އެމްޑީޕީ

އީސީސީ ހޮސްޕިޓަލަކަށް ބަދަލުކުރުން އެމްޑީޕީން ކުށްވެރިކޮށްފި

އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ އިކްއިޓޯރިއަލް ކޮންވެންޝަން ސެންޓާ (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކުރަން ސަރުކާރުން މަސައްކަތް ކުރާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އީސީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން އުޅެނީ ސަރުކާރުން ވެފައިވާ ވައުދާ ހިލާފަށް ކަމަށެވެ. ސަރުކާރުން ވައުދު ވެފައިވަނީ އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ކަމަށެވެ. އަދި އެ ހޮސްޕިޓަލް އަޅަން ރަޖިސްޓްރީކޮށްފައިވަނީ ވެސް އެހެން ބިމެއް ކަމަށެވެ.

އައްޑޫ ސިޓީގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށްކަމަށް ބުނެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓްގައި އެތައް މިލިޔަން ރުފިޔާއެއް ހިމަނަމުން ގެންގޮސްފައިވީ ނަމަވެސް، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ނިމި ގޮސް އަދި މިހާރު 2016 ވަނަ އަހަރު ނިމުމަކާ ހަމައަށްދާއިރު ބަޖެޓްގައި ހިމެނިއެއްވެސް ފައިސާއެއް އެ ހޮސްޕިޓަލް އަޅަން ހަރަދުކޮށްފައިނުވާކަން ފާހަގަކުރެވޭ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ. އަދި އެ ހޮސްޕިޓަލް އިމާރާތްކުރުމާމެދު ސަރުކާރުން އެކި ފަހަރު އެކި ގޮތަށް ހަބަރުފަތުރަމުން ގެންގޮސްފައިވާ ކަމަށާއި އެއިން އެއްވެސް ފަހަރަކު ސަރުކާރުން ހާމަކުރި ގޮތާ އެއްގޮތަށް އަމަލުކޮށްފައިނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އީސީސީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކޮށްދޭނެ ކޮންޓްރެކްޓަރަކު ހޯދަން މިހާރުވަނީ އިއުލާނުކޮށްފަ އެވެ.