ވިޔަފާރި

"ލިލީ" ގެ 15 އަހަރުވީ ލޯގޯ ދޫކޮށްލައި، ޒަމާނީ ވެއްޖެ

Aug 28, 2016
1
  • ލޯގޯ ބަދަލުކޮށްލީ ޒަމާނީ ކޮށްލަން
  • ވިޔަފާރި ފުޅާކުރަން އިތުރު މަސައްކަތް
  • ލިލީއަކީ އެންމެ ގިނައިން މުދާ އެތެރެކުރާ ކުންފުނި

ރާއްޖެ އަށް އެންމެ ގިނަ އިން މުދާ އެތެރެކޮށް ވިއްކާ ލިލީ އިންޓަނޭޝަނަލުން މިދިޔަ 15 އަހަރު ބޭނުން ކުރަމުން އައި އެ ކުންފުނީގެ ލޯގޯ ބަދަލުކޮށްލައި، ޒަމާނީކޮށްލައިފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު ވިދާޅުވީ ކުންފުނިން ބޭނުން ކުރަމުން އަންނަތާ 15 އަހަރުވީ ލޯގޯ ބަދަލުކޮށްލުމަކީ ގެނައި ޒަމާނީ ބަދަލެއް ކަމަށެވެ. މީގެ ކުރިން ލިލީ ކުންފުނީގެ ލޯގޯ ފަރުމާކޮށްފައި ވަނީ ލިލީ މަލުގެ ބައްޓަމަކަށެވެ.

"ހަމަ ޒަމާނީ ކޮށްލަން ގެނައި ބަދަލެއް މިއީ. ކުރީގެ ލޯގޯއަކީ އަޅުގަނޑުމެން މީގެ 15 އަހަރު ކުރިން ހެދި އެއްޗެއް،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޯގޯ ބަދަލު ކުރުމުގެ އިތުރުން ވިޔަފާރި ފުޅާކުރުމަށްވެސް ގިނަ މަސައްކަތަކެއް ކުރަމުންދާ ކަމަށެވެ. މިފަހަރު ނެރުނު ލޯގޯގައި ހިމަނާފައި ވަނީ ތިނެސްކަން ތަކެކެވެ. ސްކޮޔާއެއްގެ ބައްޓަމަށް އަތުރާލާފައިވާ އެކި ކުލަކުލައިގެ ތިނެސްކަން ތަކުން ރަމްޒުކޮށްދެނީ އެ ކުންފުނީގެ ބްރޮޑަކްޓް ރޭންޖްތަކެވެ. ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ އާމިރު ވިދާޅުވާ ގޮތުގައި ޕްރޮޑަކްޓް ރޭންޖްތައް އިތުރު ކުރުމެވެ.

މިގެނައި ބޮޑު ބަދަލާ އެކު އެ ކުންފުނި އޮތީ އެކަމަށް އަތުކުރި އޮޅާލައިފަ އެވެ. ލިލީ ސްޓޯރުގެ ގޮތުގައި މަޝްހޫރުވި ކުންފުނި ދެން ފެނިގެން ދާނީ ލިލީ އިންޓަނޭޝަނަލްގެ ގޮތުގަ އެވެ.

"ޕްރޮޑަކްޓް ރޭންޖް އިތުުރުކޮށް ވަރުގަދަ ކުރުމަށް ވެސް މަސައްކަތްތަކެއް ކުރެވެމުންދޭ،" އާމިރު ވިދާޅުވި އެވެ.

"ލިލީ ގްރޫޕް" އަކީ 35 އަހަރުވީ ކުންފުންޏެވެ. މި ކުންފުނީގެ ދަށުން އުފައްދާފައިވާ ލިލީ އިންޓަނޭޝަނަލް އުފަންވީ 2000 ވަނަ އަހަރު އެވެ. މި ކުންފުނިން ދުނިޔޭގެ 40 ގައުމަކާއެކު ވިޔަފާރީގެ ގުޅުން އުފައްދާފައިވެ އެވެ. ލިލީ އިންޓަނޭޝަނަލްގެ ދަށުން، ރިސޯޓް ވެސް އޮޕަރޭޓް ކުރާ އިރު އެ ކުންފުނިން އަންނަނީ، ދިވެހިންގެ މަގުބޫލު އެތައް ބްރޭންޑްތަކެއް ރާއްޖޭގެ ބާޒާރަށް ނެރެމުންނެވެ.