ހަބަރު

3.16 ބިލިއަން ރުފިޔާގެ މަޝްރޫއުތައް އެބަ ހިންގަން: ހައުސިން

Feb 23, 2015

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަށާފައިވާ މަގާއި ބަނދަރު ހެދުމުގެ މަޝްރޫއު ތަކުގެ ތެރެއިން ފަށާ އަދި ނިމިފައިވާ މަޝްރޫތަކުގެ ޖުމްލަ އަގު 3.16 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިސަރުކާރުގެ ވޭތިވެދިޔަ 15 ވަރަކަށް މަސް ދުވަސް ތެރޭ ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި އެމަސައްކަތްތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

"މިހާ ގިނަ މަސައްކަތްތަކެއް ސަރުކާރުގެ ބަޖެޓުގައި ހިމެނިގެން މިހާ ބައިވަރު މަސައްކަތަތައް ފެށިފަ މިވަނީ ހަމަ އެކަނި މިދިޔަ އަހަރު ތެރޭގައި،" މިނިސްޓަރު ވިދާޅުވި އެވެ.

 މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ގިނަ މަޝްރޫއުތައް ކުރިޔަށް ގެންދާ ކަމަށާއި އެކަން ބައެއް ފަރާތްތަކަށް ހަޖަމް ނުވެގެން އުޅޭ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1500 ހައުސިން ޔުނިޓް އެޅުމާއި ހަތް ރަށެއްގެ މަގު ހެދުމާއި 35 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތުގެ އިތުރުން ހުޅުމާލެއާއި ގދ. ތިނަދޫގައި އަޅާ 485 ހައުސިން ޔުނިޓުގެ މަސައްކަތް ހިމެނޭ ޕްރެސެންޓޭޝަނެއް ވަނީ ދައްކާލާފަ އެވެ.