ރިޕޯޓް

40 އަހަރު ކުރިން ރާއްޖޭގެ އެންމެ ރީތި ހަށިގަނޑުތައް!

Aug 30, 2016
1
  • ވާދަވެރިކަން ބޮޑު މުބާރާތެއް
  • ދިވެހިން މިކަމުގައި ކުރި ހޯދާފައިވޭ
  • މުބާރާތުގައިވެސް ގިނަ ބަޔަކު ވާދަކުރި

މި އަހަރުގެ ބޮޑީ ބިލްޑިން މުބާރާތް މާދަމާ ރޭ އޮންނައިރު، ރާއްޖޭގައި ބޭއްވި ފުރަތަމަ ބޮޑީ ބިލްޑިން މުބާރާތް، ނުވަތަ "ބޮޑީ ބިލްޑިން ޗެމްޕިއަންޝިން" އެނގޭ ހެއްޔެވެ؟ މީގެ 47 އަހަރު ކުރީގެ ވާހަކަ އެވެ. ނަމަވެސް ކަޅާއި ހުދުން ނަގާގައި ތާރީހީ މުހިންމު މި ފޮޓޯތައް އެބަ ހުއްޓެވެ. މި ހަނދާތައް ރައްކާތެރިކަމާއެކު އާއްމުނަށް ގެނެސްދެނީ ރާއްޖޭގެ ޒަމާނީ ބޮޑީ ބިލްޑިން އަށް އެންމެ ހިދުމަތްތެރި އެއް ބޭފުޅާ ކަމަށްވާ "ކެސްޓޯ" އެވެ. އެހެންވެ ހުރިހާ ޝުކުރެއް ވެސް އޮތީ ހަމަ ކެސްޓޯ އަށެވެ.

ބޭޑް ލެބް މިސްޓަ މޯލްޑިވްސްގެ "އޮންލައިން ޕާޓްނަރު" ގެ ހައިސިއްޔަތުން އާއްމުންނާ ހަމައަށް ދޫކޮށްލާ ރާއްޖޭގެ ބޮޑީ ބިލްޑިންގެ ތާރީހީ މި ފޮޓޯ ތަކުން ފެންނަނީ މީގެ އެތައް އަހަރެއް ކުރިން ރާއްޖޭގެ އެންމެ ރީތި ހަށިގަނޑު ތަކެވެ. ސަޕްލިމެންޓާއި ތަފާތު ބޭސްތައް ނުހުން ޒަމާނެއްގައި ވެސް ދިވެހިންނަކީ ޒަމާނާ އެއްގޮތަށް ފައިހަމަ ކުރި ބައެއްކަން މި ފޮޓޯތަކުން އެނގެ އެވެ. ތަހުޒީބީ ދުނިޔޭގައި، ކުޅިވަރުގެ ދަނޑުތަކަށް ނުކުންނަން ތައްޔާރުވާން ކުރި މަސައްކަތް ފެނެ އެވެ.

މި ފޮޓޯތަކުގެ ތާރީހަކީ ގާތްގަނޑަކަށް 1969 ވަނަ އަހަރެވެ. ދެވަނަ ފޮޓޯގައި އެ ފެންނަނީ މުބާރާތުގައި ވާދަކުރި ފަރާތްތައް ސްޓޭޓް މަތީގައި އެތުރިގެން ތިބި ތަނެވެ. މި ޒަމާނުގެ ބޮޑީ ބިލްޑިން މުބާރާތްތަކުގައި ވެސް ހަމަ ފެންނާނީ މި މަންޒަރެވެ. ފުރަތަމަ ފޮޓޯގެ ހަތް ނަމްބަރު ޖަހައިގެން އެ ހުރީ މަޝްހޫރު ކައިރޭ އެވެ. އަދި ބާރަ ނަމްބަރަކީ އެފްސީ ދޮންކޮށްކޮ އެވެ. އަދި ދެ ނަމްބަރަކީ ސިއްކަގޭ އިސްމާއިލް ވަހީދެ އެވެ.

ފޮޓޯތަކުން ފާހަގަވާ މުހިންމު މީހުންގެ ތެރޭގައި ރާއްޖޭގެ އެންމެ މަގުބޫލު ހައުސިން މިނިސްޓަރު އުމަރު ޒާހިރު ހިމެނި ވަޑައިގަނެވެ. އެ ފޮޓޯގައި ބައިވެރިންނަށް އިނާމުދޭއިރު ފަހަތުގައި ޕާރިސަލް ހިފައިގެން އެ ހުރީ ސިއްކަގޭ އިސްމާއިލް ވަހީދެވެ.

ފޮޓޯތަކަށް ބަލާއިރު، އެ ދުވަސްވަރުގެ ހާލަތުން އެތުލީޓުން ތިބީ އެންމެ ފުރިހަމަ ހެދުމުގަ އެވެ. ބައެއް ބައިވެރިން މުންޑު ލައިގެން ތިބިއިރު، ބައެއް މީހުން އެ ތިބީ ސޯޓު ބުރީގަ އެވެ. މިއީ ރާއްޖޭގެ މާފާގަތި ދުވަސްވަރެއް ނޫނެވެ.

"ލޭޑީސް އެންޑް ޖެންޑަލް މެން" ދެން މި އޮތީ ރާއްޖޭގެ ފުރަތަމަ ބޮޑީ ބިލްޑިން މުބާރާތުގެ ވަނަތައް އިއުލާނު ކުރުމެވެ. މިއީ ނޭވާ ހިފަހައްޓާލަން ޖެހޭ ވަގުތެވެ. އެއިރު ވެސް އަދި މިހާރު ވެސް މިކަން އޮތީ ހަމަ މިހެންނެވެ. އެކި ބައްޓަން ތަކަކަށް ހަށިގަނޑުގެ ގުނަވަންތައް ލަންބައި ފުއްޕުމަށްފަހު ފަނޑިޔާރުންގެ އެންމެ ފަހުގެ ނިޔާއަކީ މިއީ އެވެ. ރާއްޖޭގެ ފުރަތަމަ ބޮޑީ ބިލްޑިން މުބާރާތުގެ އެއް ވަނަ ދެވަނަ އަދި ތިންވަނަ ހޮވައިފި އެވެ. މި ވަނަ ތަކަށް ދިޔައީ ކައިރޭ އާއި އެފްސީ ދޮހޮއްކޮ އަދި ސިއްކަގޭ އިސްމާއިލް ވަހީދެ އެވެ.

ކޮންމެއަކަސް މިއީ ރާއްޖޭގެ ފުރަތަމަ ބޮޑީ ބިލްޑިން މުބާރާތުގެ ހަނދާންތަކެވެ. ފުރަތަމަ މުބާރާތް އޮތީ 1969 ވަނަ އަހަރެވެ. ފޮޓޯ ތަކުން އެނގެނީ އަހަރެމެންގެ ކާބަލައިންގެ ކުޅަދާނަ ކަމެކެވެ. މިއީ މީގެ 40 އަހަރު ކުރީގައި ރާއްޖޭގެ އެންމެ ރީތި ހަށިގަނޑުތަކެވެ.