ބޮލީވުޑް

ބޮލީވުޑް ޑްރީމް ޓީމުން ރަންބީރު ބާކީކޮށްލީ ކެޓްރިނާއާ ހެދި

Aug 28, 2016
1

ބޮލީވުޑްގެ ކުރީ ސަފުގައި މިވަގުތު ތިބި އެންމެ ހުނަރުވެރި ޒުވާން ތަރިންގެ ޓީމަކުން ވަނީ "ބޮލީވުޑް ޑްރީމް ޓީމް" ގެ ނަމުގައި އެމެރިކާގެ އެކި ސިޓީތަކުގައި ލައިވް ޝޯތަކެއް ބާއްވާފަ އެވެ.

މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިޝޯގައި އެކި ނެށުމުގެ އައިޓަމްތައް ހުށަހަޅާދިން ޓީމުގައި ހިމެނިގެން ގޮސްފައިވަނީ ވަރުން ދަވަން އާއި އާލިއާ ބަޓް އާއި ސިދާތް މަލްހޯތުރާ އާއި ކެޓްރީނާ ކައިފްގެ އިތުރުން ޕަރިނިތީ ޗޯޕްޅާ އާއި އަދިތްޔަ ރޯއި ކަޕޫރެވެ.

މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔަ މިޝޯގެ ޑްރީމް ޓީމުގައި ޒުވާން އެކްޓަރު ރަންބީރު ކަޕޫރު ނުހިމެނުމުން އެކަމާ ވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދާފަ އެވެ. އެގޮތުން އެއްބަޔަކު ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް މިޓީމުގައި ބައިވެރިވީތީ އޭނާ ބައިވެރިނުވީ ކަމަށް ބުނެފަ އެވެ.

ނަމަވެސް އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ރަންބީރު ޑްރީމް ޓީމުން ބާކީކޮށްފައިވަނީ ކެޓްރީނާ އޭނާ މިޓީމުގައި ބައިވެރިކުރަން ބޭނުން ނުވުމުންނެވެ.

ރަންބީރަށް ޑްރީމް ޓީމުގައި ބައިވެރިވެ ހުށަހެޅުން ލިބުނު ނަމަވެސް އޭނާ އަށް ހުށަހެޅުން ލިބުނުއިރު، ކެޓްރީނާ ވަނީ އޭގެކުރިން މިޓީމުގައި ހިމަނާފަ އެވެ. އަދި ރަންބީރަށް މިޓީމުގައި ބައިވެރިވެ އެމެރިކާގައި ބާއްވާ ޝޯތަކުގައި އައިޓަމްތައް ހުށަހަޅާ ދިނުމަށް ޝޯ އިންތިޒާމްކުރި ފަރާތުން އެދުނުކަން ކެޓްރީނާ އަށް އެނގުމުން އޭނާ ވަނީ ރަންބީރު ބައިވެރިވާކަމަށް ވަނީނަމަ އޭނާ ބައިވެރިނުވާނެ ކަމަށް ބުނެފަ އެވެ.

ހައަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މިދެތަރިން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރުޅިވެފައިވާއިރު، މިދިޔަ ހަފްތާގައި ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ރަންބީރު ވަނީ އެދެމީހުން ރުޅިވިފަހުން ފުރަތަމަ ފަހަރަށް އެމީހުންގެ ގުޅުމާއި ރުޅިވާނެ މެދުވެރިވި ސަބަބާ ގުޅޭގޮތުން ވާހަކަދައްކާފަ އެވެ.

ރަންބީރުގެ އިންޓަވިއުއަށް ފަހު ކެޓްރީނާ ވެސް ހަމަ އެނޫސްވެރިޔާއަށް ދިން އިންޓަވިއުއެއްގައި ވަނީ އެމީހުން ރުޅިވިފަހުން އެކުގައި މަސައްކަތްކުރަން ޖެހުމުން އުނދަގޫވި ކަމަށާއި ނަމަވެސް އެހުރިހާ ކަމެއްވެސް އޭނާ ނެގީ ޗެލެންޖެއްގެ ގޮތުގައި ކަމަށް ބުނެފަ އެވެ. އަދި އެފަދަ ކަންތައްތައް އަމިއްލަ މީހާއަށް ދިމާވުމުން އެކަމާ ދެރަވެ ހިތާމަކުރުމުގެ ބަދަލުގައި އެކަމުން ވީހާވެސް އަވަހަކަށް އަރައިގަނެ، އޭނާ އަކީ ވަރަށް ހިތްވަރުގަދަ މީހެއްކަން ދެއްކުމަށް މަސައްކަތްކުރުމަށް ހިތްވަރުލިބުނު ކަމަށް ބުނެފަ އެވެ.