ވިޔަފާރި

ޑަބަލް ޓެކްސް ހުއްޓާލުމަށް ރާއްޖެއިން ޔޫއޭއީއާ އެކު އެއްބަސްވަނީ

Aug 28, 2016
  • އެއްބަސްވުމަކަށް އަންނަން ދުވަސްކޮޅެއް ނަގާނެ
  • ވިޔަފާރިވެރިން ދެ ގައުމަށް ޓެކްސް ދައްކާކަށް ނުޖެހޭނެ
  • މަޝްވަރާތަކުގައި މީރާ ވެސް ބައިވެރިވޭ

ދިވެހި ވިޔަފާރިވެރިން ޔޫއޭއިން ރާއްޖެއަށް އެތެރެކުރާ މުދަލަށް ޑަބަލް ޓެކްސް ނެގުން ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއި ކުރަން އެ ގައުމާއެކު ދިވެހި ސަރުކާރުން މަޝްވަރާތައް ފަށައިފި އެވެ.

ރާއްޖެ އަށް އެންމެ ގިނައިން ދެވަނަ އަށް މުދާ އެތެކުރާ ގައުމުކަމަށްވާ، ޔޫއޭއީއާއެކު ދިވެހި ސަރުކާރުން ފެށި "ޑަބަލް ޓެކްސޭޝަން" ހުއްޓާލުމުގެ އެއްބަސްވުން އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށް ދަނީ އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށެވެ. އެ އެއްބަސްވުން އެކުލަވާލުމުގައި ބައިވެރިވަނީ، އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އިތުރުން ސަރުކާރުގެ ކަމާ ގުޅޭ އޮފިޝަލުންނެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަދި ކިރިއާ މަޝްވަރާތައް ފެށުނީ ކަމަށާއި އެފަދަ އެއްބަސްވުމަކަށް އަންނަން އަދި ދުވަސްތަކެއް ނަގާނެ ކަމަށެވެ. އެހެން ނަމަވެސް ޔޫއޭއީއާ އެކު އެފަދަ އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އޭގެ ފައިދާ ވިޔަފާރިވެރިންނަށް ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑަބަލް ޓެކްޒޭޝަން" ހުއްޓާލުމުގެ އެއްބަސްވުންތަކެއް އެކި ގައުމުތަކާ އެކު ހެދުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ.

"ޑަބްލް ޓެކްސް" ނެގުން ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއި ކުރެވިއްޖެ ނަމަ، ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް ދެ ގައުމަށް ޓެކްސް ދެއްކުން ހުއްޓިގެން ދާނެ އެވެ. ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރިމަންޓެއް ގާއިމް ކުރުމަށް ވެސް ރާއްޖެއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއަހަރުގެ ކުރިން އެ އެއްބަސްވުމުގައި ސޮއި ކުރާނެ އެވެ. އޭރުން ޑިއުޓީ ދެއްކުމެއް ނެތި ދެގައުމަށް މުދާ އެތެރެ ކުރެވޭނެ އެވެ.

ދިވެހި ސަރުކާރުން ޑަބްލް ޓެކްސް ނެގުން ހުއްޓާލުމުގެ މަޝްވަރާ ފަށާފައިވާ އިރު ޔޫއޭއިން ޖުލައި މަހު ރާއްޖެއަށް 330 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.