ރިޕޯޓް

ވިޔަފާރީގައި ވާދަވެރިންގެ މައްޗަށް ކުރި ހޯދާނީ ކިހިނެއް؟

Aug 27, 2016

ކޮމްޕެޓެޓިވް އެޑްވާންޓޭޖަކީ، ވިޔަފާރީގައި ތިބާގެ ވާދަވެރިންގެ މަށްޗަށް ކުރިހޯދުމުގެ މަގެކެވެ. ވިޔަފާރި މެނޭޖްމަންޓާއި ބެހޭ ފޮތްފޮތުގައި ކޮމްޕެޓެޓިވް އެޑްވާންޓޭޖް ބަޔާންކޮށްފައި ހުންނަ ގޮތަށް ބަލާލާއިރު، ކޮމްޕެޓެޓިވް އެޑްވާންޓޭޖަކީ ތިބާ ވިއްކާ މުދަލުގެ ނުވަތަ ޚިދުމަތުގެ އަގު ހެޔޮ ކުރުމުގެތެރެއިން، ނުވަތަ ވިއްކާ މުދަލުގެ ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ތެރެއިން މުދާ ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތަށް، ތިބާގެ ވާދަވެރިޔާއަށްވުރެ ފުރިހަމަ ވެލިއު އެއް ނުވަތަ ހިތްހަމަޖެހުމެއް ހޯދައިދިނުމެވެ.

މިދެންނެވުނު މާނަކުރުމަށް ބަލާލާއިރު މައިގަނޑު ތިންކަމެއް ފާހަގަކުރެވެއެވެ. އެއްކަމަކީ މުދާ ނުވަތަ ޚިދުމަތް ލިބިގަންނަފަރާތަށް އެމުދަލެއް ނުވަތަ ޚިދުމަތެއްގެ ސަބަބުން ލިބޭ ހިތްހަމަ ޖެހުމެވެ. އަނެއް ދެކަމަކީ ކޮމްޕެޓެޓިވް އެޑްވާންޓޭޖް ހޯދިދާނެ މައިގަނޑު ދެގޮތެވެ. އާދެ އަގުގެގޮތުން ކުޑައަގެއް ހުށައަޅައިގެން ނުވަތަ އަގުބޮޑުވިޔަސް، އެބޮޑުވާ އަގާއި އެކަށީގެންވާ ފެންވަރު ރަނގަޅު މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.

އަގުގެ ތަފާތުކުރުމަށް ޢާންމުކޮށް ކިޔަނީ ކޯސްޓް އެޑްވާންޓޭޖް އެވެ. އަދި ވިއްކާ މުދަލުގެ ނުވަތަ ޚިދުމަތުގެ ފެންވަރު ތަފާތުކުރުމަށް ޢާންމުކޮށް ބޭނުންކޮށްއުޅޭ ބަހަކީ ޕްރޮޑަކްޓް ޑިފަރަންސިއޭޝަން ނުވަތަ ޑިފަރެންސިއޭޝަން އެޑްވާންޓޭޖް އެވެ.

އާދެ އެއްފެންވަރެއްގެ މުދަލެއް ނުވަތަ އެއްޚިދުމަތެއް، ތިބާގެ ވާދެވެރިޔާއަށްވުރެ ކުޑައަގެއްގައި ފޯރުކޮށްދިނުމަކީ ކޯސްޓް އެޑްވާންޓޭޖް ހޯދުމެވެ. އަދި ތިބާގެ ވާދަވެރިޔާ ވިއްކާ މުދާ ނުވަތަ ޚިދުމަތަށްވުރެ ފެންވަރު ރަނގަޅުކޮށް، އެލިބިގަންނަ ފަރާތަށް އިތުރު ހިތްހަމަޖެހުން ހޯދައިދިނުމަކީ ޑިފަރެންސިއޭޝަން އެޑްވާންޓޭޖް އެވެ. މިގޮތުން މިކަމާދޭތެރޭ ވިސްނާވަޑައިގަތުމުން، މިއިން ކޮންމެ ގޮތެއް ބޭނުންކޮށްގެންނަމަވެސް، ކޮމްޕެޓެޓިވް އެޑްވާންޓޭޖް އެއް ހޯދިއްޖެނަމަ، އެކަމުގެ ސަބަބުން ތިބާގެ މުދާ ގަންނަފަރާތަށް އިތުރު ހިތްހަމަޖެހުން ލިބި، ތިބާގެ ވިޔަފާރިއަށް އެކަމުގެސަބަބުން ނުފާވެރިކަން އިތުރުވެގެންދާނެކަން ހާމަވެގެންދޭ އެހެންނޫންތޯއެވެ.

މިތަނުގައި "ހިތްހަމަޖެހުން" މިމާނަކުރަނީ އިނގިރޭސިބަހުން "ވެލިއު" މިބަހުގެ މާނައިގައެވެ. އާދެ ބިޒްނަސް މެނޭޖްމަންޓް ގައި މުދަލެއް ނުވަތަ ޚިދުމަތެއް ލިބިގަންނަ ފަރާތަށް އެކަމުގެ ސަބަބުން އިތުރުވާ "ވެލިއު" އަކީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަކުރާ ބަހެކެވެ.

މިގޮތުން އިކޮނޮމިކް ގޮތުން ބަލާއިރު ވެލިއު މާނަކުރާ އެއްގޮތަކީ، އެއެއްޗެއްގެ މިލްކުވެރިއަކަށް ވިތީ އެކަމުން ލިބޭ ހިތްހަމަޖެހުމާއި ބާރުވެރިކަމަކާއި ޙައްޤުތަކަށެވެ. މާކެޓިންގ ދާއިރާގައި "ވެލިއު" މާނަކުރާ ގޮތަކީ އެމުދަލެއްގެ މިލްކުވެރިކަމުގެ ސަބަބުން އެމީހެއްގެ އެދުންތަކަށާއި ބޭނުންތަކަށް ފުދުންތެރިކަން ލިބޭކަމަށް އެމީހަކު ދެކޭ މިންވަރެކެވެ.

ވީމާ މިދެންނެވުނު މާނަކުރުންތަކަށް ބަލާއިރު މިއީ "ހިތްހަމަޖެހުން" މިބަހަށްވުރެ މާފުޅޭ ދާއިރާއެއްގައި މާނެކުރެވޭ ބަހެކެވެ. އަދި ހަމައެކަނި "ވެލިއު" މިބަސް ބޭނުން ނުކުރާން އަޅުގަނޑު މިމަސައްކަތް ކުރަނީ ވެލިއު އޭ ބުނުމުން އެބުނެވެނީ އެއެއްޗެއްގެ އަގު ކަމުގައި ހީފުޅުވެ އޮޅުން އަރާފާނެ ކަމަށް ފެންނާތީއެވެ. ކޮންމެއަކަސް، ތަރުޖަމާކުރުމުގައި މިބަހުގެ މާނައިން ކޮންމެވެސް ވަރެއް އުނިވެގެންދާކަމަށް ފެންނާތީ މިވާހަކަ މިދަންނަވާލީ، މިކަންތައް ރަނގަޅަށް ސާފުކޮށް އެރުވުމުގެ މަޤުޞަދުގައެވެ.

އާދެ ކޮމްޕެޓެޓިވް އެޑްވާންޓޭޖަކީ ކޮބައިކަމާއި ކޮމްޕެޓެޓިވް އެޑްވާންޓޭޖް ހޯދުމުގު މުހިންމުކަން ވިސްނިވަޑައިގެންފިނަމަ، މިހާހިސާބުން ވިޔަފާރީގައި ކޮމްޕެޓެޓިވް އެޑްވާންޓޭޖް ހޯދާނެ ގޮތްތަކާއި، ބައެއްކަހަލަ މިސާލުތަކަށް ބަލާލަމާތޯއެވެ.

ކޮމްޕެޓެޓިވް އެޑްވާންޓޭޖް ހޯދުމަށްޓަކައި ތިބާވެ ވާދަވެރިންނާއި ޚިލާފަށް، ތިބާ ވިޔަފާރި ހިންގުމުގައި ލިބިފައިވާ ވަޞީލަތް ތަކާއި ޤާބިލިއްޔަތު ކަމާދޭތެރޭގައި ވިސްނާ ވަޑައިގަންނަވާށެވެ. ކޮމްޕެޓެޓިވް އެޑްވާންޓޭޖް ހޯދޭނެ ގޮތަކީ މިއީއެވެ. މި ތަފާތާއި މެދު ނުވިސްނަވާނަމަ، ނުވަތަ މިފަދަ ތަފާތު ޤާބިލްކަމެއް ނުވަތަ ވަޞީލަތެއް ލިބެން ނެތްނަމަ، ތިބާ ކުރާ ކޮންމެ ކަމެއް، ތިބާގެ ވާދަވެރިޔާ ކޮޕީ ކުރުމެއް ނުހުއްޓުވޭނެއެވެ.
މިގޮތުން މިދެންނެވުނު ފަދަ ބައެއް ވަޞީލަތްތަކަކީ:

- ޓްރޭޑް މާކެއް ރެޖިސްޓްރީ ކުރެވިފައި ވުން ނުވަތަ މަޝްހޫރު ޓްރޭޑް މާކެއްގެ ރަސްމީ އޭޖެންޓް ކަމުގައި ވުން
- ކަމެއް ކުރަންވާ ގޮތް އެގުމާއި ތިބާގެ ހުނަރުވެރިކަން
- ތިބާގެ ކަސްޓަމަރުން
- ތިބާގެ ވިޔަފާރި އާއި މެދު މީހުން ދެކޭގޮތުން
- ތިބާގެ ވިޔަފާރީގެ ބްރޭންޑް ގެ އަގު

ވަރަށް ފުޅާ ދާއިރާއެއްގެ މިސާލެއް ދަންނަވާ ކަމުގައިވާނަމަ، ދުނިޔޭގެ ޓޫރިޒަމް މާކެޓުގައި ދިވެހިރާއްޖެއަށް އޮތް އެންމެ ބޮޑު ކޮމްޕެޓެޓިވް އެޑްވާންޓޭޖަކީ ކޮބައިކަމާމެދު ވިސްނާވަޑައިގަންނަވާށެވެ. އާދެ މި ދިވެހިރާއްޖޭގެ ރީތި ޤުދުރަތީ ދޮންވެލި ގޮނޑުދޮށް ތަކާއި ސާފު މޫދުތަކާއި ނަލަ މުރަކައިގެ ބަގީޗާތަށް އެހެންނޫންތޯއެވެ.

ކުދި ވިޔަފާރިތަކަށް ނިސްބަތްކޮށް މިސާލެއް ދަންނަވާނަމަ، މިސާލަކަށް ކޮންމެވެސް ކަހަލަ ވިޔަފާރި މުދަލެއް ރާއްޖެ އެތެރެކުރައްވާ ވިޔަފާރިއަކަށް ވިސްނަވާށެވެ. މިގޮތުން މިމުދަލަކީ ރާއްޖޭގައި ނަންހިނގާ މަޝްހޫރު ބްރޭންޑެއްގެ ތެލި ތަށި ދޮންނަ ޑިޓަރޖެންޓެއް ކަމުގައި ވިސްނަވާށެވެ، އަޅުގަނޑު ވަކި ނަމެއް ނުދެންނެވި ކަމުގައި ވީނަމަވެސް، ބްރޭންޑިންގ ސްޓްރެޓެޖީ އެއްގެ ދަށުން މާކެޓް ކުރާ އެއްޗަކަށްވާތީ، ތިޔަބޭފުޅުންގެ ހިތްޕުޅުގައި މިހާރު ވަކި ނަމެއް އޮންނާނެކަން އަޅުގަނޑު ޤަބޫލުކުރަމެވެ.

މިބްރޭންޑްގެ ދިވެހި ރާއްޖޭގެ ސޯލް އޭޖެންޓަކީ ތިބާގެ ވިޔަފާރިކަމުގައި ވާނަމަ، އެއީ ތިބާ އަށް ލިބިގެންވާ ކޮމްޕެޓެޓިވް އެޑްވާންޓޭޖެކެވެ. އެއެޑްވާންޓޭޖްގެ ބޭނުން ހިއްޕަވައިގެން ތިބާގެ މުދާ، އެބާވަތުގެ އެހެން މުދަލަށްވުރެ އަގުހެޔޮކޮށް ވިއްކެވިދާނެއެވެ. ނުވަތަ ބޭނުންފުޅުނަމަ، ތިބާގެ މުދަލަކީ އޮރރިޖިނަލް މުދާކަމުގައިވާތީ، ފެންވަރުގެ ގޮތުން މޮޅު އެއްޗެއްގެ ގޮތުގައި ތަފާތު އަގެއްގައި ވިއްކެވިދާނެއެވެ. މިއިން ކޮންމެ ގޮތެއް ޚިޔާރުކުރެވިނަމަވެސް، މުދާ ގަންނަފަރާތަށް، ތިބާގެ ވާދަވެރިން ފޯރުކޮށްދޭ ވަރަށްވުރެ ބޮޑު ވެލިއު އެއް ނުވަތަ ހިތްހަމަޖެހުމެއް ފޯރުކޮށްދެވޭނެ އެހެންނޫންތޯއެވެ. އާދެ ކޮމްޕެޓެޓިވް އެޑްވާންޓޭޖަކީ މިއީއެވެ.

އަދި އެހެން މިސާލަކަށް ބަލާލަމާ ތޯއެވެ. ތިބާ އަކީ މޮޅަށް ކައްކަށް ދަންނަ ޝެފެއް ނަމަ، އަދި ރެސްޓޯރަންޓް ވިޔަފާރި ކުރައްވާނަމަ، ތިބާގެ ރެސްޓޯރަންޓުގައި ތިބާ ތައްޔާރުކުރައްވާ ތަކެއްޗަކީ، ތިބާގެ ވާދަވެރި ރެސްޓޯރަންޓު ތަކުގައި ތައްޔާރުކުރާ ތަކެއްޗަށްވުރެ ފެންވަރާއި ރަހައިގެ ގޮތުން ފުރިހަމަ އެއްޗަކަށް ހައްދަވާ، އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ވެލިއު ނުވަތަ ހިތްހަމަޖެހުން އިތުރުކޮށްދެވިދާނެއެވެ. އާދެ ތިބާގެ ހުނަރުގެ ބޭނުންކޮށްގެން ކޮންޕްޓެޓިވް އެޑްވާންޓޭޖް ހޯއްދެވިދާނެއެވެ.

އަދިވެސް އެހެންކަހަލަ މިސާލަކަށް ބަލާލަމާ ތޯއެވެ. އެއްރަށުން އަނެއްރަށަށް މުދާ އުފުލުމުގެ ޚިދުމަތް ދޭ ވިޔަފާރިއަކަށް ބަލާލަމާތޯއެވެ. މިސާލަކަށް ރަށަކަށް ގެންދާ ކޮންސްޓްރަކްޝަން މެޓީރިއަލް އުފުލާނަމަ، އެ މެޓީރިއަލް އަރުވާ ބާލާ ރަށުގައި، އެބައެއްގެ އަމިއްލަ ކްރޭންއެއް ގެންގުޅޭނަމަ، ތިބާގެ ވާދަވެރިޔާ އެމަސައްކަތް ކުރާ ސްޕީޑަށްވުރެ އަވަހަށް، އަދި އެއަށްވުރެ ޚަރަދުކޮޑަކޮށް މިކަން ކޮށްދެވޭނެ އެހެންނޫންތޯއެވެ. ޚަރަދު ކުޑަވަނީ ކްރޭނެއް ކުއްޔަށް ހިފަން ނުޖެހޭނެތީއެވެ. ވިސްނިވަޑައިގެންފި އެހެންނޫންތޯއެވެ.

އަދި ހަމަ އެންމެ ކަމަކަށް ބަލާލާނަމެވެ. ކޮމްޕްޓެޓިވް އެޑްވާންޓޭޖް ނެގޭނީ ތިބާގެ ވާދަވެރިންނަށް ލިބިގެންނުވާ ވަޞީލަތެއް ތިބާ އަށް ލިބިގެންކަމުގައި ކުރީގައި ދަންނަވާފައިވީނަމަވެސް، މި ރާއްޖޭގެ އާދަކާދައަށް ވިސްނާވަޑައިގެން ތަފާތު ވިސްނުންފުޅެއް ގެންގުޅުއްވުމުގެ ތެރެއިންވެސް ކޮމްޕެޓެޓިވް އެޑްވާންޓޭޖް ހޯއްދެވިދާނެއެވެ.

މިސާލަކަށް ދަންނަވާނަމަ، ރާއްޖޭގެ ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުގެ ޚިދުމަތް ދިނުމުގެ ފެންވަރާއިމެދު ވިސްނާވަޑައިގަންނަވާށެވެ. ރިސޯޓުތައް ފިޔަވާ ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި މިފަދަ ހުރިހާކަމެއް މިވަނީ ބިދޭސީންގެ އަތްމަށްޗަށްގޮސްފައެވެ. ޢާންމުގޮތެއްގައި މިފަދަ ގިނަ ތަންތަނުގައި ޚިދުމަތް ދިނުމުގެ މިންގަނޑުތަކެއް ކަނޑައެޅިފައެއް ނުހުރެއެވެ. ހުރިހާކަމެއް އޮންނަނީ އެތަނެއްގައި ހުންނަ ބިދޭސީ އެއް ކުރާނެ ގޮތަކަށް ކުރަން ދޫކޮށްލެވިފައެވެ. މިހެން އޮތް މާކެޓެއްގައި، ކެފޭއަކުން ނުވަތަ ރެސްޓޯރަންޓަކުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ތެރެއިންވެސް ކޮމްޕެޓެޓިވް އެޑްވާންޓޭޖް ހޯއްދެވިދާނެއެވެ.

ތިބަގެ ވާދެވެރިޔާގެ ރެސްޓޯރަންޓަށްވުރެ، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރައްވައިފިނަމަ، ހަމަގައިމުވެސް ކަސްޓަމަރުންނަށް ލިބޭ ވެލިއު ނުވަތަ ހިތްހަމަޖެހުން އިތުރުވާނެއެވެ. އެކަސްޓަމަރަކު ކުރާ ވިޔަފާރި އިތުރުވާނެއެވެ. އެކަސްޓަމަރުކު އެހެން މީހުންކައިރީގައި ތިބާގެ ރެސްޓޯރަންޓުގެ ރަނގަޅުވާހަކަ ދެއްކުމުގެ ސަބަބުން ކަސްޓަމަރުން އިތުރުވާނެއެވެ. އާދެ ކޮމްޕެޓެޓިވް އެޑްވާންޓޭޖްގެ ސަބަބުން ތިބާގެ ނަފާވެރިކަން އިތުރުވާނެއެވެ.


އެޑިޓަރުގެ ނޯޓް: މ. އާސްތާނާ އަލީ އާމިރަކީ، ހިންގުމާއި މެނޭޖްމަންޓްގެ ދާއިރާގެ ތަޖުރިބާކާރެކެވެ. ސަރުކާރުގެ އިސް މަގާމުތަކެއްގައި ގިނަ އަހަރުތަކެއްގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން ކުޅިވަރުގެ ހިންގުމުގެ ދާއިރާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އާމިރު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައި ވެއެވެ. ލިޔުއްވުމަކީ އޭނާގެ އާއިލާގެ ތެރެއިން އައިސްފައިވާ އޭނާގެ ވެސް ވަރަށް ބޮޑު ޝައުގުވެރި ކަމެކެވެ.