ރިޕޯޓް

އިންތިގާލީ މަގަށްތަ؟ ބަޣާވާތުގެ ގޯޅިއަށްތަ؟

"އަޅުގަނޑު އުންމީދު ކުރަނީ 2018 އިގެ ކުރިން [ރައީސް އަބްދުﷲ ޔާމީންގެ] މި ސަރުކާރު އުވާލައި، އިންތިގާލީ ސަރުކާރެއް އުފައްދަން. އެއީ 2018 ވަނަ އަހަރުގެ އިންސާފުވެރި އިންތިހާބު ކުރިޔަށް ގެންދިޔުމަށާއި ޖުޑީޝިއަރީ އިސްލާހު ކުރަން. އެ އިންތިގާލީ ސަރުކާރުގެ ވެރިޔަކަށް ފެންނަން ބޭނުން ވަނީ ޑރ. މުހައްމަދު ޖަމީލް،"

މިއީ 13 އަހަރުގެ ޖަލު ހުކުމެއް އައުމުން ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ވަޑައިގެން އެ ގައުމުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅެކެވެ. -- އެފަރުވާ އެއް އަދި ނުހޯއްދަވަ އެވެ.--

އެ މަނިކުފާނުގެ ފަހަތުން އެމްޑީޕީގެ ޕޯޑިއަމްތަކުންނާއި ހަރުގެ ތާޅަފިލިން އިވޭ ވާހަކަ އެވެ. އަދި މިއީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައެކެވެ. ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ އިނގިރޭސިވިލާތުގައި އެމަނިކުފާނުގެ އިތުރުން އަމިއްލައަށް އަރުވާލެއްވިގެން ތިބި ސިޔާސީ އެހެން ފަރާތްތައް ގުޅިގެން އިދިކޮޅު އިއްތިހާދެއް އުފައްދާ ލީޑަރުންގެ ގަރާރުގައި ސޮއި ކުރުމަށް ލަންޑަނުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ހިޔަނި ކެބިނެޓެއް އުފައްދާ މަގާމްތަކަށް ބޭފުޅުން އައްޔަން ވެސް ކުރެއްވި އެވެ. އޭގެ ފަހުން ރާއްޖޭގައި މިއީ މާ ބޮޑު ވާހަކައަކަށް ވެއްޖެ އެވެ.

ގާނޫން އަސާސީން ލިބިދޭ ހައްގުތައް ހިމާޔަތް ކުރުމަށާއި އިންސާފު ގާއިމް ކުރުމަށް ކަމަށް ބުނެ ގާނޫނީ ސަރުކާރު އުވާލައި، ނޫނީ ވައްޓާލައިގެން އިންތިގާލީ ސަރުކާރެއް ގެނައުމަށް އަޑު ހަރުކޮށް ގޮވަމުން އަންނަ އިރު، ކުރީގެ ރައީސް ނަޝީދު ހެއްދެވި އިއްތިހާދުން އެ ބުނާ އިންތިގާލީ މަގަށް ރާއްޖެ ގެންދާނީ ކިހިނެއް ހެއްޔެވެ؟ އެގޮތަކާ މެދު ވިސްނާލަން ޖެހެ އެވެ. ރާއްޖެ ހިމާޔަތް ކުރުމަށް އެ ބުނާ ގާނޫން އަސާސީގެ ތެރޭގައި އެފަދަ ކަމެއް ކުރުމުގެ ފުރުސަތު އޮތްތޯ ވެސް ބަލައިލަން ޖެހޭ ނޫންތޯ އެވެ؟

ގާނޫން އަސާސީގެ 124 ވަނަ މާއްދާގައި ބުނަނީ ކީކޭ ހެއްޔެވެ؟ ވަރަށް ސާފުކޮށް އެ މާއްދާގައި އެ ސުވާލުތަކަށް ޖަވާބު ދީފައި އެބަވެއެވެ. ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު އެ މަގާމުން ދުރު ކުރުވައިފި ނަމަ ނޫނީ މައްސޫލިއްޔަތުތައް އަދާ ނުކުރެވޭ ހާލެތެއްގައި ކުރަން ޖެހޭ ކަންތައްތައް ވަރަށް ސާފުކޮށް ބުނެދީފައިވެ އެވެ.

ރައީސުލް ޖުމްހޫރިއްޔާ ނޫނީ އެމަނިކުފާނުގެ ނައިބު އެ މަގާމުތަކުން އެއް ފަހަރާ އިސްތިއުފާ ދެއްވައިފި ނަމަ ނޫނީ މަގާމުން ދުރު ކުރުވައިފި ނަމަ ދެ މަގާމުގެ މައްސޫލިއްޔަތުތައް އެޅޭނީ ރައްޔިތުން މަޖިލީހުގެ ރައީސްގެ އިސްތަށިފުޅުގަ އެވެ. އަދި މަޖިލީހުގެ ރައީސްއަށް ވެސް އެ މައްސޫލިއްޔަތު އަދާ ކުރެވެން ނެތް ނަމަ ދެން ދައުލަތާ ހަވާލުވާނީ މަޖިލީހުގެ ނައިބު ރަައީސް އެވެ. އެއިން އެއްވެސް ފަރާތަކަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމް އަދާ ކުރެވެން ނެތް ނަމަ ރައީސްކަން ކުރައްވަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގައި ފާސްކުރާ ގަރާރަކުން ހޮވާ މެންބަރެކެވެ.

ގާނޫން އަސާސީގައި މި މަރުހަލާ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކަނޑައެޅިގެން ބަޔާންކޮށްފައިވާ އިރު ސަރުކާރު ބަދަލުވުމުން އިންތިގާލީ ވެރިކަމެއް ގެނައުމަކަށް ޖާގައެއް އޮތް ތަނެއް ނުފެނެ އެވެ. ސަރުކާރު ބަދަލު ނުކޮށް ވެސް އިންތިގާލީ ސަރުކާރެއް ގެނެވޭ ގޮތެއް ނެތެވެ. އިންތިގާލީ ސަރުކާރާއްގެ ވާހަކައެއް ވެސް ނޯވެއެވެ.

ރައީސް ނަޝީދުގެ އިއްތިހާދުގެ މައިގަނޑު އެއް ބޭނުމެއް ކަމަށް ސިފަ ވަނީ 2018 ވަނަ އަހަރުގެ އިންތިހާބުގައި އެ މަނިކުފާނު ވާދަ ކުރައްވަން ޖާގަ ހޯއްދެވުމެވެ. މީގެ ކުރިން ވެސް "ދައުރު މެދުން އިންތިހާބެއް ބާއްވާވާނެ ކަމަށް" ވިދާޅުވެ ވަކި ކަމަކަށް މަގު ހައްދަވަން ކުރީގެ ރައީސް ނަޝީދު ވަނީ މަސައްކަތް ކުރައްވާފަ އެވެ.

ރައީސް ނަޝީދަށް ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ރައީސުލް ޖުމްހޫރިއްޔާގެ މަގާމް އަދާކުރާ މީހެއްގެ ގައިގަ ހުންނަން ޖެހޭ ޝަރުތުތައް ހަމަވޭ ހެއްޔެވެ؟ އެ މާއްދާގައި ބަޔާން ކުރާ ޝަރުތުތަކު ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތު ވެގެން 12 މަސްދުވަހަށް ވުރެއް ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހެއް ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުން ނުވަތަ މާފް ލިބުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހެއެވެ. ރައީސް ނަޝީދަށް އެ މަގަށް ނުކުމެވެން އޮތީ ރައީސް ނަޝީދު "ފަލްސަފާ" އެއްގެ ގޮތުގައި ދައްކަމުން އަންނަ، އަދި ރާއްޖޭގެ ގާނޫނީ ނިޒާމުގައި ނެތް އިންތިގާލީ ސަރުކާރެއް ގެނެސްގެނެވެ.

ގާނޫނީ ނިޒާމުގައި ނެތް ކަމެއް ވުޖޫދު ކުރަންޖެހޭނީ ގާނޫނު ހަދާ ފަރާތުންނެވެ. އެހެން ކަމުން އިންތިގާލީ މަގަށް ރާއްޖެ ގެންދިޔުމަށް އެބުނާ އެއްޗެއް ސާފެއް ނުވެއެވެ. އިންތިގާލީ މަގަށް ރާއްޖެ ގެންދިއުން އެއީ ގާނޫނީ ގޮތުން ކުރެވެން އޮތް ކަމަކަށް ނުވާ އިރު އިދިކޮޅުގެ އިއްތިހާދުގެ ވިސްނުން ހުރީ ކޮންދިމާލަކަށްތޯ ސުވާލު އުފެދެ އެވެ. އެއީ ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން ކުރެވެން ނެތް ކަމެއްގެ ވާހަކަ އާންމުންނަށް ކިޔައި ދެމުން އަންނާތީ އެވެ.

ގާނޫނޫ އަސާސީގައި ބަޔާންކުރާ ވެރިކަން ބަދަލުވާ ޙާލަތްތަކަށް ބަލާއިރު، އެއްވެސް ހާލެއްގައި އިންތިގާލީ ވެރިކަމަކަށް ފުރުސަތެއް ނެތެވެ. އެހާލަތު ގެނެވޭނެ ގޮތެއްވެސް ނެތެވެ. ގާނޫނު ހަދާ ފަރާތުން އެހާލަތު ވުޖޫދު ނުކޮށް އެފަދަ ކަމެއް ކުރުން ވާނީ ޣައިރު ގާނޫނީ ކަމަކަށެވެ. އެހެންކަމުން އެފަދަ ސަރުކާރެއް ގެނެސް ރައީސް ނަޝީދު ވިދާޅުވާ ގޮތަށް ކުރީގެ ނައިބު ރައީސް ޖަމީލު ލައްވާ "ސިޔާސީ އެއްޗެއް ކެއްކެވުމަކީ" ކިހިނެއް ކުރެވޭނެ ކަމެއް ހެއްޔެވެ؟ ކެއްކިޔަސް އެއީ "ކެވޭވަރު" ގެ ގާނޫނީ "ކެއްކުކަމަށް" ވާނެ ހެއްޔެވެ؟

ކުރީގެ ރައީސްގެ އިއްތިހާދުން ބޭނުން ވަނީ ސަރުކާރު އުވާލާ ވެރިކަން ބަދަލު ކުރަން ބަޣާވާތްކުރަންތޯ ސުވާލު އުފައްދަން ޖެހެ އެވެ. ގާނޫން އަސާސީ ހިމާޔަތް ކުރަން ހަމަ އެ ގާނޫނު އަސާސީ ފައިދަށުލައިގެން އެކަން ކުރެވޭނެ ހެއްޔެވެ؟

މިހާރު ރާއްޖޭގެ ސިޔާސީ މައިދާނުގައި އިވޭ އަޑުތަކަށް ބަލާއިރު އެދިމާއަށް ގެންދަން އުޅޭހެން ވަރަށް ހީވެ އެވެ. އަބަދުވެސް އިއްވެނީ ސަރުކާރު ވައްޓާލާ ވާހަކަ އެވެ. ރިޔާސީ އިންތިހާބެއްގައި ވާދަކޮށް "އެއްބުރުން" ކާމިޔާބު ކުރާ ވާހަކައެއް ނުދައްކަ އެވެ. އިއްތިހާދުގެ ތެރެއިން ކުރާ އެ މަސައްކަތް ހުއްޓުމަކަށް އަންނަ ތަނެއް ވެސް ނުފެނެއެވެ. އިނގިރޭސިވިލާތާއި ލަންކާގައި ސިއްރު ބައްދަލުވުން ބާއްވަ އެވެ. ސަރުކާރު ވައްޓާލާނެ ކަމަށް ގޮވާލަ އެވެ.

ސަރުކާރެއް ވެއްޓުނީމާ ވާނެ ގޮތް ވެސް ވައްޓާލީމާ ވާނެ ގޮތް ވެސް ވެރިޔަކު އިސްތިއުފާ ދެއްވީމާ ވާނެ ގޮތް ވެސް ނައިބު ރައީސާއީ ރައީސް އެއްފަހަރާ ވަކިވަޑައިގެންނެވީމާ ވާނެ ގޮތް ވެސް ގާނޫނީ ގޮތުން ރާއްޖޭގައި އެބަހުއްޓެވެ. އެއިން ހާލަތެއް އައީ ވެސް ރައީސް ނަޝީދުގެ ވެރި ކަމުގައި ފެބުރުއަރީ 7 ގަ އެވެ.

ރައީސް ޔާމީން ރަހީނުކޮށް ސިފައިން ބޭނުންކޮށްގެން ބަޣާވާތް ކުރަން އުޅޭ އަޑެއް ވެސް ފެތުރިފައި އޮވެއެވެ. އެއީ އިންތިގާލީ މަގުގައި އޮންނަ ކަމެއް ހެއްޔެވެ؟ ގާނޫނީ އިން ޖެހުންތަކުގައި ނެތް އެފަދަ ކަމެއް ކުރުން އެއީ ބަޣާވާތެއް ކުރުމަކަށް ނުވާނެ ހެއްޔެވެ؟ މިބާވަތުގެ އިންތިގާލީ މަގެއްގައި ރާއްޖެއަށް އޭގެ ކިހާވަރެއްގެ އަސަރެއް ކުރާނެ ހެއްޔެވެ؟ މިއީ ހެޔޮވެސް ވާވަރުގެ ސުވާލެއް ހެއްޔެވެ؟

"އިންތިގާލީ މަގެކޭ ކިޔައިގެން އެއުޅެނީ އެއް އިރެއްގައި ވެސް ގާނޫން އަސާސީގެ ހަމަތަކާ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ކުރަން އުޅޭކަމެއް ނޫން. ރައްޔިތުންނަށް ދަޅަ ދައްކައިގެން ރާއްޖެއިން ބޭރުގައި ތިބެގެން ބަޔަކު ރާއްޖެ ބަދުނާމް ކުރަނީ. ބަޣާވަތް ކުރާ ވާހަކަ ނޫނީ އެފަދަ ކަމެއް އުޅޭ ވާހަކަ ފެތުރުނަސް ރާއްޖެއަށް އަންނަ އިންވެސްޓަރުންގެ ކޮންފިޑެންސް ދަށް ވާނެ. އެއީ އެ ކުރަން އުޅޭ މަސައްކަތް. އިންވެސްޓަރުން މަދުކޮށް ގައުމު އިނދަ ޖައްސާލުމަށް،" ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކް ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި ބަޣާވާތެއްގެ ސަބަބުން ރާއްޖެއަށް މިހާރު އަންނަމުންދާ އިގްތިސޯދީ ކުރިއެރުން ހުއްޓުމަކަށް އަންނާނެ އެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ހުއްޓުމަކަށް އައިސް ގައުމުގެ އިގްތިސޯދު ވެއްޓޭނެ އެވެ. އަދި ވެރިކަމަށް އައުމަށް އެފަދަކަމެއް ރައީސް ނަޝީދު ކުރައްވާފާނެ ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ބަޣާވަތްކޮށްގެން ވެރިކަން ބަދަލުކުރި ގައުމުތަކުގެ އިގްތިސޯދު ފަސް އަހަރު ފަހަތަށް ވެއްޓެއެވެ. އަދި ބަޣާވާތަކީ ބޭރުގެ އެހީތަށް ލިބުމަށް ވެސް ބޮޑެތި ހުރަސް ތަކެއް އެޅޭ ކަމެކެވެ. އެއީ ޑިމޮކްރަސީއާ އިންސާނީ ހައްގުތަކާ މުޅިން ހިލާފު ކަމެކެވެ. އެވަރު ކަމަކާ ވައި އެޅެން ވެސް ހެޔޮވާނެ ހެއްޔެވެ؟

ނިހާނުގެ ވާހަކައަކީ އޭނާ ވެސް ނިސްބަތްވާ ސަރުކާރުގެ ހިމާޔަތުގައ ވިދާޅުވި ވާހަކައަކަށް ބަލައިގެން ވާހަކަ ދެއްކިދާނެ އެވެ. އެކަމަކު އެއްކަމެއް ޔަގީން ވެއެވެ. އިންތިގާލީ މަގަކަށް ރާއްޖެ ގެންދާނެ ގޮތެއް ރާއްޖޭގެ ގާނޫނީ ނިޒާމުގައި ފައްކާކޮށްފައި ނެތް ކަމެވެ. އަދި އެ މަގަށް ރާއްޖެ ގެންދިއުމަށް ކުރާ ކަންކަން ކަމަށް ބުނެ މިހާރު އިވޭ ކޮމެއް އަޑެއްގައި ރެނދު ލިޔަސް އެކަމެއް ވާނީ ޣައިރު ގާނޫނީ އަމަލަކަށް ކަމެވެ.