ވިޔަފާރި

ކަނުހުރާ ރިސޯޓުގައި ދިވެހިންނަށް ބައިވަރު ވަޒީފާ! ތައްޔާރު ތަ؟

Aug 26, 2016
4
  • ވަޒީފާތަކަށް މީހުން ނެގުން އަންނަ ހަފުތާ އައްޑޫގައި
  • 200 އަށްވުރެ ގިނަ ވަޒީފާ
  • ރިސޯޓު ހުޅުވަނީ ޑިސެމްބަރު މަހު

ވަޒީފާއެއް ނެތް! ވަޒީފާއެއް ނުލިބޭ! މި ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ އެވެ. ރާއްޖޭގައި ވަޒީފާ ބައިވަރު އެބައޮތެވެ. ބޭނުވަނީ ހިތްވަރެކެވެ. ވަޒީފާ "ނެތިގައި" ތިބި ޒުވާނުންނަށް ކަނުހުރާ ރިސޯޓުން މި އޮތީ ވަޒީފާގެ ފުރުސަތު ހުޅުވާލާފަ އެވެ. އެކަމަށްޓަކައި އެ ރިސޯޓުން އައްޑު އަތޮޅުގައި "އަތް ފުނާ އަޅަން" އަންނަ ހަފުތާ ފަށާނެ އެވެ.

"ވަޒީފާ އެބައޮތް ބައިވަރު. މި ރިސޯޓުގައި ގާތްގަނޑަކަށް 400 ވަޒީފާ އެބައޮތް. މީގެ ތެރެއިން ފުރަތަމަ މި ހޯދަނީ 200 ވަޒީފާ،" ޅ. އަތޮޅުގައި ބޮޑު ބަދަލަކާއެކު އަލުން ހުޅުވަން ތައްޔާރުވަމުން ގެންދާ ކަނުހުރާ ރިސޯޓުގެ ހިއުމަން ރިސޯސް މެނޭޖަރު މުހައްމަދު ޝިމާން "އަވަސް" އަށް ވިދާޅުވި އެވެ.

މޮރިޝަސްގެ ސަން ރިސޯޓްސް ގްރޫޕް އިން ހިންގާ ފަސް ތަރީގެ ރިސޯޓުން ވަނީ ދާދިފަހުން ބޭއްވި ޔޫތް ޗެލެންޖުގައި ބައިވެރިވެ ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ދީފަ އެވެ. މިގޮތުން އެ ފެެއާއިން އެކަނިވެސް 100 އެޕްލިކޭޝަން އެ ވަޒީފާތަކަށް ލިބިފައި އެވެ.

ކަނުހުރާ ރިސޯޓުން އައްޑޫ ފޭދޫގެ އިތުރުން އެ އަތޮޅު ހިތަދޫގައި އަންނަ އާދީއްތަ ދުވަހު އަދި ހޯމަ ދުވަހު ހުޅުމީދޫގައި ޖޮބް ފެއާ ބާއްވާނެ އެވެ.

ޝިމާން ވިދާޅުވީ ޅ. އަތޮޅުގައި ވެސް އެ ފަދަ ޖޮބް ފެއާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ވަރަށް ގިނަ ވަޒީފާ އެބަހުރި. މަގުސަދަކީ ވީހާވެސް ގިނަ މީހުން ނެނގުން. މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން ލިބެމުންދޭ،" ޝިމަން ވިދާޅުވި އެވެ.

ޅ. ކަނުހުރާ ރިސޯޓް މިދިޔަ އަހަރުގެ އޮގަސްޓުން ފެށިގެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު ޑިސެމްބަރު މަހު އަލުން ހުޅުވާނެ އެވެ. މި ރިސޯޓުގައި މަތީ ފަންތީގެ 96 ވިލާ ހުރެ އެވެ.