ވިޔަފާރި

އެފްއެޗްއޭއެމް ބަލައިގަތުމަށް، އަޓާ އާއި ލޭމް އިން ނިންމައިފި

Aug 25, 2016

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) އެންޑޯޒް ކުރުމަށް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް (އަޓާ) އަދި ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ނިންމައިފި އެވެ.

އެންޑޯޒްމެންޓް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިއްޔެ ނިންމާލި އެފްއެޗްއޭއެމްގައި ބޭއްވި ސޮއި ކުރުމެއްގަ އެވެ.

އެންޑޯޒްމެންޓް އެއްބަސްވުމާއި ބެހޭ ގޮތުން ވާހަކަދައްކަމުން އެފްއެޗްއޭއެމް ހިންގާ ދިވެހި އެކްސްޕޯގެ އިމްރާން ހަސަން ވިދާޅުވީ އެފްއެފްއޭއެމް އެންޑޯޒްކުރުމަށް އަޓާ އާއި ލޭމް އިން ނިންމި ނިންމުމަކީ ލިބިގެންދިޔަ ޝަރަފެއް ކަމަށެވެ. އަދި، މި އެއްބަސްވުމުގެ ސަބަބުން ކުރިއަށް ބާއްވާ ފެއާތަކުގައި އެ ދެ ޖަމިއްޔާއަށް ހާއްސަ އަގުތަކެއް ކަނޑައެޅިގެންދާނޭ ކަމަށެވެ.

އަޓާގެ ނައިބު ރައީސް މުހައްމަދު އަލީ ވިދާޅުވީ އެފްއެޗްއޭއެމް އެންޑޯޒްކުރުމަށް އަޓާއިން ނިންމީ، އަޓާގެ ޓާގެޓްތަކަށް ވާސިލްވުމުގައި މިއީ މުހިއްމުކަމެއް ކަމަށް ފާހަގަވުމުން ކަމަށެވެ. އަދި މިއީ މުހިއްމު ނިންމުމެއް ކަަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ ސަފާރީތަކާއި ސަފާރީ އިންޑަސްޓްރީ ޕްރޮމޯޓްކުރުމަށް އެކުލަވާލާފައިވާ ލޭމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު އިގްނާޒް އަލީ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ލޭމްގެ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނޭ ކަމަށެވެ. އަދި، ލޭމް އިން ސަފާރީ އިންޑަސްޓްރީ ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންދާނޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ އެފްއެޗްއޭއެމްގައި ރާއްޖޭގެ އަދި ސަރަހައްދުގެ ގިނަ ކުންފުނިތަކުން ބައިވެރިވެފައިވާ އިރު، މިފެއާ ވަނީ ކާމިޔާބުކަމާއެކީ ނިންމާލާފަ އެވެ.