ދުނިޔެ

އަހަރު ފެށޭ ދުވަހު އިމްތިހާނު ނުހަދަން ރައީސްގެ ވެބްސައިޓް ހެކްކޮށްފި

އަވަށްޓެރި ސްރީލަންކާގެ ރައީސް ސިރިސޭނާގެ ރަސްމީ ވެބްސައިޓް ހެކްކުރި ކަމުގެ ތުހުމަތުގައި 17 އަހަރުގެ ކުއްޖަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ. ވެބްސައިޓް ހެކްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެވެ.

ރައީސްގެ ރަސްމީ ވެބްސައިޓް ހެކްކޮށްފައިވަނީ ސްރީލަންކާ ޔޫތް ނަމަކަށް ކިޔާ ގުރޫޕަކުންނެވެ. އެ ގުރޫޕުން ޑިމާންޑްކޮށްފައިވަނީ އަންނަ އޭޕްރީލް މަހު އެ ގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ ލެވެލް އިމްތިހާނު ފަސްކުރުމަށެވެ. އެގޮތަށް އެދިފައިވަނީ އިމްތިހާނު އޮންނަ ދުވަސްތަކަކީ ސިންހަޅަ އަދި ޓަމަޅައިގެން އާ އަހަރު ފެށެނީ އެ ދުވަހު ކަމުގައި ވާތީ އެވެ.

މި މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރި ކުއްޖާއާ ސުވާލުކޮށް އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފަ އެވެ.

ވެބްސައިޓް ހެކްކުރުމަށްފަހު، ފުރަތަމަ ޖެހި މެސެޖް ވަނީ ކުޑަ އިރުކޮޅެއް ތެރޭގައި ނަގާފައި ކަމަށް ޑެއިލީ ނިއުސްއިން ބުނެ އެވެ. އަދި ވެބްސައިޓް ޑައުންވެފައި ހުރުމަށްފަހު ކުޑަ އިރުކޮޅެއް ތެރޭގައި ވެބްސައިޓް ހިންގަން ފެށި ކަމަށް ވެސް އެ ނޫހުގައިވެ އެވެ. ނަމަވެސް ފަހުން އަނެއްކާވެސް ވެބްސައިޓް ހެކްކޮށް، އިނގިރޭސި ބަހުން އެހެން މެސެޖެއް ވަނީ ވެބްސައިޓަށް އަރުވާފަ އެވެ.

އެ މެސެޖްގައި ވެބްސައިޓްގެ ސެކިއުރިޓީ ވަރުގަދަކުރުމަށާއި އެހެންނޫނީ މިފަދަ ހަމަލާތައް އަންނާނެ ކަމަށް ބުނެފައިވެ އެވެ. އަދި ހާލަތު ކޮންޓްރޯލް ނުކުރެވޭނަމަ އަވަހަށް އިންތިހާބެއް ބޭއްވުމަށް ވެސް މެސެޖްގައި ގޮވާލާފައިވެ އެވެ. ޔުނިވާސިޓީގެ ދަރިވަރުންގެ މައްސަލަތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް ވެސް އެ މެސެޖްގައި އެދިފައިވެ އެވެ.