ހަބަރު

އެކަށީގެންވާ މެޝިނަރީ ނުލިބިގެން ފަރަށް އެރި ބޯޓް ފުންނުކުރެވިފައި

މިމަހުގެ 13 ވަނަ ދުވަހު ޏ. ފުވައްމުލަކު ފަރަށް އެރި ވިއެޓްނާމްގެ ބޯޓު ފުންކުރުމަށް ބޭނުންކުރާ މެޝިނަރީޒް އަދި މުޅިން ހަމަ ނުވާތީ ބޯޓު ފުންކުރުމުގެ މަސައްކަތް އަދި ނުފެށޭ ކަމަށް ޓްރަންސްޕޯޓް މިނިސްޓްރީގެ ހެޑް އަބްދުއްރަޝީދު ނާފިޒް ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ހުޅަނގު ދެކުނު ފަރާތު ފަރުމައްޗަށް އަރާފައިވަނީ ވިއެޓްނާމްގެ ބޯޓެއް ކަމަށްވާ އެމްވީ އެންޖީއޯސީ ސަން އެވެ. ބޯޓު ފުންކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ކުންފުންޏަކާ އެވެ.

އަވަސް އާ ވާހަކަ ދައްކަވަމުން ނާފިޒި ވިދާޅުވީ ބޯޓު ފުންކުރުމަށް ބައެއް ކަހަލަ ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. ނާފިޒް ވިދާޅުވީ ބޯޓު ފުންކުރުމަށް ބޯޓު ލުއި ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެކަމަށް ބޭނުންވާ ވަރަށް ޓަގު ފަދަ އުޅަނދުތައް ރާއްޖެއިން ނުލިބޭ ކަމަށެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުންވެސް ބޯޓު ފުންކުރުމަށް ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

"އެބޯޓު ފުން ކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ބަލަން މިދިޔަ ބުރާސްފަތި ދުވަހު ބޯޓުގެ ވެރިންނާއެކު ބޭއްވިން ބައްދަލުވުމެއް. އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނު ގޮތުގައި ބޯޓު ފުންކުރަން ބޭނުންވާ މެޝިނަރީޒް މިހާރުވަނީ ގެންގޮސްފައި،" ނާފިޒު ވިދާޅުވި އެވެ.

އެ ބޯޓު ފުންކުރަން ޓްރާންސްޕޯޓް އޮތޯރިޓީންވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. ނާފިޒް ވިދާޅުވީ ދީފައިވާ މުއްދަތުގެ ތެރޭގައި ބޯޓު ފުން ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް މަގުބޫލު ސަބަބެއް މެދުވެރިވެގެން ބޯޓު ފުން ނުކުރެވުނު ނަމަ އެކަން ބަޔާންކޮށް އަންގަންވާނެ ކަމަށެވެ.

"މުއްދަތު ތެރޭގައި ބޯޓު ފުން ނުކުރެވިއްޖެނަމަ ޖެހޭނެ ވެލިޑް ރީޒަން އެއް އަޅުގަނޑުމެންނަށް ދައްކަން. އޭރަށް މުއްދަތު އިތުރުކޮށްދޭނަން" ނާފިޒް ވިދާޅުވި އެވެ.

ބޯޓު ފުންކުރުމުން ފަރަށް ލިބިފައިވާ ގެއްލުންތަކުގެ ބޮޑު ކުޑަމިން ބެލުމަށްފަހު ބޯޓުގެ ވެރިފަރާތުގެ ކިބައިން ބަދަލު ހޯދަން ސަރުކާރުން އެދޭނެ އެވެ.

މި ބޯޓް ފަރަށް އަރާފައި ވަނީ އިންޑިއާގެ ޓުޓިކޮރިން އިން މުދާ ބަރުކޮށްގެން މިމަހު އަށް ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ދަތުރުކޮށް މާލެ ބަނދަރަށް ވަދެ ކްލިއަރެންސް ހޯދުމަށްފަހު ފުވައްމުލަކަށް ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރުކުރަނިކޮށެވެ. މި ހިލަ ވެއްޔަކީ އެ ރަށުގެ ނަރުދަމާގެ މަޝްރޫއަށް ގެންދިޔަ ހިލަ ވެލިތަކެކެވެ. ދިގުމިނުގައި 102.79 މީޓަރު ހުރި އަދި ފުޅާ މިނުގައި 17 މީޓަރު ހުރި މި ބޯޓް ފަރަށް އެރި އިރު 20 ފަޅުވެރިން ތިއްބެވެ. ބޯޓު ފަރަށް އެރި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވެފައެއް ނުވެ އެވެ.