ވިޔަފާރި

އެކްސްޕީޑިޔާ ގެސްޓްހައުސް ކޮންފަރެންސުގައި ބައިވެރިވެއްޖެ

Aug 28, 2016
  • ގެސްޓް ހައުސް ކޮންފަރެންސް އޮތީ އަންނަ މަހު
  • 150 ގެސްޓް ހައުސްވެރިން ބައިވެރިވޭ
  • ބޭރުގެ ގިނަ އަދަދެއްގެ ޓްރެވަލް އެޖޭންޓުން ބައިވެރިވޭ

ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އޮންލައިން ބުކިން އެޖެންސީ ކަމަށްވާ "އެކްސްޕީޑިޔާ" އިން ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސުގައި ބައިވެރިވެއްޖެ އެވެ.

ގެސްޓްހައުސް ކޮންފަރެންސް ބާއްވާ ގެޓްވޭސް މޯލްޑިވްސްގެ ފަރާތުން ކޮންފަރެންސުގައި އެކްސްޕީޑިޔާއިން ބައިވެރިވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރ ޑރ. ހުސެއިން ސަނީ އުމަރެވެ. އަދި އެކްސްޕީޑިޔާގެ ފަރާތުން ސޮއިކުރެއްވީ ސީނިޔަ މާކެޓިން މެނޭޖަރު އަބޭ ކަންނާ އެވެ. ގެޓް އަވޭސް އިން ބުނި ގޮތުގައި މި ކޮންފަރެންސްގައި ދުނިޔޭގެ އެންމެ ބޮޑު އެއް ބުކިން ސައިޓުން ބައިވެރިވުމަކީ ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ.

"އެކްސްޕީޑިޔާ" އަކީ އެއާލައިންތަކުގެ އިތުރުން ރިސޯޓުތަކާއި ގެސްޓް ހައުސް އަދި ހޮޓާތަކުން ކޮޓަރި ވިއްކާ ކުންފުންޏެވެ.

ރާއްޖޭގެ ގެސްޓް ހައުސްތަކުގެ ވެރިންނާއި އިސް ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ދިމާވާނެ މި ބޮޑު ބައްދަލުވުމުގެ ޕާޓްނަރުގެ ގޮތުގައި 15 ފަރާތެއް ވެސް ވަނީ ބައިވެރިވެފަ އެވެ. މި ކޮންފަރެންސުގެ އޮންލައިން ޕާޓްނަރަކީ "އަވަސް އޮންލައިން" އެވެ. ގެސްޓް ހައުސް ކޮންފަރެންސް އޮންނާނީ މަހުގެ 24 ވަނަ ދުވަހު އެވެ.

ގެސްޓް ހައުސް ވިޔަފާރިއަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ފުޅާކޮށް ކުރިއަށްދާ ވިޔަފާރި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 ގެސްޓް ހައުސްއެއް ވަނީ ހުޅުވާފަ އެވެ. މީގެތެރެއިން 300 ތަނެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ.