ހަބަރު

އެމްއެމްޕީއާރްސީ ތަހުގީގު ރިޕޯޓް އެކުލަވާލައި ދިރާސާކުރަން ފަށައިފި

  • ކޮމިޝަންގެ މެންބަރުން ދަނީ ރިޕޯޓް ދިރާސާކުރަމުން
  • މިއީ ކޮމިޝަނުން ހިންގި އެންމެ ބޮޑު ތަހުގީގު
  • މުޅި މައްސަލައިގައި އަޑިއަށް ވަނީ ފީނާފައި

އެމްއެމްޕީއާރްސީގެ ތެރެއިން ހިންގި 1.5 ބިލިއަން ރުފިޔާގެ ބޮޑު، ހިޔާނާތާ ގުޅޭ ތަހުގީގު ރިޕޯޓު ނެރުމުގެ ފަހު މަރުހަލާގައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނެފި އެވެ. މިހާރު ރިޕޯޓު ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އޭސީސީގެ ތާރީހުގައި ވެސް މިހާތަނަށް ކުރާ، އެންމެ ބޮޑު ހިޔާނާތުގެ ތަހުގީގާ ގުޅޭ ގޮތުން، އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު، "އަވަސް" އަށް ވިދާޅުވީ، ތަހުގީގީ ރިޕޯޓު އެކުލަވާލައި މިހާރު އެ ރިޕޯޓު މެންބަރުން ދިރާސާކުރަމުންދާ ކަމަށެވެ. މިހާރު ކުރަމުންދަނީ ރިޕޯޓު ނެރުމުގެ ފަހުގެ މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލާގެ ތަހުގީގު އޭސީސީއިން ހިންގާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށް މުއައްވިޒު ވަނީ ވިދާޅުވެފަ އެވެ. ދެ މަރުހަލާ ވެސް ނިމިފައިވާއިރު، އެ ފުރަތަމަ މަރުހަލާގައި 60 ރަށް ކުއްޔަށް ދިނުމުގައި ކަންތައްތައް ހިނގާފައިވާ ގޮތުގެ ތަހުގީގު ވަނީ ހިންގާފަ އެވެ. ދެވަނަ މަރުހަލާގައި ހިޔާނާތުގެ ފައިސާ ދައުރުވެފައިވާ ގޮތް ހޯދުމަށް ވަނީ ތަހުގީގު ހިންގާފަ އެވެ.

އޭސީސީ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މިއީ އެ ކޮމިޝަންގެ ތާރީހުގައި ވެސް ބަލައި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ އެވެ. އެ މައްސަލައިގައި އޭސީސީ އިން ގިނަ ބަޔަކާ ސުވާލު ވެސް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ބައެއް މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި އިސްލާމިކް ބޭންކްގައި އޮތް ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓެއްގެ ސްޓޭޓްމަންޓްތަކެއް ވެސް އޭސީސީ އިން ހޯދައި، ރައީސް ޔާމީންއާ ވަނީ އެ ކޮމިޝަނުން ސުވާލު ވެސް ކޮށްފަ އެވެ.

ރިޕޯޓް ނެރުން ލަސްވާ ސަބަބާ ގުޅޭ ގޮތުން ވެސް އޭސީސީއިން ބުނެފައި ވަނީ، އެ ހިޔާނާތާ ގުޅޭ ގޮތުން އެ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަކީ މިހާތަނަށް އެންމެ ގިނައިން މައުލޫމާތު އެއްކުރަން ޖެހުނު ތަހުގީގު ކަމަށެވެ. އެ ތަހުގީގަށް އޭސީސީގެ ވަރަށް ގިނަ ރިސޯސްތައް ހުސްކޮށްފައިވާ ކަމަށް ވެސް އޭސީސީއިން ބުނެފައިވެ އެވެ. އެންމެ ގިނަ އިންވެސްޓިގޭޓަރުން ވެސް ހަރަކާތްތެރިވީ މި ތަހުގީގުގަ އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ތުހުމަތު ކުރެވިފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭނާގެ ބޮޑު ބޭބެއެއް ކަމަށްވާ ހާމިދު އިސްމާއިލް، ހާމިދު ސޭޓު އަދި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތުގެ މައްޗަށެވެ.