ހަބަރު

ރާއްޖެއަށް ރީތި ނަމެއް، އޯޓިޒަމް ކުދިންނަށް އެހީއެއް، ފުރުސަތުގައި ހިފާ

އޯޓިޒަމް ހުންނަ ކުދިންނަށް ހޮންގްކޮންގްގެ އަނާނާ ފައުންޑޭޝަނުން ކުރިއަށް ގެންދާ އޮންލައިން އެންމެ ބޮޑު މުބާރާތުގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން މިވަނީ ބައިވެރިވެފަ އެވެ. އަދި އޯޓިޒަމް ހުންނަ ހަތް ކުއްޖަކު އެ މުބާރާތަށް ވަނީ ނެރެފަ އެވެ. މި މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް ޖުމްލަ 22 ގައުމަކުން ބައިވެރިވެ އެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ އެމްޑީ އިފްހާމް ހުސައިން ވިދާޅުވީ، މި މުބާރާތުގައި ބައިވެރިވުމަށް ތައްޔާރުވުމަށް އެ އެސޯސިއޭޝަނަށް ލިބުނީ ދެ ހަފުތާއެއްހާ ދުވަހުގެ މުއްދަތެއް ކަމަށާއި ނަމަވެސް ހުނަރުވެރި ހަތް ކުއްޖެއް މުބާރާތުގައި ބައިވެރިކޮށްފައިވާނެ ކަމަށެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ހަތް ކުދިންނަކީ، އަޔާން އާލް، އަހުމަދު ނައްޔާން ފައިސަލް، އާދަމް މާހިލް، ލުމައިހާ އާދިލް، މަރިޔަމް އީޝަލް، އީޝާ ސޮބާ އަދި އަހުމަދު ނަބީހެވެ. މި ކުދިންނަކީ ހަތަރު އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނެވެ.

އިފްހާމް ވިދާޅުވީ، މި މުބާރާތުގައި ރާއްޖެއިން ވަރަށް ޅަ ކުދިންތަކެއް ބައިވެރިކޮށްފައިވީ ނަމަވެސް އެހެން ގައުމުތަކުން އުމުރުން ވަރަށް ބޮޑެތި މީހުން މުބާރާތުގައި ބައިވެރިވާ ކަމަށެވެ. އެގޮތުން 25 އަހަރުގެ ޒުވާނުން ވެސް މި މުބާރާތުގައި ބައެއް ގައުމުތަކުން ބައިވެރިވެފައިވާ ކަމަށެވެ. އެއީ ރާއްޖޭގެ ކުދިންނަށް އޮތް ވަރަށް ބޮޑު ޗެލެންޖެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުބާރާތުގައި ކުދިންގެ ލަވަތައް ބައިވެރިކޮށްފައިވާއިރު، އެ ލަވަތަކަށް ވޯޓު ދިނުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ފޭސްބުކް ޕޭޖްގައި ރާއްޖޭގެ ކުދިންގެ ލަވަތައް ވަނީ ޝެއާކޮށްފަ އެވެ. އަދި އެ ލިންކަށް ވަނުމަށްފަހު ވޯޓު ދެވެން އިންނާނެ އެވެ. އެންމެ ގިނަ ވޯޓު ލިބޭ ކުއްޖަކަށް ހާއްސަ ސެޓްފިކެޓެއްް ދިނުމަށް ހޮންގްކޮންގްގެ ފައުންޑޭޝަނުން ވަނީ ނިންމާފަ އެވެ. އެކަކަށް ކިތަންމެ ބައިވަރު ކުދިންނަށް ވެސް ވޯޓު ދެވިދާނެ އެވެ.

އިފްހާމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކުދިންގެ ލަވަތަކަށް މިހާރު ވެސް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ނަމަވެސް އަދިވެސް އެތައް ބައެއްގެ އެހީތެރިކަން މިކަމަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ގައުމަށް ރީތި ނަމެއް ހޯދައިދެވިދާނެ ފުރުސަތެކެވެ. އަދި އޯޓިޒަމް ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މިއީ ލިބޭ ރަނުގެ ފުރުސަތެކެވެ.

މި މުބާރާތުގެ އެއްވަނަ ހޮވަނީ ކުއްޖާގެ ހުނަރަށް ބަލައި ޖަޖުންގެ ޕެނަލަކުންނެވެ. އިފުހާމް ވިދާޅުވީ، މުބާރާތުގައި ބައިވެރި ރާއްޖޭގެ ހަތް ކުދިންނަކީ ވެސް ވަރަށް ހުނަރުވެރި ކުދިންތަކެއް ކަމަށާއި ބޮޑެތި ގައުމުތަކުގެ ގިނަ މީހުންނާ ވާދަކޮށް ރަނގަޅު ނަތީޖާއެއް ހޯދިދާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

މުބާރާތުގައި ޖުމްލަ 144 ބައިވެރިން ވާދަކުރާއިރު ވޯޓުލުމުގެ ފުރުސަތު އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. ފުރުސަތުގެ ބޭނުން ހިފައި، އެހީތެރިކަމެއް ފޯރުކޮށްދޭށެވެ.