ހަބަރު

ހުއްދަ ނުހޯދާ ހުޅުމާލެ ބަނދަރަށް ދިޔަ ޔޮޓެއް ޖޫރިމަނާކޮށްފި

Aug 28, 2016

ކަސްޓަމްސްގެ ހުއްދަ ނުހޯދާ ހުޅުމާލެ އަށް ދިޔަ ބޭރުގެ ޔޮޓެއް 30،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. މި ފައިސާ ތިން ދުވަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ.

މި ޔޮޓަކީ މިމަހުގެ 19 ވަނަ ދުވަހު ސީޝެލްސްގެ ވިކްޓޯރިޔާ ބަނދަރުން ފުރައިގެން ރާއްޖެއައި ޓޫރިސްޓް ޔޮޓެއް ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސް އާންމު ގަވާއިދުގެ 550 ވަނަ މާއްދާގެ (ރ) ގެ 12 ގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ކަސްޓަމްސްގެ ހުއްދަނެތި ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް ދަތުރުކޮށްފިނަމަ 30،000 (ތިރީސްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެ އެވެ.

ރަސްމީ ބަނދަރުތަކުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ މާލޭ ކޮމާޝަލް ހާބާ، އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު، ގަން އިންޓަނޭޝަނަލް އެއާޕޯޓް އަދި ހިތަދޫ ސަރަހައްދީ ބަނދަރެވެ.