ވިޔަފާރި

"އީޓް ޑޮޓް އެމްވީ" ގެ އާ އަދަދު ނެރެ، ހިލޭ ބަހަން ފަށައިފި

Aug 25, 2016

ރާއްޖޭގެ ފުޑް އިންޑަސްޓްރީއަށް ހާއްސަކޮށް ނެރޭ ހަމައެކަނި މަޖައްލާ ކަމަށްވާ "އީޓް ޑޮޓް އެމްވީ" ގެ އާ އަދަދު ނެރެ، ހިލޭ ބަހަން ފަށައިފި އެވެ.

ދަރުބާރުގޭގައި އިއްޔެ ބޭއްވި ފެއާގެ ތެރޭގައި ނެރެން ފެށި "އީޓް ޑޮޓް އެމްވީ" ތައްޔާރު ކުރަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ގެޓް އަވޭސް މޯލްޑިވްސް އިންނެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމީމް އަބްދުލް ރައްޒާގު "އަވަސް" އަށް ވިދާޅުވީ އަހަރު އެއް ފަހަރު ކުލަކޮށް ނެރޭ މި މަޖައްލާގައި ރާއްޖޭގެ ފުޑް އިންޑަސްޓްރީގެ މައުލޫމާތު ހިމެނޭ ކަމަށެވެ.

"މީގައި [އީޓް ޑޮޓް އެމްވީ] ހުރިހާ ރެސްޓޯރެންޓްތަކުގެ މައުލޫމާތު ހިމެނޭ. މީގެ އިތުރުން މި ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ވެސް ހިމެނޭ،" އަހްމީމް ވިދާޅުވި އެވެ.

ގެޓް އަވޭސްއަކީ މާކެޓިން އެޖެންސީ އެވެ. މި ކުންފުންޏަކީ ރާއްޖޭގައި ގެސްޓް ހައުސްތަކަށް ހާއްސަކޮށްގެން ހަމައެކަނި މެގަޒިން ނެރެމުން ގެންދާ ކުންފުންޏެވެ.