުރިމަތިލާނީ ވެސް ދައުރު ދިގުކޮށްގެން ކަމަށް އާމިރު ވިދާޅުވި އެވެ. އެގޮތުން ފަސް އަހަރަށް ދައުރު ދިގުކުރުމަށް އާމިރު ބޭނުންވެ އެވެ.

މީގެއިތުރުން އަތޮޅު ކައުންސިލްގެ ރައީސް ނުވަތަ އަތޮޅު ވެރިޔާ އިންތިހާބުކުރުމަށްފަހު، ދެން ކޮންމެ ރަށަކުން މެންބަރަކު އެކުލެވޭ ގޮތަކަށް ކޮމެޓީއެއް އެކުލަވާލުމުން ވެސް ރައްޔިތުންނާ ގާތުން މަސައްކަތްކުރެވޭނެ ކަމަށް އާމިރު ވިދާޅުވި އެވެ. އަލަށް ގެނައި އިސްލާހުގައިވާ ގޮތުން އަތޮޅު ކައުންސިލަށް މެންބަރުން ހޮވޭ ގޮތަކުން ބައެއް ރަށްރަށް ބާކީވުމަކީ އެކަށީގެންވާ ކަމެކެވެ. އެ ދާއިރާއެއް ތަމްސީލުކުރާ މެންބަރެއް އަތޮޅު ކައުންސިލްގައި އިންނެވި ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ކޮންމެ ރަށެއް ވެސް އަތޮޅު ކައުންސިލްގައި ތަމްސީލުވުން ކަމަށް އާމިރު ވިދާޅުވި އެވެ.

މި ގާނޫނަށް އާމިރު ގެންނަން ބޭނުންވި އިސްލާހުތައް ގެނައުމަށް މަޖިލިސް ތެރެއިން މަސައްކަތްކުރެއްވި ނަމަވެސް މި އިސްލާހުތައް ފާސްވެފައެއް ނުވެ އެވެ. ގާނޫނު އަސާސީއަށް އިސްލާހުކުރުމަށް ގިނަ މެންބަރުންތަކެއް ވޯޓު ބޭނުންވާއިރު އެމްޑީޕީއިން މި އިސްލާހުތަކަށް ވޯޓު ނުދިނުމުން ވަނީ ފާސްނުކުރެވިފަ އެވެ. އާމިރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އިސްލާހުތައް މަޖިލީހަށް ހުށަހަޅައިގެން މަސައްކަތްކުރައްވާނެ ކަމަށެވެ.

ކައުންސިލަރުންގެ އަދަދު މަދުކުރުމުން މިހާރު މި ނިޒާމަށް ދިމާވެފައިވާ ހަގީގީ، އުނދަގޫތައް ފިލުވާލެވިދާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އަދަދު މަދުކުރުމުން ލިބެނީ މާލީ ފައިދާއެކެވެ. ނަމަވެސް އެންމެ ފައިދާހުރި ގޮތަކީ ކައުންސިލަށް ގާބިލު ބޭފުޅުން އަންނާނެ ފަދަ ގޮތަކަށް ގާނޫނު ބަދަލުކުރުމެވެ. ރައްޔިތުންނަށް ހެވެއް އޮތީ އޭރުންނެވެ.

އާމިރު ވިދާޅުވީ، މި ގާނޫނުގެ "ކޮރުކަމުން" ބައެއް ކައުންސިލް މެންބަރުން އަމިއްލަ ސަރުކާރެއް ފަދައިން އަމަލުކުރަމުންދާ ކަމަށެވެ. ނަމަވެސް ހަގީގަތުގައި ކައުންސިލްތަކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ހިންގާ ބަޔަކަށް ވާންޖެހެ އެވެ. އެއީ ވަކި ސަރުކާރެއް ކަމުގައި ގަބޫލު ކުރާ ކުރުން ދޫކޮށްލަން ޖެހެ އެވެ. ކައުންސިލްތަކުން ސަރުކާރުގެ ސިޔާސަތުތައް ހިފަހައްޓައި ސަރުކާރާ ގުޅިގެން ރައްޔިތުންގެ ލާބަޔަށް މަސައްކަތްކުރަން ޖެހޭ ފަދަ ނިޒާމެއް އުފައްދަން ޖެހޭ ކަމަށް ގަބޫލުކުރެވެ އެވެ. ކައުންސިލެއް އޮތުމުގެ ބޭނުމެއް އެހެން ނޫނީ ނެތެވެ.