ދުނިޔެ

އަފުޣާނުގެ މިލިއަނަކަށްވުރެ ގިނަ ކުޑަކުދިންނަށް ރަނގަޅު ކާނާ ނުލިބޭ: އދ

Aug 29, 2016
1

އަފުޣާނިސްތާންގައި ފަސް އަހަރުން ދަށުގެ ކުޑަކުދިންގެ ތެރެއިން މިލިއަނަކަށްވުރެ ގިނަ ކުޑަކުދިންނަށް ފައިދާ ހުރި ކާނާ ނުލިބޭ ކަމަށް އދ. އިން މިއަދު އާންމު ކުރި ރިޕޯޓެއްގައި ބުނެފި އެވެ.

ހަށިގަނޑަށް ކޮންމެހެން ލިބެންޖެހޭ މާއްދާތައް ނުލިބުމުން، އެކުދިން ފަސޭހައިން ބަލިވެ ހެދިބޮޑުވުމަށް ހުރަސް އެޅިފައިވާ ކަމަށް ވެސް އެ ރިޕޯޓް ގައިވެއެވެ.

އދ. ގެ ހިޔުމަނެޓޭރިއަން އެފެއާޒް ރިޕޯޓްގައިވާ ގޮތުން، ނިއުޓްރިޝަން ނުލިބުމަކީ އަފުގާނިސްތާންގެ ކުޑަކުދިންގެ "ސައިލެންޓް ކިލާ" ނުވަތަ ހިމޭން ގާތިލު ކަމަށެވެ.

"އުފަންވާ ކޮންމެ އެއް ހާސް ކުއްޖެގެ ތެރެއިން 55 ކުދިން މަރުވަނީ އެކުދިންގެ އުމުރުން ފަސް އަހަރުވުމުގެ ކުރިންނެވެ. އަދި އުފަންވާ ކުދިންގެ ތެރެއިން 82 ޕަސަންޓް ކުދިން އެކުދިންގެ އުމުރުން އެއް އަހަރު ނުވަނީސް މަރުވެގެންދެ އެވެ." އެ ރިޕޯޓްގައި ބުނެފައި ވެއެވެ

މަރުވުމުގެ ރޭޓް އިތުރުވަމުންދާ ކަމަށާއި ގިނަ ކުޑަކުދިން މަރުވަނީ ނިއުމޯނިއާ ޖެހިގެން ކަމަށް ވެސް ރިޕޯޓްގައި ވެއެވެ. ނިއުމޯނިއާ އަކީ ފައިދާ ހުރި ކާނާ މަދުވުމުން ދިމާވާ ސިއްހީ މައްސަލައެކެވެ.

ރިޕޯޓްގައި އިތުރަށް ވަނީ ހަނގުރާމައިގެ ސަބަބުން މަރުވާ ކުޑަކުދިންގެ އަދަދު ވެސް އިތުރުވާ ކަމަށާއި މިއަހަރުގެ މިހަތަނަށް ހަނގުރާމާގައި 388 ކުދިން މަރުވެފައިވާ ކަމަށެވެ.