ހަބަރު

އަޅުގަނޑު މިއަދު ... "ބޭނުންވާ ފޮޓޯ މިނެގީ"

Feb 24, 2015
8

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމަށް ނަޝީދު ހާޒިރު ކުރި ވަގުތު ބާރަށް ހިންގަވާފައި ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަން މަސައްކަތް ކުރެއްވި އެވެ. އެމަނިކުފާނަކީ ނޫސްވެރިންނާ ގާތް ބޭފުޅެކެވެ. ކުއްލި ގޮތަކަށް ނޫސްވެރިއެއްގެ ކުރިމައްޗަށް އަރާވަޑައިގެން "އަޅުގަނޑު މިއަދު..." އޭ ވިދާޅުވުމާ އެކު ފުލުހުން ނަޝީދު އެތަނުން ދުރަށްލައި ކޯޓަށް ވައްދަން މަސައްކަތް ކުރި ވަގުތޮކޮޅު ވެގެންދިޔައީ އާދަޔާހިލާފު ވަގުތުކޮޅަކަށެވެ. އެމަނިކުފާނު ބިންމައްޗަށް ވެއްޓި ވަޑައިގެންފައި އޮތެވެ. ފުލުހުން އެމަނިކުފާނަށް އަނިޔާކޮށް "ވައްޓާލީ" އޭ އެއްބަޔަކު ބުނާއިރު އަނެއް ބަޔަކަށް ފެނުނީ ކޯޓަށް ވެއްދިޔަ ނުދޭން ނަޝީދު އަމިއްލަފުޅަށް އޮށޯވެ ވަޑައިގެން ގަދަ ހައްދަވައި އުޅުއްވި މަންޒަރެވެ. ވީޑިއޯތައް ނެގިފައި ހުރި ގޮތުން ފެންނަ ފެނުމަށް އެކްސްޕާޓުން ބޭނުންކޮށްގެން ނޫން ކަންވީ ސިދާ މިހެނޭ ބުނެ ގޮތެއް ނިންމަން ތަންކޮޅެއް އުނދަގޫވެއެވެ. ފަހަރުގައި ގޯސްހެދީ ފުލުހުންނެވެ. އެ ނޫނީ ރައީސް ނަޝީދެވެ.

ނަޝީދު ކޯޓަށް ހާޒިރުކުރުމުގައި ފުލުހުން ނަޝީދަށް އަނިޔާ ކޮށްފައިވާ ކަމަށް ބުނެ ނަޝީދުގެ ގާނޫނީ ޓީމުން ވަނީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް މައްސަލަ ހުށަހަޅަން ނިންމައިފަ އެވެ. އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑީވްސް (އެޗްއާރްސީއެމް) އަށް ހުށަހަޅާނެ ކަމަށް ވެސް އެޓީމުން ބުނެ އެވެ. އެކަން އެގޮތަށް ހީކުރެއްވެންޏާ ނުވަތަ ހިނގީ އެގޮތަށް ކަމަށް ބެލެވޭ ނަމަ އެކަން އެފަދަ މުއައްސަސާތަކުން ބަލަންޖެހޭނެ އެވެ. ތަހުގީގެއް ކޮށްލެވުނީމާ ކުރެވޭ ހީތައް މުޅީން ސާފުވާނެތީ އެވެ.  

އަނެއްކޮޅުން ތަހުގީގެއް ކުރުމަކާއު ނުލައި ހިއުމަންރައިޓްސް ކޮމިޝަނުން ވެސް ވަނީ އިއްޔެގެ "ހިނދުކޮޅު" ގެ މައްސަލާގައި ހުކުމް އިއްވާފައެވެ. އެ ހާދިސާއާ ގުޅިގެން ތަހުގީގެއް ކުރާ ކަމަށް އެ ކޮމިޝަނުން ބުނާ އިބާރާތް އައިސްފައި އޮންނަނީ ނެރުނު ބަޔާނުގެ ފުރަތަމަ ޖުމްލައިން ގޮތް ނިންމާފައެވެ. އަވަސް އަރުވާލައިގެން ނެރުނު ބަޔާނެއްގައި ބުނަނީ އިއްޔެ ނަޝީދު ކޯޓަށް ހާޒިރު ކުރުމުގައި ފުލުހުން އަމަލުކުރީ "ރަހުމް ކުޑަ" ކޮށެވެ. ކޯޓަށް ވައްދަން އުޅުމުން ހިނގި ހަމަނުޖެހުންތަކުގައި އެމަނިކުފާނަށް ވަނީ އަނިޔާތަކެއްވެފައިވާއިރު ކޯޓަށް ހާޒިރު ކުރުމުގައި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށް، ނަޝީދާ މެދު ރަހުމް ކުޑަ ގޮތަކަށް އަމަލުކޮށްފައިވެއެވެ. އެ ތަހުގީގު އެ ކޮމިޝަނުން ކުރާނެ އެވެ. ގޮތް ނިންމާފައި ދެން ކޮން ތަހުގީގެއް ހެއްޔެވެ؟ ގޮތް އެއޮތީ ނިންމިފަ އެވެ.

ބައެއް މީހުން ބުނާ ގޮތުގައިގައި ނަޝީދުގެ އިއްޔެ ވަރަށް މޮޅެވެ؛ އެމަނިކުފާނު އަމަލު ކުރެއްވީ އެންމެ މަތީ ދަރަޖައިގެ ފުޓްބޯޅަ ކުޅުންތެރިއަކު ރެފްރީއަށް އޮޅުވާލައިގެން ޕެނަލްޓީ ހޯދަން ޑައިވް ކުރާ ގޮތަށެވެ. ނަޝީދުވެސް އިއްޔެ އޭރިއާތެރެއަށް ވަދެ ވަޑައިގަތީ އެންމެން "ކޮށިއަރުވާލެއްވުމަށްފަހު" އެވެ. ދެން "ޑައިވް" ކުރެއްވީ އެވެ.

ފުލުހުންގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވި ގޮތުގައި ޓެރަރިޒަމް ދައުވާގެ ޝަރީއަތަށް އިއްޔެ ނަޝީދު ކޯޓަށް ހާޒިރު ކުރުމުން ކުއްލި ގޮތަކަށް އައި ވަގުތުކޮޅުގެ ތެރޭގައި އެމަނިކުފާނަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވެ އެވެ. ނަޝީދަށް އަނިޔާ ކުރި ކަމަށް ބައެއް މިޑިއާގައި ބައެއް ފަރާތްތަކުން ރިޕޯޓް ކުރި ނަމަވެސް އެއީ ދޮގެކެވެ. އަދި ފުލުހުންގެ މެޑިކަލް ޓީމުން ނަޝީދު ބައްލާފައިވާއިރު  އެމަނިކުފާނަށް އެއްވެސް އަނިޔާއެއް ނުލިބެއެވެ. މި އަދި ހަމަ ފުލުހުން ބުނާ އެއްޗެކެވެ.

"ބަައެއް ފަރާތްތަކުން އެބަބުނޭ އެމަނިކުފާނު [ނަޝީދު]ގެ އަތް ބިނދި އިނގިލަތަށް ބުރިވެފައިވާ ވާހަކަ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެފަދަ އަނިޔާއެއް އެމަނިކުފާނަށް ލިބިފައި ނުވެއޭ،" ހަމްދޫން ވިދާޅުވި އެވެ.

ރައީސް ނަޝީދު ވެސް ފުލުހުންނަށް ހަމަލާ ދިން ކަމަށް ބެލެވޭ ކަހަލަ ހަރަކާތްތަކެއް ފެނުނު ކަމަށް ބުނެ އިއްޔެ ވަނީ ސުވާލު އުފައްދާފަފައެވެ. އެ ސުވާލަށް ވެސް ފުލުުން ވަނީ ޖަވާބު ދީފައެވެ. ބުނަނީ ނަޝީދުގައި ގަސްތުގައި ފުލުހަކަށް ހަމަލާދިންތޯ ވީޑިއޯ ފްޓޭޖް ވަނީ އެނަލައިޒް ކުރަން ފަށާފައެވެ. އެފަދަ ކަމެއް ހާމަ ވެއްޖެ ނަމަ އެހެން ފަރާތްތަކެކޭ ވެސް އެއްގޮތަށް ނަޝީދާ މެދުވެސް އެ އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެ އެވެ.  

ރައީސް ނަޝީދުގެ ސަޕޯޓަރުންނަށް ފެނުނު މަންޒަރާއި އެހެން ބައެއް މީހުންނަށް ފެނުނު މަންޒަރު ތަފާތެވެ. އެއް ބަަޔަކަށް ފެނުނީ ނަޝީދުގެ ހަށިކޮޅުގައި ތަޅައި އަނިޔާކޮށް ބިންމައްޗަށް ވައްޓާލައި ދަަމާކުއްތާފައި ގެންދިޔަ ތަނެވެ. ނަޝީދާމެދު ކަންތައް ކުރީ ވަރަށް ލާއިންސާނީކޮށެވެ. އެކަަމަކު އަނެއް ބަޔަކަށް އެ ވާހަކަ ވަނީ ޖޯކަކަށެވެ. ނަޝީދު ކުޅުއްވީ ޑްރާމާއެކެވެ. އަނިޔާއެއް ވިޔަސް ވެފައި ވަނީ އެ ޑްރާމާ ކުޅެ "ބޭނުންވާ ފޮޓޯ ހޯދަން" އުޅުއްވުމުގެ ތެރޭގަ އެވެ.

އިއްޔެގެ އެ ހިނދުކޮޅު އައީ ކީއްވެގެން ހެއްޔެވެ؟ ރައީސް ފުލުހުންނަށް ރައީސް ނަޝީދު ވަރަށް ރަނގަޅަށް އެނގޭނެ އެވެ. އަދި އެނގިފައިވާ ގޮތުގައި އިއްޔެ ދޫނިދޫއާ ހަމައިން ވެސް ރައީސް ނަޝީދު ގެންދެވީ އިސްތަށިފުޅުގައި ރިއްސާ ކަމަށް ވިދާޅުވަމުންނެވެ. ހޮސްޕިޓަލަށް ވަޑައިގަތުމަށްފަހު ކޯޓަށް ވަޑައިގަތުމަށް ފުރުސަތެއް ދެއްވަން އެދިވަޑައިގަންނަވަމުންނެވެ. އެހެން އޮތް ނަމަވެސް އެފަދަ ވަގުތުކޮޅެއް ރައީސް ނަޝީދު ހޯއްދަވާފާނެ ކަމަށް ފުލުހުން އެހާ ބޮޑަށް ތައްޔާރުވެގެން ތިބިހެނެއް އިއްޔެގެ އެވަގުތުކޮޅުގެ ވީޑިއޯތަކުގެ ފެށުމަށް ބަލާއިރު ހީއެއް ނުވެ އެވެ.

ރައީސް ނަޝީދު އަމިއްލަފުޅަށް އޮށޯވެ ވަޑައިގެންފައިވާ ކިތަންމެ ފަހަރެއް މީގެ ކުރިން އަތުވެއްޖެ އެވެ. އެ ފޮޓޯ މީގެ ކުރިން 2005 ގަ އާއި 2006 އާއި 2012 ގައި ވެސް ތަފާތު އޭނގަލްތަކުން ނަގައިފި އެވެ. މައްސަލަތައް ދިމާވި އެވެ. އެގޮތަށް ކުރިން ދިމާވެފައިވާތީ ކޯޓަށް ވެއްދުމުގައި މީގެ ކުރިން އެމަނިކުފާނު އުފުލާލައިގެން ކޯޓަށް ވައްދާފައި ވެއެވެ.

މިހެން ކަން ހިނގާފައިވާއިރު އަދި އެމަނިކުފާނުގެ މިޒާޖުފުޅު އެންމެނަށް ހާއްސަކޮށް ފުލުހުންނަށް އެނގޭ އިރު ނަޝީދުގެ ކުރިމައްޗަށް އެރޭ ގޮތަށް ނޫސްވެރިންނަށް ފުރުސަތު ދިނުމަށް ފަހު އެމަނިކުފާނު ވާހަކަފުޅު ދައްކަވަން ފެއްޓެވުމުން އެ ފުރުސަތު ނުދިނީ ކީއްވެގެން ހެއްޔެވެ؟ މައްސަ އުފެދުނު ހިސާބަކީ މީ ނޫން ހެއްޔެވެ؟

ކްރިމިނަލް ޗާޖެއްގައި ކޯޓަށް ހާޒިރު ކުރާ ބޭފުޅަކަށް ނޫސްވެރިންނާ ކުރިމަތިލާން ފުރުސަތު ދިނުމަކީ ވަރަށް ނުކުރާ ކަމެކެވެ. އެފަދަ ދަނޑިވަޅެއްގައި އަބަދުވެސް ނޫސްވެރިންނާ ކުރިމަތިލާނީ އެ މީހެއްގެ ގާނޫނީ ވަކީލުންނެވެ. އެކަމަކު އެއީ ނޯންނަ އަދި ނުކުރެވޭ ވަކި ގޮތަކަށް ގަރާރުކޮށްފައި އޮންނަ ކަމެއްވެސް ނޫނެވެ. ގަވައިދަކުން ވެސް ނޫސްވެރިކަމުގެ ޕްރެކްޓިކަލް ތިއަރީއަކުން ވެސް މަނާ ކަމެއް ނޫނެވެ. އެހާ ބޮޑަށް އެކަން މަނާކުރަން ބޭނުންވި ނަމަ ސިޔާސީ އެހެން ބައެއް ބޭފުޅުން ފަދައިން "ފޮރުވައިގެން ވަލުދޮރާށީ ނުވެއްދީ" ކީއްވެހެއްޔެވެ؟

ދެން އޮތީ ނަޝީދު ވާހަކަ ދައްކަން ފުރުސަތު ދިނިއްޔާ ވާނީ ކީއްހެއްޔޭ ކުރެވޭ ސުވާލެވެ. މިތާނގައި ކުޑަކުޑަ މައްސަލައެއް ދިމާވެދާނެ އެވެ. އެ މައްސައަކީ ކޯޓަށް ހާޒިރު ކުރަންޖެހެނީ ވަކި ގަޑިއަކަށެވެ. އެ ގަޑިއަށް ހާޒިރު ކުރުމަށް އޮންނަ އޮތުމަކީ ކޯޓެއްގެ އަމުރެކެވެ. އެއާ ހިލާފުވެއްޖެ ނަމަ ޝަރީއަތް ކުރުމާބެހޭ ގަވައިދުގެ ދަށުން ނުކުންނަ މައްސަލަ ނުކުމެދާނެ އެވެ. އެހެން ވިޔަސް އެކަމަށް ރެޑީވެފައި އޮންނާން ޖެހޭނީ ވެސް އެ އޮޕަރޭޝަނާ ހަވާލުވެ ތިބޭ ފުލުންނެވެ.

އެނގިފައިވާ ގޮތުން އިއްޔެ އޮތީއަކީ މީޑިއާއާ ވާހަކަ ދައްކަވަން ރައީސް ނަޝީދަށް ފުރުސަތު ދޭގޮތަކަށް ނޫނެވެ. އެކަމަކު ފުލުހުން ހުރަސް އަޅަނިކޮށް ނަޝީދު މީޑިއާގެ މީހުންނާ ދިމާލަށް ވަޑައިގެންނެވީ އެވެ. އަދި ހިފެހެއްޓުމާ އެކު "ތެޅިގަތުމަށް ފަހު" ނަޝީދު ފުލުހުންގެ އަތްދަށުން ސަލާމަތްވާން މަސައްކަތް ކުރެއްވީ އެވެ. ދެންއެވީ ގޮތެއްވީ އެވެ.

މުޅި ހާދިސާއަށްފަހު އެކި ދިމަދިމާއިން އައި ވާހަކަތަކަށް ބަލާއިރު ބައެއް ފުލުހުން ވެސް އަދި އެހެން މީހުން ވެސް ވަރަށް ބޮޑަށް ނޫސްވެރިން ކުށްވެރި ކުރެ އެވެ. އޭގެ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނެ އެވެ. ނޫސްވެރިންގެ ބޭނުމަކީ ސުވާލު ކުރުމެވެ. ނަޝީދު ވިޔަސް އެހެން މީހަކުވެސް އެއްޗެއް ބުނޭތޯ ސުވާލު ކުރުމެވެ. ހަބަރު ހޯދުމެވެ. ފޮޓޯއާއި ވީޑިއޯ ނެގުމެވެ. އެކަހަލަ ދަނޑިވަޅެއްގެ ތެރެއަށް ރާއްޖޭގެ ހުރިހާ ފޮޓޯގްރާފަރުންނައި ކޮންމެ ނޫހަކާއި ޗެނަލަކުން ނޫސްވެރިޔަކު ތިބޭއިރު އެމީހުން ސުވާލު ކުރަން ނޫޅޭނަމަ އަދި ފޮޓޯ އާއި ވީޑިއޯ ނަގަން ނޫޅެ މެންދުރު ކާޅުތަކެއްހެން އަނގަ ހުޅުވައިގެން ތިބޭނަމަ އެއީ ދެން ކީއްކުރާ ބައެއް ހެއްޔެވެ؟ އެއީ ހުސް މޮޔައިން ނޫން ހެއްޔެވެ؟

އިއްޔެގެ އެހުރިހާ މަންޒަރަކަށް ބަލާއިރު ރައީސް ނަޝީދަށް ގަސްދުގައި ނުވަތަ ގަސްދުގައި ނޫން ނަމަވެސް ބޭނުންފުޅުވާ ފޮޓޯ ވަނީ ލިބި ވަޑައިގެންފައެވެ. އެ ފޮޓޯ މުޅި ދުނިޔޭގައި ދަނީ ދައުރުވަމުންނެވެ. އަދި އިއްޔެ ކޯޓް ކައިރިން ނަޝީދު ވިދާޅުވާން އުޅުއްވި ޖުމްލަ ފުރިހަމަ ކޮށްދިނީމާ އޮންނާނީ މިހެނެވެ: "އަޅުގަނޑު މިއަދު ބޭނުންވާ ފޮޓޯ ލިބެއްޖެ"  މިހެނެވެ. 

 

ނޯޓް: މި ރިޕޯޓްގައި ބޭނުކޮށްފައިވާ ފޮޓޯއަކީ ހަވީރު ނޫހުގެ ފޮޓޯގްރާފަރު މުހައްމަދު ޝަރުހާން ނަގާފައިވާ އެ ނޫހުގެ ފޮޓޯއެކެވެ.