ވިޔަފާރި

ދިވެހި "ކާށިތެޔޮ" އޭޝިޔާގެ ޝަރަފުވެރި އެވޯޑަކަށް ނޮމިނޭޓް ވެއްޖެ

  • އެވޯޑު ލިބުމުގެ އުންމީދު ބޮޑު
  • ކާށިތެޔޮ އުފައްދަނީ ލ. އަތޮޅުގައި
  • ރިސޯޓުތަކުގައި މި އުފެއްދުން މަގުބޫލު

ރާއްޖޭގައި އުފައްދާ "ކާށިތެލު" ގެ އުފެއްދުންތައް އޭޝިޔާގެ އެންމެ ޝަރަފުވެރި އެއް އެވޯޑަށް ނޮމިނޭޓް ވެއްޖެ އެވެ.

ލ. އަތޮޅުގައި އުފައްދައި، ދުނިޔޭގެ ބާޒާރާއި ރިސޯޓުތަކުގައި ވިއްކަމުން ގެންދާ "ކާށިތެޔޮ" އުފައްދާ ކުންފުނީގެ ޖެނެރަލް މެނޭޖަރު ރޭޝަން ޝަރީފު ވިދާޅުވީ ހޮންކޮންގައި ކުރިއަށްދާ އޯގެނިކް ޕްރޮޑަކްޓްތަކަށް ހާއްސަ ފެއާއެއްގައި އޮންނަ އެވޯޑަކަށް ދިވެހި ކާށިތެޔޮ ނޮމިނޭޓްވެފައިވާ ކަމަށާއި މިއީ ރާއްޖެއަށް ލިބުނު ރީތި ނަމެއް ކަމަށެވެ.

"މި އެވޯޑަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ އެވޯޑެއް. މި އަހަރު އޮތީ ހޮންކޮންގައި. މި އަހަރު ވަރަށް ބޮޑު އުންމީދެއް އެބައޮތް މި އަހަރު އެވޯޑު ރާއްޖެއަށް ލިބޭނެ ކަމަށް،" ރޭޝަން ވިދާޅުވި އެވެ.

ދިވެހި "ކާށިތެޔޮ" ނޮމިނޭޓް ވެފައިވަނީ ބެސްޓް ނިއު ނެޗުރަލް އޮގެނިކް ޕްރޮޑަކްޓާއި ބެސްޓް ނިއު ނެޗުރަލް އޮގެނިކް ބިއުޓީ އެންޑް ސްޕާ ޕްރޮޑަކްޓް ކެޓަރަގީ އިންނެވެ.

ހޮންކޮންގައި ކުރިއަށްދާ "އޭޝިޔާ ނަމްބަރު ވަން ނެޗުރަލް ޕްރޮޑަކްޓް އެކްސްޕޯގައި" ދޭ މި އެވޯޑުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ކާށިތެޔޮ އުފެއްދުންތަކުގެ ފައުންޑާ މުހައްމަދު މޫމިން މިހާރު ހުންނެވީ ހޮންކޮންގަ އެވެ.

ރޭޝަން ވިދާޅުވީ މި އަހަރު ރާއްޖެ އަށް އެވޯޑު ހޯދާ ދިނުމުގެ ގޮތުން ވަރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެހެން ޕްރޮޑަކްޓްތަކާ އަޅާ ބަލާއިރު އަޅުގަނޑުމެންގެ ޕްރޮޑަކްޓުގެ ފެންވަރު ރަނގަޅު. އެހެންވެ ރަނގަޅު ޕްރެޒެންޓޭޝަންއެއް ވެސް ދިނުމަށް މި ކޮޅުގައި މިތިބީ. ވަރަށް އުންމީދު ބޮޑު ލިބޭނެ ކަމަށް،" ރޭޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި އުފެއްދުންތައް ކުރި އެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މި ދަނޑިވަޅުގައި ޝުކުރު އަދާކުރާ ކަމަށެވެ.

"ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވަރަށް ސަޕޯޓް ދެއްވާ. އެ ކަމަށްޓަކައި ޝުކުރު އަދާކުރަން،" ރޭޝަން ވިދާޅުވި އެވެ.

"ކާށިތެލު"ގެ އުފެއްދުންތައް މީގެ ކުރިން ވެސް ދެ އަހަރެއްގައި މި އެވޯޑަށް ނޮމިނޭޓްވެފައިވެ އެވެ. މި ބްރޭންޑުގެ އުފެއްދުން ތަކަކީ ރާއްޖޭގެ ރިސޯޓުތަކުގައި ހާއްސަކޮށް ޓޫރިސްޓުންގެ މެދުގައި މަގުބޫލު އުފެއްދުންތަކެކެވެ.