އައިހެވަން

އައިހެވަންގެ މާސްޓާ ޕްލޭން ހަދަން ގިނަ ޕާޓީތަކެއް ޝައުގުވެރިވެއްޖެ

  • އައިހެވަން މަސައްކަތް މި އަހަރު ފަށާނެ
  • ފީޒިބިޓީގެ މަސައްކަތް ވަނީ ނިންމާފައި
  • ބޭރުގެ ގިނަ ޕާޓީތަކެއް ޝައުގު ފާޅުކުރި

އުތުރުގައި ތަރައްގީ ކުރަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ސްޕެޝަލް އިކޮނޮމިކް ޒޯން، އައިހެވަންގެ މާސްޓާ ޕްލޭން ހަދަން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގިނަ ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރު ސައީދު މިއަދު ވިދާޅުވީ އައިހެވަން މަޝްރޫއުގެ މާސްޓަ ޕްލޭން ހަދަން ދިން މުއްދަތު އިތުރުކުރީ ގިނަ ފަރާތްކުން އެކަމަށް އެދުމުންނާއި ޝައުގުވެރިވެފައިވާ ފަރާތްތައް ގިނަވެގެން ކަމަށެވެ.

"މުއްދަތު އިތުރުކުރީ މިފަދަ މަސައްކަތް ކުރާ މީހުންނަށްގެ އެދުމުގެ މަތިން. އެކަމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ބޮޑެތި ކުންފުނިތަކުން ހުށަހަޅާފައިވޭ. ނަމަވެސް އެ ބޭފުޅުން އިތުރު ވަގުތު ބޭނުންވާތީ މުއްދަތު އިތުރުކުރީ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މި މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރާނެ ކަމަށެވެ.

"މި މަސައްކަތް ނިމުމުން އޮންނާނެ އައި ހެވަންގެ ކުރެހުމެއް. އޭރުން އެނގޭނެ ފިޔަވަހި ތަކަށް ބަހާލައިގެން ދާނެ ގޮތް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރު އައިހެވަންގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

"ރައީސް ޔާމީން ހޯރަފުށީގައި ވިދާޅުވި ގޮތަށް އިރާދުކުރެއްވިއްޔާ އައިހެވަންގެ މަޝްރޫއުގެ އަމަލީ މަސައްކަތްތަކެއް މި އަހަރު ފެށޭނެ،" ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް ގެނުމާވެ، ގިނަ މަޝްރޫއުތަކެއް ހިމެނޭ އައިހެވަން މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި ބަންކަރިންނާއި މި ނޫންވެސް ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ގާއިމް ކުރާނެ އެވެ.

ސަރުކާރުން ވަނީ މި މަޝްރޫއު ފެށުމުގެ ގޮތުން މަސައްކަތުގެ ފީޒިބިލިޓީވެސް ހަދާފަ އެވެ. މި މަސައްކަތް ކޮށްފައިވަނީ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕް (ބީސީޖީ) އިނެވެ.