ރިޕޯޓް

ކުޑަކުޑަ މިސްކިތެއް، ބޮޑު ވާހަކައެއް!

  • ނީލަމުގައި ވިއްކާލީ 9،715ރ. އަށް
  • މިއީ ބަދަލު ކުރަމުން އައި މިސްކިތެއް

ވެރިރަށް މާލޭގެ ސަލްޓަންޕާކް ތެރޭގައި ހުއްޓާއި ރޫޅާލައި ގދ. ތިނަދޫއަށް ބަދަލު ކުރަން ނިންމާފައިވާ މިސްކިތަކީ ކަޅުވަކަރު މިސްކިތުގެ ގޮތުގައި މަޝްހޫރުވެފައިވާ މިސްކިތެކެވެ. އެއާ ގުޅިގެން ވަރަށް ކުޑަކުޑަ މި މިމިސްކިތުގެ ވާހަކަ ވެސް ވަނީ ވަރަށް ބޮޑު ވާހަކައަކަށް އަދި މައްސަލަގަނޑަކަށްވެ އެންމެ ފަހުން ކޯޓަށް ވެސް މައްސަލަ ވަދެފަ އެވެ.

ކަޅުވަކަރު މިސްކިތް ކުޑަޔަސް މިއީ ބޮޑު އަދި ދިގު ތާރީހެއް އޮތް މިސްކިތެކެވެ. މި މިސްކިތާބެހޭ ގޮތުން "ހަޅޭއް" ލަވައި ތަޅާފޮޅާ ހިސާބަށް ގޮސްފައިވާއިރު މި އާދަޔާހިލާފު މިސްކިތުގެ އާދަޔާހިލާފު ގިނަ ވާހަކަތައް ވެސް އެނގިފައި އޮތުން މުހިންމުވާނެ އެވެ.

ކުޑަ މިސްކިތެއް ނަމަވެސް ކަޅުވަކަރު މިސްކިތަކީ ރީތި ހައިރާންކުރުވަނިވި ކަންކަމާއި މަސައްކަތްތެރިކަން ވެސް ހުރި މިސްކިތެކެވެ. ކަޅުވަކަރު މިސްކިތުގައި ކަވި އެތައް މަސައްކަތްތަކެއް ވަރަށް ފުރިހަމައަށް ކޮށްފައިވެ އެވެ.

ޔޫރަޕްގެ އާކިޓެކްޓުންނާއި އިންޑިޔާގެ ތާރީހު އިލްމުވެރިން މި ވައްތަރުގެ މިސްކިތްތަކުގެ ސިފަ ބަޔާންކޮށް އުޅެނީ "މިނެޗުއާ މޯގަލް އާކިޓެކްޓް" ގެ ގޮތުގަ އެވެ. "މިނެޗުއާ މޯގަލް އާކިޓެކްޓް" މިސްކިތްތަކަކީ ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމީ ސަގާފަތް ފެތުރިގެން އައިއިރު ވަރަށް ބިޔަކޮށް ބިނާކުރެވުނު ފަދަ މިސްކިތްތަކެކެވެ. ނަމަވެސް ރާއްޖޭގައި މިފަދަ މިސްކިތްތައް ބިނާކޮށްފައި ހުރީ ވަރަށް ކުދިކޮށެވެ.

ކަޅުވަކަރު މިސްކިތަކީ ރޫޅާލައިގެން އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވޭ ގޮތަށް ރާއްޖޭގައި ހަދާފައިހުރި ހަމައެކަނި މިސްކިތެކެވެ. ފޯލްޑިން މިސްކިތެކެވެ. ކަޅުވަކަރު މިސްކިތުގައިވާ އާކިޓެކްޗާ ސީރިޒްގެ ވަރަށް ގިނަ މިސްކިތް ރޫޅާލައި ފަތްޖަހައިގެން ގެންދެވޭ ގޮތަށް ހުރެ އެވެ. އެ މިސްކިތުގެ އާކިޓެކްޗާ ގެންގުޅެފައިވާ ގޮތުން މިސްކިތް އެހެން ތަނަކަށް ބަދަލުކުރަން ޖެހުނުނަމަ ވެސް މިސްކިތުގެ ރޭވުމަށާއި ވަޑާމަށާއި ހިންމި ކުރުމަށް ބަދަލެއް ނާދެއެވެ.

ކަޅުވަކަރު މިސްކިތަކީ ރާއްޖޭގައި 1779 އިން 1799 އަށް ރަސްކަން ކުރެއްވި އައްސުލްތޯން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރުގެ ތެރޭގައި އެ ރަސްގެފާނު ބިނާ ކުރެއްވި މިސްކިތެކެވެ. މިސްކިތް ބިނާ ކުރެއްވުމުގައި އަސްލަކަށް ބައްލަވާފައި ވަނީ ޒެންޒިބާރުގައި ހުރި މިފަދަ ކުދި މިސްކިތްތަކެވެ. ޒެންޒިބާރުގައިގައި މިފަދަ ކުދިކުދި މިސްކިތްތަކެއް އެގޮތަށް ބިނާކޮށްފައި ހުރީ ގިނަ ބަޔަކު އެއްވެގެން ނަމާދު ކުރުމަށްވުރެ ބޮޑަށް ބޭނުންވެއްޖެ ނަމަ ތަންތަނަށް ބަދަލު ކުރެވޭ ގޮތަށް، އަދި ރަށްވެހީންގެ އިސްލާމީ ދަންމަރާއި ރަމްޒު އެކި ދިމަ ދިމާއަށް ފަތުރައި ދިނުމަށެވެ. ބޭނުން މީހަކަށް ވެސް ނަމާދު ވެސް ކުރެވޭ ގޮތަށެވެ. މި ސީރިޒްގެ މިސްކިތްތައް ބަންގްލަދޭޝްގަ އާއި އިންޑިޔާގައި ވެސް ހުރެ އެވެ.

ގިނަ ބަޔަކު ހިތްފަސޭހަކޮށްލުމަށްދާ ސަލްޓަންޕާކް ތެރޭގައި ވަރަށް ދިގު ޒަމާންތަކަކަށް ކަޅުވަކަރު މިސްކިތް ހުރުމުން ވަރަށް ގިނަ ބަޔަކަށް ހީވެފައި އެހެންނާ ޔަގީން ކުރެވިފައި އޮންނަނީ އެއީ އެންމެ އިހަށް ވެސް އެ މިސްކިތް ހުރި މަގާމުގެ ގޮތުގަ އެވެ.

ހަގީގަތުގައި ސަލްޓަންޕާކުގެ އެއް ކަނެއްގެ ތެރެއަށް އެ މިސްކިތް ވަނީ މިސްކިތުގެ ހިޖުރަ ކުރުމުގެ ދަތުރުގެ ތެރޭގަ އެވެ. އަދި އެތާނގައި އެހުރީ އެ މިސްކިތުގެ އެންމެ ފުރަތަމަ ހުރި ގޮތަށް މިސްކިތުގެ އަސްލު މަގާމުގައެއް ވެސް ނޫނެވެ.

ކަޅުވަކަރު މިސްކިތް މާލޭގެ އެކި ސަރަހައްދުތަކުގައި މީގެ ކުރިން ހުއްޓެވެ. އަދި މާލެއިން ބޭރަށް އެ މިސްކިތް ބަދަލުވަނީ ވެސް އަލަކަށް ނޫނެވެ. މީގެ ކުރިން ވެސް މާލެއިން ބޭރުގައި މި މިސްކިތް ހުއްޓެވެ.

ތާރީހު އިލްމުވެރިން ވިދާޅުވާ ގޮތުގައި ވެސް އަދި އިހުގެ ބައެއް މީހުންގެ ހަވާލާއިން ވެސް އެނގޭ ގޮތުގައި މި މިސްކިތް އެއް އިރެއްގައި ޗާންދަނީ މަގުގެ އިރުމަތީ ފަޅިން ކޮންމެވެސް ހިސާބެއްގައި ވެސް ހުއްޓެވެ. އަދި މަޖީދީ މަގު ދެކުނު ފަޅިން މައްޗަންގޮޅިއަށްވާ ގޮތަށް ކޮންމެވެސް ހިސާބެއްގައި ވެސް ކަޅުވަކަރު މިސްކިތް ހުއްޓެވެ. ނަމަވެސް މިކަން ތާރީހުގެ އެއްވެސް ޑޮކިއުމެންޓަކުން އެނގޭކަށް ނެތެވެ. އެކަމަކު މި މިސްކިތުގެ އާކިޓެކްޗްގެ ޒާތާއި މި މިސްކިތުގެ ފެންނާން އޮތް ތާރީހާއި އޭގެ ކުރިޔަށް އޮތް ހަވާލާތަކުން އެކަން ހިނގާފައި ވަނީ އެގޮތަށެވެ. ރަނގަޅު ދިރާސާއެއް ހެދިއްޖެނަމަ ފޯލްޑިން މި މިސްކިތުގެ އެފަދަ ކިތަންމެ ކަމެއް އަދިވެސް އަންފޯލްޑް ވެގެން އަތުވެދާނެ އެވެ.

ތާރީހުން އެނގެން އޮތް ގޮތުގައި ކަޅުވަކަރު މިސްކިތް ހުރީ މަޖީދީ މަގާއި ކަރަންކާ މަގާ އިންވެގެން ހުޅަނގު އުތުރު ކަންމަތީގަ އެވެ. އެއަށްފަހު މި މިސްކިތް ހުރީ މިހާރު ގަލޮޅު ރަސްމީދަނޑު ކައިރީގައި ހުންނަ މަސްޖިދުލް ސުލްތޯނުލް އާދިލް މިސްކިތް (މަޖީދީމަގު ދެ ބުރި މިސްކިތް) ހުންނަ ތަނުގަ އެވެ. އަދި އެންމެ ގިނަ ދުވަހު އެއްތަނެއްގައި މި މިސްކިތް ހުރި ކަމަށް ބުނެވެނީ މަޖީދީ މަގުގެ ދެކުނު ފަޅިން މައްޗަންގޮޅިއަށްވާ ގޮތަށެވެ.

ކަޅުވަކަރު މިސްކިތް އޭގެ ފަހުން ހުރިތަން ކަމަށްވާ ސަލްޓަން ޕާކްގެ އިރު ދެކުނު ކަނުގައި ކަޅުވަކަރު މިސްކިތް "ދާއިމީ" ވީ 1980 ވަނަ އަހަރު އެވެ. އެއީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ. ނަމަވެސް މިހާރު އަނެއްކާވެސް ކަޅުވަކަރު މިސްކިތް އެހެން ތަނަކަށް ބަދަލުވުމަށް ވަނީ ތައްޔާރުވެފަ އެވެ.

ކަޅުވަކަރު މިސްކިތުގެ މަރާމަތާކަށްފަހު އެ މިސްކިތް ބައްލަވައިލައްވަން ވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުގައި މަޖީދީމަގު ދެ ބުރި މިސްކިތް ބިނާ ކުރުމަށް ކަޅުވަކަރު މިސްކިތް އެތަނުން ނަގައި، އެ މިސްކިތް ފުރަނަ ފުށި ރިސޯޓަށް ބަދަލު ކުރީ އެވެ. އެއީ މުޅިން ރަނގަޅު ވާހަކަފުޅެއް ނޫނެވެ. ހަގީގަތުގައި ރީތި ކުރެހުންތައް އަޅައި ހިރިގަލުން ބިންވަޅު ނަގާ ހަދާފައިވާ މި ކުޑަ މިސްކިތުގެ ތާރީހުގައި އެއީ ހިނގާފައިވާ ވަރަށް އާދަޔާ ހިލާފު ކަމެކެވެ. އާދަޔާހިލާފު އެކަމަކީ ރާއްޖޭގެ ދެވަނަ ރައީސް އިބްރާހިމް ނާސިރު މި މިސްކިތް ނީލަން ކިޔުއްވުމެވެ.

ކަޅުވަކަރު މިސްކިތް ނީލަމުން ގަނެފައިވަނީ އޮސްޓްރޭލިއާގެ މަހުޖަނެއް ކަމަށްވާ ފުރަނަފުށި ރިސޯޓް، ފަހުން ފުލްމޫން ބީޗު ރިސޯޓު، އޭރު ހިންގަމުން އައި ޓްރެޝާ އައިލަންޑް އެންޓަޕްރައިސަސްގެ ވެރިޔާ ވޭން ރީޑެވެ. އޭނާ މިސްކިތް ގަތީ 9،715.26 ރުފިޔާއަށެވެ. ނީލަމުން މި މިސްކިތް ނެގުމުގައި އުޅުއްވީ ޓްރެޝާ އައިލެންޑްގެ ދިވެހި ހިއްސާދާރު ދިއްދޫ އަލިމަނިކެވެ.

-- އަލި މަނިކު މިހާރު ދުނިޔޭގައި ހުންނެވި ކަމެއް ނޭނގޭ އެވެ. މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން އެ މިސްކިތުގެ ފޮޓޯ ޑޮކިއުމެންޓޭޝަނެއް ހައްދަވަން އުޅުއްވި އެވެ --

މަޖީދީ މަގުގައި ހުއްޓާ ރައީސް ނާސިރުގެ ވެރިކަމުގައި ކަޅުވަކަރު މިސްކިތް އުވާލުމަށްފަހު ނީލަން ކިޔާފައިވަނީ އޮކްޓޫބަރު ،1 1978 ގަ އެވެ. އެއަށްފަހު ރީޑް ވަނީ އެ މިސްކިތް އޭނާގެ ރިސޯޓަށް ގެންގޮސްފައެވެ. ނީލަމުން މިސްކިތް ގަތުމަށްފަހު ރީޑް އާއި އޭނާ އަންހެނުން މިސިޒް ރީޑް ކަޅުވަކަރު މިސްކިތް ފުރަނަ ފުށީގައި ނަމާދުކުރެވޭ ގޮތަށް ރާވައި ބެހެއްޓި އެވެ. އެ ދެމަފިރިން މިސްކިތަށް ވަރަށް ބޮޑަށް ލޯބިކުރެއްވި ކަމަށްވެއެވެ. އަލި މަނިކު ފަހުން އެ މިސްކިތުގެ ވީޑިއޯ ޑޮކިއިމެންޓޭޝަނެއް ހައްދަވަން އުޅުއްވީ ވެސް އެ އާއިލާގެ ބޭނުނަމަށެވެ.

ރައީސް ނާސިރުގެ ވެރިކަން ނިމި، ރައީސް މައުމޫންގެ ދައުރު ފެށުމާއެކު ރައީސް މައުމޫން ވިދާޅުވެފައިވަނީ، "އެ މިސްކިތް ނީލަން ކިޔުމަކީ ހަމަޖެހޭ ކަމެއް ކަމަށް ސަރުކާރަށް ނުފެންނަ" ކަމަށެވެ. އެހެންވެ ކަޅުވަކަރު މިސްކިތުގެ ނީލަމުގެ އަގަށް ބަދަލު ދިނުމަށްފަހު ކަޅުވަކަރު މިސްކިތް އަނބުރާ ސަރުކާރަށް ރައްދުކޮށްދިނުމަށް ރައީސް މައުމޫން އެދިވަޑައިގަތެވެ.

ނަމަވެސް ބަދަލެއް ދިނުމަށް ފަހު މިސްކިތް އެ ރިސޯޓުން ގެންނަން ނިންމުމުން ރީޑްގެ ދެމަފަރިން ބޭނުންވީ ސަރުކާރަށް އެ މިސްކިތް ހަދިޔާ ކުރުމަށެވެ. އެގޮތުން ކަޅުވަކަރު މިސްކިތް ފުރަނަފުށިން އަނެއްކާވެސް ފަތް ޖަހައިގެން މާލެ ގެނައީ ފެބްރުއަރީ ،22 1979 ގަ އެވެ. ރީޑްގެ ދެމަފިރިން ދިވެހި ދައުލަތަށް ކުރާ ހަދިޔާއެއްގެ ގޮތުގައި ކަޅުވަކަރު މިސްިތް ހަވާލުކުރެއްވީ އޭރުގެ މިނިސްޓަ އޮފް އެކްސްޓާނަލް އެފެއާޒު ފަތުހުﷲ ޖަމީލާ އެވެ.

ކަޅުވަކަރު މިސްކިތުގައި ހަލާކުވެފައި ހުރި ލަކުޑިތައް ބަދަލުކޮށް މިސްކިތުގެ އާބާތުރަ ފިލުވައި އަދި ގިނަ ދުވަހަށް ހިމާޔަތްކުރެވޭނެ ފަރުވާ ދިނުމަށް ފަހު ކަޅުވަކަރު މިސްކިތް އަލުން ހުޅުއްވައި ދެއްވީ އޭޕްރީލް ،19 2009 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް އެއީ ރައީސް މައުމޫންގެ ދުވަސްވަރު ފަށާފައިވާ އޮތް މަސައްކަތެކެވެ.