ހަބަރު

އަބްދުﷲ ގާޒީ ހައްޔަރުކުރި ރޭ ކޯޓުތަކުން "ހުކުމްކޮށްފި"

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލާގައި ޝާމިލުވާ ބައެއްގެ މައްޗަށް ދައުވާ ކުރައްވާނެ ޕްރޮސިކިއުޓާ ޖެނެރަލް ވިދާޅުވެފައި ވަނީ އިއްޔެއަކު މިއަަދަކު ނޫނެވެ. ޖެނުއަރީ 16، 2012 ވަނަ ދުވަހުގެ ރޭ އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ އެކު އެެންމެ މަތީ ދެ ކޯޓުން އެ މައްސަލާގައި އަމުރު ނެރުނެވެ. އެ އަމުރުތައް ނެރުނު ފަހުން އޭރުގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު ވަނީ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުވާކުރައްވާނެކަން، އެކަން ހިނގިތާ 24 ގަޑިއިރު ނުވަނީސް ވިދާޅުވެފަ އެވެ. އަދި މި ހުރިހާ ފަރާތްތަކަކުން ވެސް ވަނީ ގާޒީ ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށްބުނެ ގާޒީ ވަގުތުން މިނިވަން ކުރުމަށް އަމުރުކޮށްފަ އެވެ.

ގޭގައި ހުންނަަވަނިކޮށް ސިފައިންގެ އެންމެ ވަރުގަދަ ފައުޖު ފޮނުވައިގެން އަބްދުﷲ ގާޒީ ހައްޔަރުކުރިތާ ހަ ގަޑިއިރު ވެސް ނުވަނީސް ހައި ކޯޓުން އަމުރެއް ނެރުނެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މައްޗަށް ނެރުނު އަމުރުގައި ބުނެފައި ވަނީ ފަނޑިޔާރަކު ހައްޔަރުކުރަން ވާނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށް ވުރެ މަތީ ކޯޓެއްގެ އަމުރަކަށް ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ސަރީހަ ނައްސުން ބަޔާންކޮށްފައިވާ ކަަމަށެވެ. ގާޒީ ހައްޔަރުކުރީ ހައި ކޯޓުގެ އަމުރެއް ނުހޯދާ ކަމަށާއި އަދި ސިފައިން އެކަން ކުރީ ސިފައިންނަށް ލިބިދީފައިވާ ގާނޫނީ އިމުގެ ވެސް ބޭރުން ކަމަށް ވާތީ އަބްދުﷲ ގާޒީ ވަގުތުން ދޫކޮށްލުމަށް ހައި ކޯޓުގެ އަމުރުގައިވެ އެވެ. މި އަމުރު ނެރެފައި ވަނީ ޖެނުއަރީ 17، 2012 ވަނަ ދުވަހުގެ މެންދަމު 2:00 ގަ އެވެ.

އަބްދުﷲ މުހައްމަދު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ފަނޑިޔާރަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ދިން ރައުޔަކާ ގުޅިގެން ނުވަތަ ކުރި އަމުރަކާ ގުޅިިގެން ނުވަތަ ކުރި ހުކުމަކާ ގުޅިގެން ގާނޫނު އަސާސީ އާއި ގާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފު ކުރުމުގެ އުސޫލުގެ ބޭރުން ނުވަތަ ފަނޑިޔާރުންގެ ސްލޫކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބަޔާންވެގެންވާ އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތެއްގައި އެ ފަނޑިޔާރަކު ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ކަމަށެވެ.

އަބްދުﷲ މުހައްމަދު، އެއްބައެއްގެ ނަޒަރުގައި "ހައްޔަރުކުރީ"އެއް ނޫނެވެ. ގައުމީ ސަލާމަތަށް ނުރައްކަލަށް ވެގެން "އެކަހެރި" ކުރީ އެވެ. އެހެން ވިޔަސް ކޯޓުތަކުން ނިންމާފައި ވަނީ ވެސް އަދި ގާނޫނުތަކުން މާނަކޮށްދެނީ ވެސް އެއީ "ހައްޔަރުކުރުން" ކަމަށެވެ. އެކަން ކުރި ސަބަބެއް ބަލަން އަބްދުﷲ މުހައްމަދު ކޯޓަށް ހާޒިރު ކުރުމަށް ތަކުރާރުކޮށް ފޮނުވި އަމުރުތަކަށް ސިފައިން އިޖާބައެއް ނުދިނެވެ. ރަސްމީ ގަޑީގައި ނޫނީ ކޯޓު އަމުރާ ހަވާލު ނުވެވޭނެ ކަމަށް އެއް ފަހަރު ބުންޏެވެ. ހަވާލުވި ފަހަރަކު ވެސް އެ އަމުރުގައި އަންގާފައިވާ ކަމަކަށް ތަބައެއް ނުވެ އެވެ.

ކޯޓުތަކުގެ އަމުރުތަކަށް ތަބާނުވެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންނާއި ގައުމީ ދިފާއީ ބާރުން ގަދަ ދައްކަމުން ގެންދާތާ 22 ވަނަ އަށްވީ ދުވަހު، ފެބްރުއަރީ 7، 2013 ގައި ނަޝީދުގެ ވެރިކަން ވެއްޓުނީ އޭރުުގެ އިދިކޮޅު ފަރާތްތަކުން ކުރި ސިލްސިލާ މުޒާހަރާ އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ އެކު ވަރުގަދަވެގެން ދިއުމުންނެވެ. އެކަމަކު ގާނޫނުތަކަށް އެވަރަށް ގޮންޖަހައި، ކޯޓުގެ ހުރުމަތް މިހާ ވަރަށް ކަނޑާފައިވާ މައްސަލައެއް ސިޔާސީކޮށް ނިންމާލުމަކީ އެންމެ މޮޅު ގޮތް ހެއްޔެވެ؟ އަސްކަރީ ރަށެއްގައި 22 ދުވަސް ވަންދެން ވާނުވާ ނޭނގޭ ގޮތަށް ބެހެއްޓި ގާޒީ އަކީ ވެސް އިންސާނެކެވެ. އެކަމަކު އެއީ ހައްގުތައް ލިބެން ނުޖެހޭ މީހެއް ހެއްޔެވެ؟