ހަބަރު

ސިފައިންނަށް ގައުމީ ވާޖިބުތައް ހަނދާންކޮށްދީފި

Aug 24, 2016
5

ސިފައިންނަކީ އެތެރެއިންނާއި ބޭރުން ގައުމަށް ކުރިމެތިވެދާނެ ކޮންމެ އުދުވާނަކަށް ފާރަވެރިވެ، ދީނާއި ގައުމަށްޓަކައި ފުރާނައިން ގުރުބާންވާން ހުވާކޮށްގެން ތިބި ބައެއްކަން، ސިފައިންނަށް ހަނދާން ކޮށްދީފި އެވެ.

މިކަން ސިފައިންނަށް ހަނދާންކޮށް ދިނީ ސިފައިންގެ ހިތްްތަކުގައި ގައުމީ ރޫޙު ދިރުވާ ގައުމީ ލޯބި އާލާކުރުމަށް މިރޭ ބޭއްވި ޖަލްސާއެއްގަ އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފުވެ ބައިވެރިވެ ވަޑައިގެންނެވި މި ޖަލްސާ އޮތީ ކަޅުތުއްކަލާ ކޮށީގަ އެވެ. މި ޖަލްސާގައި ސިފައިންނާއި މުހާތަބުކޮށް ވާހަކަފުޅު ދެއްކެވީ ޑިޕާޓްމަންޓް އޮފް ކައުންޓާ ޓެރަރިޒަމްގެ ޑައިރެކްޓާ ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ.

ޒަކަރިއްޔާ ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ތަފާތު އެކި ހާދިސާތައް ހިނގާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ މިއަދުގެ ހާލަތާއި މަޝްރަހަށް އަލި އަޅުވާލައްވައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގައި، ސިފައިން އަދާކުރަންޖެހޭ އިސް ދައުރުގެ މައްޗަށާއި ސިފައިން ގައުމީ ވާޖިބުގައި ދެމިތިބުމުގެ މުހިންމުކަމާއި ބޭނުންތެރިކަމުގެ މައްޗަށް ވާހަކަފުޅުދެއްކެވި އެވެ.

އޭނާ ވިދާޅުވީ ސިފައިންނަކީ ކޮންމެ ދަތި ހާލެއްގައިވެސް، ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް ފަސްނުޖެހި ގައުމުގެ ދިފާއުގައި ތެދުވާން ތިބި ބަދަހި ލަޝްކަރެއްކަން ހަނދާން ކުރަން ޖެހޭނެ ކަމަށެވެ.