ޝަރުއީ ދާއިރާ

މުޝީރަކު ހަމަޖައްސާކަށް ކޮމަންވެލްތަކު ނޭދެން: ޖޭއެސްސީ

ރާއްޖޭގެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާދޭނެ މުޝީރަކު ހަމަޖައްސަަން ކޮމަންވެލްތުން އިއުލާންކޮށްފައިވަނިކޮށް އެއީ ޖޭއެސްސީއަށް އެނގިގެން ހިނގާ ކަމެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިއްޔެ ކޮމަންވެލްތުން ކުރި އިއުލާނެއްގައި ވަނީ ރާއްޖޭގެ ޖޭއެސްސީއަށް ލަފާދޭނެ ލީގަލް އެޑްވައިޒަރެއް ހޯދަން ހުޅުވާލާ ކަމަށެވެ. އެ އިއުލާނުގައިވާ ގޮތުން ބޭނުމަކީ ޖޭއެސްސީ އިސްލާހު ކުރުމުގެ މަސައްކަތުގައި އިރުޝާދުދީ، ލަފާ ދިނުމެވެ. އެ މަގާމަށް ހޮވޭ މީހަކު އެއް އަހަރު ވަންދެން ރާއްޖޭގައި މަސައްކަތްކުރަން ޖެހޭއިރު އޭނާ ރިޕޯޓް ކުރަން ޖެހޭނީ ޖޭއެސްސީގެ ރައީސަށެވެ.

މިގޮތަށް ކޮމަންވެލްތުގެ ރަސްމީ ވެބްސައިޓްގައި އިއުލާންކޮށްފައިވީ ނަމަވެސް ޖޭއެސްސީގެ މީޑިއާ ކޯޑިނޭޓަރު ހަސަން ޒަހީން ވިދާޅުވީ، އެފަދަ މަޝްވަރާއެއް ކޮމަންވެލްތާއެކު ކުރެވިފައިނުވާ ކަމަށެވެ. އަދި އެއީ އެ ކޮމިޝަނަށް އެނގިފައި އޮތް އަދި އެދިފައި އޮތް ކަމެއް ވެސް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، ޖޭއެސްސީގެ އެއްވެސް ނިންމުމެއް ޖޭއެސްސީގެ 10 މެންބަރުންގެ މަޝްވަރާގެ މަތިން ނޫނީ ނުނިންމާނެ ކަމަށާއި ޖޭއެސްސީ އިސްލާހު ކުރުމަށް ކޮމަންވެލްތުން މުޝީރަކު ހޯދުމާ ގުޅޭ ގޮތުން ޖޭއެސްސީގައި އެއްވެސް އިރެއްގައި މަޝްވަރާކޮށްފައިނުވާ ކަމަށެވެ.

މުޝީރަކަށް ކަނޑައަޅާ މީހަކު ރިޕޯޓުކުރަން ޖެހޭނީ ޖޭއެސްސީގެ ރައީސްއަށް ކަމަށް ބުނެފައިވާއިރު މިކަމަކީ ޖޭއެސްސީއަށް އެނގޭ ކަމެއް ވެސް ނޫން ކަމަށް ޒަހީން ވިދާޅުވި އެވެ.

މި މަގާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 48,400 ޕައުންޑު (އިނާޔަތްތަކާ ލައިގެން އަހަރަކަށް ގާތްގަނޑަކަށް ނުވަ ލައްކަައަށްވުރެ ގިނަ ރުފިޔާ) ދޭން ވެސް ކޮމަންވެލުން ވަނީ ނިންމާފަ އެވެ. ޖޭއެސްސީ އިސްލާހު ކުރުމުގެ ބޭނުމަކީ މިނިވަން ފަނޑިޔާރު ގެއެއް ގާއިމުކޮށް، ގާނޫނީ ހުކުމް ނަގަހައްޓައި ބާރުތައް ވަކިކުރުން ކަމަށް ވެސް އިއުލާނުގައިވެ އެވެ.