ހަބަރު

ހިދުމަތްތައް ޔަގީންވާތީ ދެންވެސް ހޮވާނީ ރައީސް ޔާމީން: ތޯރިގު

ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް މި ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާއާއެކު 2018 ގައި ވެސް ރާއްޖޭގެ ރައީސް ކަމަށް ރައްޔިތުން ހޮވާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށް ތިމާވެއްޓާބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހދ. ނޮޅިވަރަމުގެ ނަރުދަމާ ވިއުގައިގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ރައްޔިތުން ކޮންމެހެން ބޭނުންވެފައިވާ އަސާސީ ހިދުމަތްތަކާއި އެހެނިހެން ހިދުމަތްތައް ރައީސް ޔާމީންގެ ސަރުކާރުން ބަލާ ހޯދައިފައިވާނެ ކަމަށާއި އެ ހިދުމަތައްތައް ފުރިހަމަ ކޮށްދޭން ހުއްޓާ ނުލައި މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އޭގައި ކާމިޔާބީތައް ވެސް ހޯދިފައިވާ ކަމަށެވެ.

މިހާތަނަށް ވާނީ 10 ރަށެއްގައި ނަރުދަމާ ވިއުގަ ގާއިމްކޮށް ނިންމާފައި ކަމަށާއި އަމަލީ މަސައްކަތް މިހާރު ކުރިޔަށް ދާ އެތަކެއް ރަށް ހުރި ކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ ކުނި މެނޭޖު ކުރުމާއި ކަރަންޓުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ

"މި ސަރުކާރުން މިދަނީ ރައްޔިތުންނަށް ބޭނުންވާ މިފަދަ އަސާސީ ހައްގުތައް ހޯދައިދިނުމަށް ހުއްޓާ ނުލައި މަސައްކަތް ކުރަމުން. އަޅުގަނޑުމެން ސަރުކާރަށް އެކަންކަން ކޮށްދޭން އެނގޭ، ރައްޔިތުންގެ އިހުސާސްތައް ވެސް އިނގޭ. އަޅުގަނޑުމެންގެ އައީ ވެސް މައްސަލަތައް ހައްލު ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ. "މިފަދަ ކަންތައްތައް މިހެންކޮށްދޭތީ 2018 ވަނަ އަހަރު ވެސް ރައްޔިތުން ރައީސް ކަމަށް ހޮވާނީ ރައީސް ޔާމީން، އޭރު އިތުރަށް ތަރައްގީވެ ހިދުމަތްތައް ޔަގީން ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އާބާދީގެ 75 ޕަސަންޓުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރާނެ ކަމަށް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވި ވާހަކަފުޅަށް އިޝާރާތް ކުރައްވާ ތޯރިގު ވިދާޅުވީ މި ސަރުކާރާ ހަވާލުވީ އިރު މާލެ ހިމެނައިގެން ފެނާއި ނަރުދަމާ ނިޒާމް ފޯރުކޮށްދީފައި ވަނީ ރާއްޖޭގެ އާބާދީގެ 38 ޕަސަންޓަށް ކަމަށެވެ. އަދި އެ އަދަދު 75 ޕަސެންޓަށް ބަދަލު ކުރުމަކީ ބޮޑު މަސައްކަތެއް ކަމަށާއި އެކަން ކުރެވޭނީ ސަރުކާރަށް ލިބޭ އާމްދަނީއާ ލޯނާއި އެކި ގައުމުތަކުން ހިލޭ އެހީ އިން ކަމަށެވެ.

އެ ކަންކަން ކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮން ޖެހުމަކީ އިދިކޮޅު ފަރާތްތައް ބޭރު ގައުމުގައި ސަރުކާރު ބަދުނާމް ކުރުމަށް ކުރަމުންދާ މަސައްކަތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން ހުއްޓިގެން ދަނީ ރައްޔިތުންނަށް ފޯރުކޮށްދޭން މަސައްކަތް ކުރާ ހިދުމަތްތައް ކަމަށެވެ.

"ބަޖެޓާށް ފައިސާ މިހޯދަނީ ޓޫރިޒަމްއާ މަސްވެރިކަމުން. އެ ދެ ކަންތައް ހުއްޓުވަން ވެސް އިދިކޮޅު ފަރާތްތަކުން ބޭރުގައި މަސައްކަތް ކުރޭ. އެ ކުޅެނީ ރާއްޖޭގެ އިގްތިސޯދާ. ހަމަނުޖެހުން ނެތް ތަނެއް ގޮތުގައި ރާއްޖެ ހަދާފިއްޔާ ލޯނުވެސް ނުދޭނެ. އެހީ ދޭ ޖަމާއްތަަށް ވެސް ދޮގު ހަދައިގެން ދަތިތައް ކުރި މަތި ކުރުވާ. ނަމަވެސް އެކަންތައްވެސް ގިރާކޮށް ރާއްޖެ ތަރައްގީ ކުރާން މަސައްކަތް ކުރާނަން،" ތޯރިގު ވިދާޅުވި އެވެ.