ރިޕޯޓް

މި ރީޖަންގެ ސުޕަ އޮބްޒަވޭޓަރީ ރާއްޖޭގައި! މުހިންމު ދިރާސާތަކެއް

  • ބިން ހެލުންތައް ދެނެގަތުމުގެ ގާބިލްކަން އެބަހުރި
  • އެންމެ ބޮޑު މަސައްކަތަކީ، ބްރައުން ކްލައުޑް ދިރާސާކުރުން
  • ފަންނީ ދިވެހިން ނެތުމުގެ މައްސަލަ ބޮޑު

"މުޅި ދުނިޔޭގައި ވެސް ހުންނާނީ މޫސުން ރީސާޗު ކުރާ ދެ ސުޕާ އޮބްޒަވޭޓަރީ. މިއީ ސައުތު އޭޝިއާގައި ހުރި ހަމައެކަނި ސުޕާ އޮބްޒަވޭޓަރީ. ދެން މިފެންވަރުގެ ތަނެއް ހުންނާނީ ސައުތު ކޮރެއާގައި،"

ދައްކަން މި އުޅެނީ ބޭރު ގައުމެއްގައި ހުރި މޫސުން ދިރާސާ ކުރާ މާ މޮޅު ލެބެއްގެ ވާހަކައެއް ނޫނެވެ. މި ކުޑަކުޑަ ރާއްޖޭގައި ވެސް ފެންވަރު ރަނގަޅު އޮބްޒަވޭޓްރީ ސެންޓަރެއް އެބަ ހުއްޓެވެ. މި ސަރަހައްދުގެ މޫސުމަށް އަންނަ ބަދަލުތަކުގެ އެތައް މައުލޫމާތެއް ޔުނިވަސިޓީތަކާއި އެހެން ވެސް އިދާރާތަކަށް އެތަނުން އަންނަނީ ފޯރުކޮށްދެމުންނެވެ. ރާއްޖޭގެ މޫސުން ލަފާ ކުރާ އިދާރާއަށް ފާޑުކިޔާ ފަރާތްތައް "ކޮސް" ކޮށްލާ ފެންވަރުގެ ތަނެއް ރާއްޖޭގައި ހުރިކަން އެނގޭ ހެއްޔެވެ؟

އޮބްޒަވޭޓަރީއަކީ މޫސުމަށް އަންނަ ބަދަލުތަކާއި ވާރެއާ ބިން ހެލުންތަކުގެ އިތުރުން ވިލާތަކުގެ އުފެދޭ ގޮތް ދެނެގަތުން ފަދަ ޓެކްނިކަލް މަސައްކަތް ކުރާ ތަނެކެވެ. އޭގެ އެތަށް ތަނެއް އިންޑިޔާ ނޭޕާލް ބަންގްލަދޭޝް ފަދަ ގައުމުތަކުގައި ވެސް އެބަ ހުއްޓެވެ. ނަމަވެސް ކުރިއަރާފައި ހުރި އެ ގައުމުތަކަށް ވުރެ، ފެންވަރު ރަނގަޅު "ސުޕާ އޮބްޒަވޭޓަރީ" މި ހުރީ ރާއްޖޭގަ އެވެ. ހދ. ހަނިމާދޫގައި މީހުން އުޅޭ ސަރަހައްދާ ދުރުގައި ހުންނަ މި ސެންޓަރުން، ދުނިޔޭގެ މޫސުން ދިރާސާ ކުރާ ފަރާތްތަކަށް މުހިންމު މައުލޫމާތު ފޯރުކޮށްދޭތާ 10 އަހަރުވެއްޖެ އެވެ.

ސުޕާ އޮބްޒަވޭޓަރީގެ ޓެކްނިކަލް އެސިސްޓަންޓް ޝަރަފުއްﷲ ވިދާޅުވި ގޮތުގައި، މި ރީޖަންއަށް އަންނަ ބިން ހެލުންތަކާއި އެހެން ވެސް ލޮޅުންތައް މޮނީޓާ ކުރުމުގެ ގާބިލްކަން އެ ސެންޓަރުގައި އެބަ ހުއްޓެވެ. އެ ސެންޓަރުގެ ގޯތި ތެރެއަށް ބަލައިލުމުން، އެކަން ވަރަށް ރަނގަޅަށް އެނގެ އެވެ. މިފަދަ އެކި ދިރާސާތަކަށް ބޭނުން ކުރާ ޑިޝްއެންޓަނާ އާއި އެހެން ވެސް ބައެއް އާލާތްތައް އެތަނުގެ ތެރޭގައި ހަރުކޮށްފައިވާ އިރު، ދުންއަރާ އެއްވެސް އެއްޗެއް ހިފައިގެން އެ ސަރަހައްދަށް ވަނުން އޮންނަނީ މަނާކޮށްފަ އެވެ.

"މި ރީޖަންގެ ބިމަށް އަންނަ ހުރިހާ ބޮޑެތި އަދި ކުދި ލޮޅުންތަކެއްވެސް އޭގެން މޮނިޓާ ކުރާނެ. އަޅުގަނޑުމެންނަށް އެ ހުރިހާ މައުލޫމާތުތަކެއް ލިބޭނެ. މި ސަރަހައްދަށް އަންނަ ބޮޑެތި ބިން ހެލުންތަކުގެ އިތުރުން މީގެ ދުވަސްކޮޅެއް ކުރިން މި ސަރަހައްދުގައި ކޮންސްޓަރަކްޝަން މަސައްކަތެއް ކުރި އިރު އެވެސް ނަގާގަތް. އެހެންވެ މީގެ ބޮޑެތި އަދި ކުދި ލޮޅުންތައް ވެސް ނަގާދޭނެ،" ޝަރަފުއްﷲ ވިދާޅުވި އެވެ.

ކޮންމެއަކަސް އޮބްޒަވޭޓަރީގެ ތެރެއަށް ވަދެފީމެވެ. މާ ބޮޑު ތަނެއް ނޫނެވެ. ދުން އަރާ އެއްޗެހި އެ ސަރަހައްދުގައި ބޭނުން ނުކުރެވޭތީ އެއާ ކޯންއެއްހާ ވަރުވެސް ނުހުރެއެވެ.

ނަމަވެސް އެންމެ ވަރުގަދަ މޮޅެތި އިކުއިޕްމަންޓުތައް އެތާ ހުއްޓެވެ. އޭގެ ތެރޭގައި ވާރޭތަކުގެ އެސިޑު ހުރި މިންވަރު ބަލާ އެއްޗަކާއި ވިލާތަކުގެ ޕާޓިކަލްތައް ޓެސްޓުކުރާ ޒާތުގެ އާލާތްތައް އެތަނުގައި އެބަ ހުއްޓެވެ. ޝަރަފުއްﷲ ވިދާޅުވީ ބައެއް ދިރާސާތައް ކުރަން ފްލައިޓުތަކުގައި އިކުއިޕްމަންޓް ހަރުކޮށްގެންވެސް އެތަނުން ދިރާސާތައް ކުރާ ކަމަށެވެ. މީގެ އިތުރުން ނާސާ އިން ބޭނުންވާ މޫސުމީ ދިރާސާތަކަށް ބޭނުންވާ، ބައެއް އާލާތްތައް އެތަނުގައި ހުރި އިރު، ގަޑިއަކު އެއް ފަހަރު އެ ސެންޓަރުން ނަގާ މައުލޫމާތު ނާސާއަށް ފޮނުވާ ކަމަށް ޝަރަފުﷲ ވިދާޅުވި އެވެ. މީގެ އިތުރުން ޔުނިވާސިޓީތަކުގެ އެކި ދިރާސާތަކަށް ކޮންމެ ދުވަހަކު އެ ސެންޓަރުން މައުލޫމާތުތައް ފޯރުކޮށްދެ އެވެ.

"އިރުވާ މޫސުމުގައި ރާއްޖޭގެ މައްޗައް އަންނަ ބްރައުން ކްލައުޑްތައް ދިރާސާ ކުރުމުގެ މަސައްކަތައް މި ކުރަނީ. ކިހިނެތް ކަން އިރުވާ މޫސުމުގައި އެކި ގައުމުތަކުން ބްރައުން ކްލައުޑްތައްމި އަންނަނީ. ބައެއް ފަހަރު ރާއްޖޭގެ އެއްވެސް ތަނަކުން ދޫނުކުރާ ފަދަ ބޯ ދުންތައް ރާއްޖޭގެ ބޯމަތީ ހުރޭ. އެއީ ކިހިނެތް އައި އެއްޗެއްތޯ މި ބަލަނީ. އިރުވާ މޫސުމުގައި ބައެއް ފަހަރު ކައިރީގައި ހުރި ރައްތައްވެސް ނުފެންނަ ވަރަށް ފުސްވަނީ، ކީއްވެތޯ ވެސް ދިރާސާ ކުރަން،" ޝަރަފުއްﷲ އިތުރަށް ވިދާޅުވި އެވެ.

ދުނިޔޭގެ ފެންވަރުގެ ޓެކްނިކަލް މަސައްކަތްތަކެއް މޫސުން ދިރާސާ ކުރުމުގައި އެތަނުން ކުރަމުން އަންނަ އިރު، އެތަނުގެ މަސައްކަތްތަކުގައި އުޅެނީ ދިވެހިންނެވެ. ދިވެހިންނަށް އެހީތެރިވުމަށް އަބަދުވެސް ބޭރުގެ ކޮންސަލްޓެންޓަކު ހުރެ އެވެ. އެ ސެންޓަރަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. ހާއްސަކޮށް އެކަށީގެންވާ ދިވެހިން ނުލިބުމެވެ.

"ޑޭޓާ ކަލެކްޓު ކުރުމުގައި ބައިވެރިވާނީ ދިވެހިން. ބޭރުގެ އެއް ބޭފުޅަކު އަބަދުވެސް ހުންނަވާނެ. އެބޭފުޅުން ރީސާޗްތައް ކުރައްވާނެ. މިތާ މަސައްކަތް ކުރަނީ އަށް މުވައްޒިފުން. އެންމެ ބޮޑު ދަތިކަމަކަށް އޮންނަނީ އެޗްއާރް މައްސަލަ. ދިވެހިން މި ދާއިރާ ކިޔަވައިގެން ނާންނާތީ. އަޅުގަނޑުމެން ދެކެން ބޭނުން ވަނީ އެތަނަށް ބޭރުގެ އެއްވެސް ފަރާތެއް ގެނެސްގެން މަސައްކަތް ކުރުވަން ނުޖައްސަން. ޕީއެޗްޑީ ފެންވަރުގައި މިތަނަށް އަންނާނީ ބޭރު މީހުން. ބޭނުން ވަނީ މިއީ 100 ޕަސަންޓު ދިވެހިން ހިންގާ ތަނަކަށް ހަދަން،" ޝަރަފުއްﷲ ވިދާޅުވި އެވެ.

ދެން އުފެދޭ އެއް ސުވާލު އެބަ އޮތެވެ. އެއީ ރާއްޖެފަދަ ކުޑަ އަދި ވަސީލަތްތައް މަދު ގައުމެއްގައި އެފަދަ ތަނެއް ހުންނަ އިރު އިންޑިއާ ޗައިނާ، ޔޫކޭ އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުގައި އެ ފަދަ ސެންޓަރެއް ނުހުންނަނީ ކީއްވެ ހެއްޔެވެ؟ ޝަރަފުއްﷲ ވިދާޅުވީ ގޮތުގައި ސުޕާ އޮބްޒަވޭޓަރީއެއް ރާއްޖޭގައި ހުރި އެއް ސަބަބަކީ، އެފަދަ ތަނެއް ގާއިމް ކުރެވޭނީ،އިންޑަސްޓްރިއަލް މަސައްކަތް ނުކުރާ ސަރަހައްދެއްގައި ކަމަށްވުމެވެ. އެހެން ކަމުން އެފަދަ ސެންޓަރެއް ހެދުމަށް މި ސަރަހައްދުގައި ހުރި އެންމެ އެކަށީގެންވާ ތަނަކަށް މިވަނީ ރާއްޖެ އެވެ.