ހަބަރު

ބިދޭސީ ނޫސްވެރިންނަށް ވޯކް ވިސާ ނުދޭން އެދިފި

Aug 28, 2016

ބިދޭސީ ނޫސްވެރިންނަށް ރާއްޖޭގައި ދާއިމީކޮށް މަސައްކަތް ނުކުރެވޭނެ ގޮތް ހެދުމަށް ވިޔަފާރިވެރިންގެ ގައުމީ ޖަމްއިއްޔާ އިން ސަރުކާރުގައި އެދެފި އެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި އެތަކެއް ޒުވާން ނޫސްވެރިންތަކެއް ނުހަނު ބުރަކޮށް ރާއްޖެ އާއި ބޭރު ދުނިޔޭގެ ހަބަރުތައް ގެނެސްދިނުމަށް ރެއާ ދުވާލު މަސައްކަތްކުރަމުންދާއިރު، އެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންނަށް ވެސް ފޮޓޯގްރާފަރުންނަށް ސަރުކާރުން ހޯދައިދީފައިވާ ފުރުސަތު ލިބުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. ރާއްޖޭގައި ބިދޭސީ ފޮޓޯގްރާފަރުންނަށް މަސައްކަތް ނުކުރެވޭ ގޮތް ސަރުކާރުން މީގެ ކުރިން ވަނީ ހަދާފަ އެވެ.

"ބިދޭސީ ނޫސްވެރިން ރާއްޖޭގެ ހަބަރުތައް ފެތުރުމުގައި ވަކި ފަރާތަކަށްޖެހިފައިވާކަން ގިނަ ފަހަރަށް ފާހަގަކުރެވެ އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށާއި އިގްތިސޯދަށް ވެސް ނޭދެވޭ އަސަރުތައް ދަނީ ކުރަމުންނެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ޖަމިއްޔާއިން ވަނީ ދިވެހި ނޫސްވެރިންނަށް އެ ދާއިރާގެ ފުރިހަމަ މަންފާއާއި ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

ރާއްޖޭގައި ދާއިމީ ގޮތެއްގައި މަސައްކަތްކުރަނީ ވަރަށް މަދު ނޫސްވެރިއެކެވެ.

މީގެ ދުވަސް ކޮޅެއް ކުރިން ރާއްޖޭގައި ނޫސްވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް އަންނަ މީހުންނަށް ވިސާ ދިނުމުގެ ކުރިން ސެކިއުރިޓީ ސްކްރީނިން ހެދުމަށް ވަނީ ނިންމާފަ އެވެ.