ދުނިޔެ

ޗައިނާ އިން މާސް އަށް ފޮނުވާ ޖައްވީ އުޅަނދު ދައްކާލައިފި

Aug 25, 2016

ބެއިޖިން (25 އޯގަސްޓް) - ޗައިނާ އިން 2020 ވަނަ އަހަރު މާސް އަށް ފޮނުވަން ތައްޔާރުކުރަމުން އަންނަ ޖައްވީ އުޅަނދުގެ ރަސްމީ ކުރެހުންތައް ފުރަތަމަ ފަހަރަށް އެ ގައުމުން ދުނިޔެ އަށް ދައްކާލައިފި އެވެ.

މި އުޅަނދު މާސް އަށް ފޮނުވާލާނީ 2020 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.

ރަސްމީ ޑިޒައިން އާންމު ކުރުމަށް ފަހު ޗައިނާ އިން މިހާރު ފަށާފައިވާ ކެމްޕޭނަކީ މި އުޅަނދަށް ކިޔާނެ ނަމެއް ހޯދުމުގެ ހަރަކާތެކެވެ. އެގޮތުން ނަމަކާއި ލޯގޯއެއް ހޮވުމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިހާރު މުބާރާތެއް ވެސް ހުޅުވާލައިފަ އެވެ.

ޗައިނާ އިން އެގައުމުގެ ޖައްވީ މަޝްރޫއުތައް މެކުހަށް ޖަހާލާފައިވާއިރު މިހާތަނަށް ކާމިޔާބުކަމާއެކު މާސް އަށް އުޅަނދެއް ފޮނުވާފައިވަނީ އެމެރިކާއިން އެކަންޏެވެ. ޗައިނާ އިން މި ރޭހަށް ނުކުމެފައިވާއިރު ރަޝިއާ އާއި ޔޫރަޕްގެ އިއްތިހާދު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެއްގައި ވެސް މާސް އަށް ޖައްވީ އުޅަނދެއް ތިރި ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ޖައްވަށް އުޅަނދެއް ފޮނުވުމަށް އިނގިރޭސި ވިލާތުން މީގެ ކުރިން ކުރި މަސައްކަތެއް ނާކާމިޔާބުވެފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

ޗައިނާގެ ޖައްވީ މަޝްރޫއުގެ އެހެން ކުރިއެރުންތަކަށް ބަލާއިރު މިފަހުން އެގައުމުން ތަރައްގީކުރި ރޭޑިއޯ ޓެލެސްކޯޕް ފާހަގަކޮށްލެވެ އެވެ. އެއީ ދުނިޔޭގައި އެގޮތަށް އުފެއްދި އެންމެ ބޮޑު ޓެލެސްކޯޕެވެ. މީގެ އިތުރުން ޗައިނާ އިން ވަނީ ވަރަށް ފަހުން އާ ޖީލުގެ ޖައްވީ ރޮކެޓެއް ވެސް ކާމިޔާބުކަމާ އެކު ތަޖުރިބާކޮށްފަ އެވެ.

ޗައިނާ އިން ވަރަށް ފަހުން ހަނދަށް ވެސް އުޅަނދެއް ފޮނުވައިގެން 31 މަހުގެ ދިގު ތަހުލީލުތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެމީހުންގެ އެ މިޝަން ހުއްޓާލީ މި އޯގަސްޓް މަހުގެ ކުރީކޮޅު އެވެ.