ލައިފްސްޓައިލް

އަރައިގެން ދިޔަ ބާރު މިނުގައި ޕޮކެމޮން ގޯ ވެއްޓެނީ

އެމެރިކާގެ، ސޮފްޓްވެއާ ކުންފުނި، ނައިއެންޓިކް އިން މިދިޔަ ޖުލައި މަހު ދުނިޔެ އަށް ދޫކޮށްލި ޕޮކެމޮން ގޯ، ގޭމުގެ މަގްބޫލުކަމާއި ނުފޫޒަކަށް ހަގީގަތުގައި ދެކޮޅެއް ނެހެދޭނެ އެވެ. ޔަގީނަށް ވެސް އެ ގޭމަކީ ސްމާޓް ފޯނުގެ މި ޒަމާން ދުށް އެފަދަ އެންމެ މަގްބޫލު އަދި އެންމެ ހަލުމިނުގައި އާންމުން އަޅުވެތިކޮށްލި ގޭމެވެ.

އޭގެ "ފުރޭތައިން" ފެނި ބިރުން ފިލި އެކަކު ވެސް ނެތެވެ. އެންމެން ވެސް ދުވީ އެ "ފުރޭތަތަކުގެ" ފަހަތުންނެވެ. އެމެރިކާ އިން ފެށިގެން ސީރިއާގެ ހަނގުރާމައިގެ މައިދާނުގައި ވެސް އޮތީ މި ފޯރި އެކެވެ. އަދި ސިޔާސީ އަނދިރިކަމުގައި އޮތް މި ރާއްޖެއަކަށް ވެސް ޕޮކެމޮން ގެނެސްދިން އުފާވެރިކަން ވަކި ކުޑައެއް ނޫނެވެ.

މި ފޯރިގަނޑެއް އަރައިގެން އުޅުނުއިރު ހީވީ ކުދި ކުދި ފުރޭތަތަކެއްގެ އަވާގައި ޖެހި ދުނިޔެ މޮޔަކޮށްލިހެންނެވެ. އެކަމަކު ޕޮކެމޮން ގޯ އަށް މަހެއްވިއިރު އޭގެ ފުރޭތަތައް ފަހަމުން ފުޅައްމަތިން ފުންމަމުން ދާނެ މާ ގިނަ ބަޔަކު ނެތެވެ.

އެކަމަކު ޕޮކެމޮން ގޯގެ ކެމްޕޭން ނިމުނީކީއެއް ނޫނެވެ. މި ގޭމުގެ ހުމަށް ގިނަ ބަޔަކު ހޭލައި، މި އެޕް އެކަހެރިކޮށްލާފައިވާއިރު މި ގޭމް އޭޝިއާ އާއި ލެޓިން އެމެރިކާ އަދި ފްރާންސްގައި ރަސްމީކޮށް ލޯންޗުކުރުމުގެ ކެމްޕޭން ކުރިއަށް ދަނީ އެވެ.

ނަމަވެސް ޕޮކެމޮން ގޯ އަށް ފޫހިވެއްޖެ!

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހާ ހަމަ އަށް ޕޮކެމޮން ގޯގެ އެކްޓވި ޔޫޒަރުންގެ އަދަދު 45 މިލިއަނަށް އަރަ އެވެ. އަދި އޯގަސްޓް 16ގެ ނިޔަލަށް އެ އަދަދު ވަނީ 30 މިލިއަނަށް ވެއްޓިފަ އެވެ. މިއީ 10 މިލިއަނަށް ވުރެ ގިނަ މީހުން މި ގޭމަށް ފޫހިވުމެވެ.

ފާހަގަކޮށްލަން ޖެހެނީ ޕޮކެމޮން ގޯގެ މި ވެއްޓުމުގެ ސްޕީޑް އަވަސްވެފައި އޭގެ ގެއްލުން ވެސް ބޮޑުކަމެކެވެ. ދިރާސާތަކުން އެނގޭ ގޮތުގައި، ޕޮކެމޮން ގޯ އެޕް މިހާރު ބޭނުންކުރާ މީހުން އެ ގޭމު ކުޅުމުގައި ހޭދަކުރާ ވަގުތާއި ބޭނުންކުރާ ނިސްބަތް ވެސް ދަނީ ހަލުވިކަމާ އެކު ވެއްޓެމުންނެވެ.

މި ރޭޓުގައި ޕޮކެމޮން ގޯ ވެއްޓެމުން ދިޔަ ނަމަވެސް އެޕް ސްޓޯރާއި ޕްލޭ ސްޓޯރުގައި ގޭމު އަދިވެސް ނިސްބަތްވަނީ އެންމެ މަގްބޫލު ފްރީ ގޭމުތަކުގެ ތެރެއަށެވެ.

ބައެއް ފަރާތްތަކުން ބުނަނީ މި ގޭމުގެ ފޯރި އަރައިގެން ދިޔަ ބާރުމިނުގައި ވެއްޓެމުން ދިއުމުގެ އަސްލަކީ ގޭމަށް ފަހުން ގެނައި އަޕްޑޭޓް ކަމަށެވެ. މި އަޕްޑޭޓެއްގެ ސަބަބުން، ގޭމުކުޅޭ މީހުންނަށް ވަނީ އެމީހުންގެ ފުރޭތަތައް ހިފުން ގާތްގަނޑަކަށް ނުވާ ވަރުގެ ކަމަކަށް ބަދަލުވެފަ އެވެ.