ވިޔަފާރި

މޯލްޑިވްސް ޓްރެވަލް އެވޯޑަށް ފާރަވެރިވާން ދުނިޔޭގެ އެންމެ ބޮޑު އޮޑިޓްފާމް!

މަޓާޓޯ، މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ކަންކަން ހިނގާ ގޮތް ބަލައި ފާރަވެރިވުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް އޮޑިޓް ފާމް ކަމަށްވާ ކޭޕީއެމްޖީ ހަމަޖައްސައިފި އެވެ.

ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ސޮއިކުރުމަށް ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތަށްފަހު ބޭއްވި ނިއުސް ކޮންފަރެންސުގައި އެ ޖަމިއްޔާގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ ދުނިޔޭގެ އެންމެ މަޝްހޫރު އޮޑިޓް ފާމުން އެވޯޑުގެ ކަންތައް ބެލުމަށް ހަމަޖެއްސުމަކީ އެވޯޑާ މެދު އިތުބާރު ބޮޑު ވެގެންދާނެ ކަމެއް ކަމަށެވެ.

"ދުނިޔޭގެ ބޮޑެތި އެވޯޑުތައް ކަމަށްވާ އޮސްކާ ފަދަ އެވޯޑުތަކުގެ ޖަޖިންނާއި ނޮމިނޭޝަން ޕްރޮސެސް މި އިންނަނީ މަޝްހޫރު އޮޑިޓް ފާމްއަކުން. އެނގިފައިވާ ގޮތުގައި އޮސްކާގެ އޮޑިޓް ފާމްއަކީ އާނަސްޓް އެންޑް ޔަންގް،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރުވެސް އޮޑިޓް ފާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރިކަމަށާއި، ނަމަވެސް އެފަހަރު ހަމަޖެހޭ ގޮތްނުވީ ކަމަށެވެ.

"މިއީ އެވޯޑަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓްރެވަލް އެވޯޑު އޮންނަ ދުވަހުގެ ކުރީ ދުވަހު "މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް"އެއްވެސް އޮންނާނެ ކަމަށެވެ.

"މި ޓްރެވަލް ކޮންފަރެންސުގައި ދުނިޔޭގެ މަޝްހޫރު ފަރާތްތަކުން ވާހަކަ ދައްކާނެ. ޓްރެވަލް ކޮންފަރެންސުގައި އިންޓނޭޝަލް ލެވަލްގެ ސްޕީކާސް އަންނާނެ. މިއީ ރާއްޖެއަށް ލިބޭ ބޮޑު ކުރިއެރުމެއް،" އަބްދުﷲ ވިދާޅުވި އެވެ.