ހަބަރު

ލައިސަންސް ޓެސްޓް ހެދުން މި ހަފްތާ ތެރޭ ފަށަނީ

މޫސުން ރަނގަޅިއްޔާ ކުރިއަށް އޮތް ދެދުވަސް ތެރޭ އެއްގަމު އުޅަނދުފަހަރުގެ ލައިސަންސް ދޫކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ. ލައިސަންސް ދޫކުރުން މި ދުވަސްކޮޅު އޮތީ ހުއްޓާލައިފަ އެވެ.

އަވަސް އާ ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ހެޑް އަބްދުއްރަޝީދު ނަފީޒު ވިދާޅުވީ މެދުކަނޑާލާފައިވަނީ ޕްރެކްޓިކަލް ޓެސްޓުތައް ކަމަށެވެ. ލައިސަންސް ދިނުން މެދުކަނޑާލީ މިހާރު އެ ޓެސްޓުތައް ހަދާ ސަރަހައްދަކީ އެންމެ ރައްކާތެރި ގޮތަކަށް ހުރި ތަނެއް ކަމަށް ނުފެންނާތީ ކަމަށާއި އެ ތަނުގައި ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަން ފަށައި ބައެއް ސާމާނުތައް ބަހައްޓާފައިވާތީ ކަމަށެވެ.

ޑްރައިވިން ޓެސްޓު ހެދުން މެދުކަނޑާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. އެއްގަމު އުޅަނދުފަހަރު ދުއްވާ ލައިސެންސްގެ ޕްރެކްޓިކަލް ޓެސްޓު ހަދަން އަލިމަސް ކާނިވާ މިހާރު ތައްޔާރުކުރަމުންދާ ކަމަށެވެ.

"ޓެސްޓު ހަދަން ބޭނުންވާ ސަރަހައްދުގެ މަސައްކަތް ގާތްގަނޑަކަށް ނިމިއްޖެ މިހާރު. 95 ޕަސަންޓު މަސައްކަތް ނިމިފަ." ނާފިޒް ވިދާޅުވި އެވެ.

ނާފިޒް ވިދާޅުވީ ކުރިން ނިންމާފައިވަނީ މިއަދުން ފެށިގެން ލައިސަންސް ދޫކުރަން ފަށަން ކަމަށާއި ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން ދެދުވަހަށް ފަސްކުރީ ކަމަށެވެ.

ޑްރައިވިން ޓެސްޓުތައް ހަދަން ގާތްގަނޑަކަށް 18200 އަކަ ފޫޓުގެ ޖާގައެއް ބޭނުންވާ އިރު އެވަރުގެ ޖާގައެއް ކާނިވާ ސަރަހައްދުންވެސް ލިބޭނެ އެވެ. އަދި ހައުސިން މިނިސްޓްރީ އިން ނިންމާފައި ވަނީ ޑްރައިވިން ޓެސްޓު ހަދާ ފަރާތްތަކަށް އުޅަނދު ފަހަރު ދުއްވޭ ގޮތަށް ކާނިވާ ތެރެ ތަރައްގީ ކުރާށެވެ. ކާނިވާ ސަރަހައްދުގައި ޑްރައިވިން ޓެސްޓު ހެދުން މިވަގުތައް ބަދަލު ކުރި ނަމަވެސް މުސްތަގުބަލުގައި ހުޅުމާލޭގައި ޑްރައިވިން ޓެސްޓުތައް ހަދާގޮތަށް ބަދަލު ކުރުމުގެ ޕްލޭންތަކެއް ޓްރާންސްޕޯޓުން ދަނީ ކުރަމުންނެވެ.