ދުނިޔެ

ކޮލަމްބިއާގެ ދުވަސްވީ ދާހިލީ ހަނގުރާމަ ނިމުމަކަށް

Aug 29, 2016

ކޮލަމްބިއާގެ ސަރުކާރާ ދެކޮޅު ވާތު ފިޔައިގެ ހަނގުރާމަވެރި ގުރޫޕެއް ކަމަށްވާ ފާކް އާއި ސަރުކާރާ ދެމެދު ކުރަމުންދިޔަ 52 އަހަރުވީ ހަނގުރާމަ ހުއްޓާލައި ދެ ފަރާތް ސުލްހަވާން އެއްބަސް ވެއްޖެ އެވެ.

ކޮލަމްބިއާގެ ސަރުކާރާއި ފާކާ ދެމެދު ކުރަމުންދިޔަ ހަނގުރާމަ ހުއްޓައިލަން މިއަދު އެއްބަސްވީ ކިއުބާއިން އިސް ނަގައިގެން ހަތަރު އަހަރު ވަންދެން ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަ ތަކަށްފަހު އެވެ.

ރޮޑްރިގޯ ލޮންޑޮނޯ ނުވަތަ ޓިމޯޗެންކޯގެ ނަމުން މަޝްހޫރު ވެފައިވާ ފާކް ލީޑަރު ވަނީ ހަނގުރާމަ ހުއްޓާލުމަށް ފާކްގެ ހަނަގުރާމަވެރިންނަށް އަންގާފަ އެވެ.

"ދެން ދުވަހަކު ވެސް ހަނގުރާމައިގައި މަރުވެގެން ބެލެނިވެރިން އެމީހުންގެ ކުޑަކުޑަ ދަރިންނާއި އަންހެން ދަރިން ވަޅު ނުލާނެ. ވާދަވެރިކަމާއި ބަދަލު ހިފުން ވަނީ މާޒީ އާ އެކު" ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓިމޯޗެންކޯ ބުންޏެވެ.

ދެ ފަރާތުގެ ދެމެދުގައި ހިނގުމުން ދިޔަ ހަނގުރާމަ ހުއްޓާލި ނަމަވެސް، ރަސްމީކޮށް ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުއެވެ.

އާދިއްތަ ދުވަހު ސަންޓޯސްގެ ޓްވިޓާގައި އޭނާ ވިދާޅުވެފައި ވަނީ ކޮލަމްބިއާގެ ތާރީހްގައި އައި އެންމެ ހިތްދަތި ޗެޕްޓާއަށް ނިމުން އަންނަ ވަގުތު މިވަނީ ޖެހިފައި ކަމަށާއޮ ކުރިއަށް އެޅި ފިޔަވަޅަކީ ތާރީހީ ފިޔަވަޅެއް ކަމަށެވެ.

މިހަނގުރާމަ 1964 ވަނަ އަހަރު ފެށުނީ ކޮލަމްބިއާގެ ކޮމިޔުނިސްޓް ޕާޓިން އަސްކަރީ ވިންގެއް އުފައްދައި ސަރުކާރާ ދެކޮޅަށް ނިކުތުމުންނެވެ. ދެހާސް ދެ ވަނަ އަހަރު 20000 ހަނގުރާމެވެރިން ހިމެނޭ ގުރޫޕުން ވަނީ ކޮލަމްބިއާގެ ތިންބައި ކުޅަ އެއްބައިގެ ސަރަހައްދުގެ ކޮންޓްރޯލް ހޯދާފައެވެ. ހަނގުރާމައިގައި އެ ގޫރުޕް އެންމެ ބޮޑަށް ބަލޮވީ 2008 ވަނަ އހަރު ސަރުކާރުން ދިން ވަރުގަދަ ހަމަލާތަކުގަ އެވެ.