ހަލްސިޓިއާ ވާދަކޮށް މެޗު ނިމިނިމި އޮއްވައި އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިޔާ މާކަސް ރަޝްފޯޑެވެ.
މިއާއެކު އުމުރުން 19 އަހަރުގެ ފޯވަޑް ވެގެންގޮސްފައިވަނީ ޕްރެމިއާ ލީގުގައި ހޯސޭ މޮރީނިއޯގެ ކޯޗުކޮށްދިން ޓީމެއްގައި ލަނޑު ޖެހި ފުރަތަމަ ޓީންއޭޖްގެ ކުޅުންތެރިޔާ އަށެވެ.
މެޗަށް ފަހު މޮރީނިއޯ ބުނީ އިދިކޮޅު ޓީމަށް ހުރި ބޮޑު ނުރައްކަލެއްކަން ރަޝްފޯޑް ދައްކައިދިނުމުން އޭނާ ވަރަށް އުފާވެއްޖެ ކަމަށެވެ.
މޮރީނިއޯ އަދި ބުނީ އޭނާގެ ޓީމު ދިޔައީ އެންމެ ފަހުވަގުތާ ހަމައަށް ވެސް މޮޅުވާން ގަދަ އަޅައި މަސައްކަތްކުރަމުން ކަމަށާއި މޮޅެއް ހައްގު ކަމަށެވެ.
"އަހަރެން ކުޅުންތެރިން ގާތުގައި ބުނަމުން މިދަނީ އަހަރުމެން ޗެމްޕިއަނުންނަށް ވާން ބޭނުމޭ. އަހަރުމެން ފެށުން ރަނގަޅު ކުރާކަށް ބޭނުމެއްނޫން. އަހަރުމެން ބޭނުންވަނީ ނިމުން ރަނގަޅުކުރަން،" ޗެލްސީގެ ކުރީގެ ކޯޗު ބުންޏެވެ.
އޭނާ އަދި ބުނީ މެޗުގައި އޭނާގެ ޓީމު ދެއްކި ކުޅުމަށް ޝުކުރު ހައްގު ކަމަށެވެ. މި މޮޅާއެކު މެންޗެސްޓާ އޮތީ ތިން މެޗުން ނުވަ ޕޮއިންޓާއެކު ދެ ވަނާގަ އެވެ. އެއީ އެއްވަނާގައިވާ ޗެލްސީއާ ޕޮއިންޓުން ހަމަހަމަވެ، ޖެހި ގޯލުގެ ތަފާތުންނެވެ. ހަލް ސިޓީ އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކު ހަ ވަނާގަ އެވެ.
އެ ޓީމުގެ ކޯޗު މައިކް ފެލަން ބުނީ މެންޗެސްޓާ މޮޅުވީ ބެންޗު ވަރުގަދަވުމުން ކަމަށެވެ.
"އަހަރުމެން މިކުޅުނީ ވަރަށް މޮޅު ޓީމަކާ ދެކޮޅަށް. ބެންޗުން ޓީމަށް އިތުރު ކޮލިޓީ ގެނެވޭ ވަރުގެ ޓީމަކާ ދެކޮޅަށް. ބަލިވިޔަސް ކުޅުންތެރިންގެ މަސައްކަތް ވަރަށް ރަނގަޅު. ތިން މެޗުން ލިބެން ޖެހެނީ ނުވަ ޕޮއިންޓް. އަހަރުމެންނަށް މިހާރު މިލިބުނީ ހަ ޕޮއިންޓް. އެހެންވީމަ ހިތްހަމަޖެހޭ. މަސައްކަތް ވެސް ރަނގަޅު،" ކޯޗު ބުންޏެވެ.