ހަބަރު

އަލްޖަޒީރާގެ ރިޕޯޓަކީ އިދިކޮޅުން ފަންޑުކުރާ ރިޕޯޓެއް: މުބީން

ރާއްޖެއާ ބެހޭ ގޮތުން "ސްޓީލިން ޕެރަޑައިސް" ގެ ނަމުގައި އަލްޖަޒީރާއިން ނެރެން މަސައްކަތް ކުރާ ރިޕޯޓަކީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ފަންޑުކޮށްގެން ހަދާ ރިޕޯޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނު ތުހުމަތު ކުރައްވައިފި އެވެ.

"ޗެނަލް 13" އިގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން މުބީން ވިދާޅުވީ، އަލް ޖަޒީރާއިން ދައްކާނެ ކަމަށް ބުނާ ރިޕޯޓުގެ ސަބަބުން ރާއްޖެއަށް ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ. ދިވެހިންގެ ބަޔަކު ފަހަތުގައި ތިބެގެން އެ ރިޕޯޓް ދެއްކި ނަމަވެސް އެ ދެއްކެނީ "އަމިއްލަ ގައުމުގެ އަމާންކަމާއި ސުލްހަވެރިކަން ނެތިގެން ގޮސްފައިވާ ވާހަކަ" ކަމަށެވެ. އަދި އޭގެ ސަބަބުން ފަތުރުވެރިކަމަށް ބޮޑު އަސަރެއް ކުރާނެ ކަމަށާއި މުޅި ދިވެހި ރައްޔިތުންނަށް މީގެ ސަބަބުން ގެއްލުންވެ އަރައިގަންނަން އުނދަގޫވާނެ ކަމަށެވެ.

އޭނާ ތުހުމަތު ކުރެއްވި ކަންކަމުގެ ފަހަތުގައި ތިބީ ދިވެހިންގެ ކޮންބައެއް ކަމެއް އޭނާ ސާފުކޮށެއް ވިދާޅެއް ނުވެއެވެ.

"ކާބުލްގެ ގޮތުގައި ރާއްޖެ ސިފަ ކުރެވޭތޯ ބަޔަކު މަސައްކަތްކުރަމުން ގެންދޭ. އެ މަސައްކަތުގެ ގެއްލުން އެބަ ލިބެއޭ މުޅި ގައުމުގެ އެންމެންނަށް، މިއީ ވަރަށް ދެރަވަރުގެ ކަމެއް. މިކަމާ އެބަޖެހޭ ވިސްނާލަން، އަޅުގަނޑުމެންގެ މިހާރުގެ ރައީސާއި [ކުރީގެ ރައީސް] މުހައްމަދު ނަޝީދު ވެސް އެއްކައިރީގައި ބަހައްޓާފައި ވެއްޖެ ގައުމާމެދު ވިސްނާލަން،" މުބީން ވިދާޅުވި އެވެ.

ނެރެން ތައްޔާރުވެފައިވާ ކަމަށް ބުނާ ރިޕޯޓަށް އިޝާރާތްކޮށް މުބީން ވިދާޅުވީ، ވެރިކަން ހޯދުމަށް ވެސް ދާންޖެހެނީ ވަކި ހިސާބަކަށް ކަމަށާއި ވެރިކަން ހޯދަން އެ ދަރަޖައަށް ދިއުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވަނީ އަލްޖަޒީރާގެ ރިޕޯޓެއް ކަމަށް ބުނާ ރިޕޯޓަކީ އިދިކޮޅު ފަރާތްތަކުން ފަންޑުކޮށްގެން ހަދާ ރިޕޯޓެއް ކަމަށް ތުހުމަތުކުރައްވާ އަދި އަލްޖަޒީރާގެ އިތުބާރާ މެދު ސުވާލުވެސް އުފައްދާފަ އެވެ.

"ރިލައިބަލް ރިޕޯޓަކަށް މި ރިޕޯޓެއް ނުވާނެ، އިވެމުން އަންނަ މީޑިއާއަކީ އެހާ ރިލައިބަލް ސޯސްއެއް ނޫން، އަޅުގަނޑަށް އެއްވެސް އިރަކު ރިލައިބަލް ސޯސްއެއް ނޫން، އަބަދުވެސް މި ޒާތުގެ ވާހަކަތައް މިގޮތަށް އެކިއެކި ފައިސާ ކޮޅުކޮޅު ނަގައިގެން ހަބަރުތައް ގެނެސްދެމުން އަންނަނީ، އަޅުގަނޑުމެންނަށް ހަބަރު ގެނެސްދިނުމަށް މާބޮޑު ކަމެއް ނޫން އެއީ، ހަމަ އެއަށްވުރެ ވަރުގަދަ އެއްޗެއް އަޅުގަނޑުމެންނަށް ގެނެވޭނެ، ބޭނުންވަނީ އެކަމަށް ފަންޑެއް، ބައި ނެކްސްޓް މަންތް އަޅުގަނޑުމެން އެ ގެނެވިދާނެ،" މުބީން ވިދާޅުވި އެވެ.

މުބީން އިތުރަށް ވިދާޅުވީ، ސާފު ރަނގަޅު ރިޕޯޓެއް ގެންނަން ބޭނުންނަމަ ދެ ފަރާތުގެ ބަސް ވެސް ގެންނަން ޖެހޭނެ ކަމަށެވެ. ރާއްޖޭގެ އަގު ވައްޓާލަން ބޭރުގައި މަސައްކަތްކުރާ މީހުންނަކީ ދިވެހިންނަށް ހެޔޮ އެދޭ ބައެއް ނޫން ކަމަށެވެ.

މުބީން މި ތުހުމަތުތައް ކުރެއްވި އިރު އެ ރިޕޯޓް ހެދުމުގައި މަސައްކަތް ކުރި އެކަކީ ކުރިން މިނިވަން ނޫސްގެ ނަމުގައި ހިންގަމުން އައި މިހާރު "މޯލްޑިވްސް އިންޑިޕެންޑެންޓް" ގެ އެޑިޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކޮށްފައިވާ އިނގިރޭސި ރައްޔިތެއް ކަމަށްވާ ވިލް ޖޯޑަން އެވެ.

އޭނާގެ ރަސްމީ، ލިކްންޑްއިން ޕްރޮފައިލްގައި ބުނެފައިވާ ގޮތުގައި އޭނާ ވަނީ 2006 އިން 2007 އަށް މިނިވަން ނޫސް އެޑިޓަރުކަން ކޮށްފަ އެވެ. އަލްޖަޒީރާ އިންވެސްޓިގޭޝަންގެ ގިނަ ޑޮކިއުމަންޓްރީތަކެއްގައި މަސައްކަތް ކޮށްފައިވާ ވިލް އޭނާގެ ރަސްމީ ޓްވިޓާގައި މިދިޔަ އާދިއްތަ ދުވަހު ބުނެފައި ވަނީ، އެ މީހުންގެ އެންމެ ފަހުގެ ޕްރޮޖެކްޓް ކަމަށްވާ، "ސްޓީލިން ޕެރަޑައިޒް" ނެރުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އޭނާ ވަނީ ރާއްޖެއާ ގުޅުން ހުރި ވަރަށް ގިނަ އެއްޗިހި ރިޓްވީޓްކޮށް އަދި ރާއްޖޭގެ ބައެއް ކަންކަމާ މެދު ސުވާލު ވެސް އުފައްދައިފަ އެވެ.

އެގޮތުން ދާދިފަހުން ކޮމަންވެލްތްގެ ހާއްސަ މަންދޫބު ކުރެއްވި ޓްވީޓް އޭނާ ޝެއާ ކުރީ ބޮޑެތި ސުވާލުތަކެއް އުފައްދަމުންނެވެ. މީގެ އިތުރުން މުތުންގާއަށް ރައްދުދީ އިދިކޮޅު ފަރާތްތަކުން ކުރި ބައެއް ޓްވީޓްތައް ރިޓްވީޓްކޮށް މުތުންގާއަށް މުސާރައިގެ ގޮތުގައި ލިބޭ އަދަދާއި އެ ފައިސާ ދޭ ގޮތް ސާފު ނުވާތީ އެކަމާ ވެސް ސުވާލު އުފައްދާފައި ވެއެވެ. މީގެ އިތުރުން ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާނާ ގުޅޭ ބައެއް ތަކެތި ވެސް އޭނާ ރިޓްވީޓްކޮށް ހަދައިފައި ވެއެވެ.

މޯލްޑިވްސް އިންޑިޕެންޑެންޓްގެ އެޑިޓަރު ޒަހީނާ ރަޝީދު އަވަސް އަށް މިއަދު ވިދާޅުވީ އެ ރިޕޯޓް ހެދުމުގައި ރާއްޖެ އައިސް އިސްކޮށް އުޅުނީ އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރާ ވިލް ޖޯޑަން ކަމަށެވެ. އަދި އޭނާ މިނިވަން ނޫހުގެ އެޑިޓަރުކަން ކުރެއްވި ކަމަށެވެ. ނަމަވެސް ރިޕޯޓެއް ތައްޔާރު ކުރުމަށް އޭނާ އާއި އެ ނޫހުން ވެސް މައުލޫމާތެއް ފޯރުކޮށްދީފައި ނުވާނެ ކަމަށެވެ.

ޒަހީނާ އެހެން ވިދާޅުވި އިރު އަލްޖަޒީރާގެ އެ ރިޕޯޓަށް ވީޑިއޯތަކެއް ހޯދަން ކަމަށް ވިދާޅުވެ ޕީއެސްއެމްއަށް ޒަހީނާ ވެސް އެކި ފަހަރުމަތިން ގުޅުއްވި ކަމަށް ޕީއެސްއެމުން ވަނީ މިއަދު ބުނެފަ އެވެ. ޕީއެސްއެމްގެ ވެރިޔަކު މިއަދު ވިދާޅުވީ ޒަހީނާ ގުޅުއްވައި އެކަމާ މަސައްކަތް ކުރެއްވި އިރު އީމޭއިލް މެދުވެރިކޮށް ބޭރުގެ އެހެން މީހަކު ވެސް ވީޑިއޯ ހޯދަން އެދިފައިވާ ކަމަށާއި ނަމަވެސް އެފަދަ ކަމެއްގައި ހިނގަންޖެހޭ ހަރުދަނާ ކޮމިއުނިކޭޝަނެއް ހިނގާފައި ނުވާތީ އެދުނު ވީޑިއޯތައް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.

އަލްޖަޒީރާގެ އެ ޑޮކިއުމަންޓްރީ ނެރުމަށް މި މަހުގެ 30 ވަނަ ދުވަހު ލަންޑަންގައި ހަފްލާއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އެ ޑޮކިއުމަންޓްރީ އެ ދުވަހު އަލްޖަޒީރާ ޓީވީ އަކުން ނުދައްކަ އެވެ. ޝެޑިއުލްގައިވާ ގޮތުން ދައްކަނީ ހަވަނަ ދުވަހު އެވެ