ހަބަރު

ގެސްޓް ހައުސްތަކަށް ގްރީން ޓެކްހާބެހޭ މައުލޫމާތު ދެނީ

ރާއްޖޭގައި ހިންގައި ގެސްޓް ހައުސް ވިޔަޔަފާރިތަކަށް އަމާޒުކޮށްގެން ގްރީން ޓެކްހާބެހޭ މައުލޫމާތު ދިނުމުގެ ސެމިނާއެއް ބާއްވަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފި އެވެ. ގްރީންޓެކްހާބެހޭ މައުލޫމާތުތައް ދޭ ސެމިނާއެއް ބާއްވަން މީރާއިން ނިންމީ ޓޫރިޒަމާބެހޭ ގާނޫނަށް ގެނެވުން އިސްލާހާއި ގުޅިގެން އަންނަ މަހު އެކަކުން ފެށިގެން ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށާނެތީ އެވެ.

"ގްރީން ޓެކްސް ސެމިނާ" ގެ ނަމުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ސެމިނާ ޝީ ބިލްޑިންގްގައި ފަށާނީ އަންނަ އާދީއްތަ ދުވަހުއެވެ. ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މީރާ ވެބްސައިޓު މެދުވެރިކޮށް ނުވަތަ 1415 އަށް ގުޅައިގެން ރަޖިސްޓަރީ ކުރެވޭނެ އެވެ.

ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގާނީ ޓޫރިސްޓެއްގެ އަތުން ދުވާލަކަށް ތިން ޑޮލަރުގެ ރޭޓުންނެވެ.