ހަބަރު

މަހުލޫފް ވާނީ ސިޔާސީ މައިދާނުގައި ބާކީ: އަދީބު

Feb 23, 2015
2

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މިހާރު އަމަލު ކުރައްވަމުން ގެންދަވާ ގޮތުން އޭނާ ވާނީ ސިޔާސީ މައިދާނުގައި ބާކީ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރުކަން ކުރައްވާ އަދީބު ވިދާޅުވީ، ޕީޕީއެމްއަށް ސިޔާސީ ގޮތުން އެންމެ މުހިންމު ދަނޑިވަޅުތަކުގައި މަހުލޫފު އަމިއްލަ އަށް ސިޔާސީ ގޮތުން، "ފޫކަހާލައްވައިގެން" އުޅުއްވާފައިވާ ކަމަށެވެ. އަދި އެއީ މަހުލޫފް ފަދަ ޒުވާން ސިޔާސީ ބޭފުޅަކު އަމަލު ކުރައްވަން ޖެހޭނެ ފަދަ ގޮތެއް ނޫން ކަމަށް އަދީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް އަމަލު ކުރެއްވުމުގެ ސަބަބުން މަހުލޫފް ވާނީ ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ ގޮތަށް، "ބާކީ" އެވެ.

މަހުލޫފް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާ ކަމުގެ އަޑުތަކާ އެކު އޭނާ ވަނީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކަށް ތާއީދުކޮށް ފާޅުގައި ވާހަކަ ދައްކަވައިފަ އެވެ. އަދި އޭނާ ޕީޕީއެމް އިން ވަކި ނުވި ނަމަވެސް މި ސަރުކާރާއި ރައީސް އަބްދުﷲ ޔާމީން އޭނާ ބާކީ ކޮށްފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީގައި ވަނީ ވާހަކަ ދައްކައިފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި، މި ސަރުކާރަކީ މިހާރު ޕީޕީއެމްގެ ރައީސް މައުމޫންގެ ދައުރެއް އޮތް ސަރުކާރެއް ނޫނެވެ. އަދި ނާޒިމް ހައްޔަރު ކުރުމާއި ނަޝީދުގެ ޝަރީއަތަކީ ވެސް މި ސަރުކާރުން ހިންގާ ގާނޫނާ ހިލާފު ކަންކަން ކަމަށް މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.

އެ ވާހަކަތަކާ ގުޅިގެން މަހުލޫފްގެ މައްސަލައެއް ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ވަނ ބަލަން ފަށައިފަ އެވެ.

އަދީބު ވިދާޅުވީ މަޖިލީހުގެ މެންބަރުން ގަތުމަށް، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ބޮޑެތ އަދަދުތަކުން މެންބަރުންނަށް ފައިސާ ހުށަހަޅުއްވަމުން އަންނަ ކަމަށެވެ. އަދި ރިޔާޒު ދެއްކެވި ބައެއް ވާހަކަތައް ޕީޕީއެމްގެ މަޖިލިސް މެންބަރުން ރެކޯޑް ކޮށްފައި ހުރި ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. މެންބަރުން އިދިކޮޅު ފިކުރަށް ގެންދިޔުމަށް އަބްދުﷲ ރިޔާޒު ދެއްވި ބައެއް ޗެކްތައް ބައުންސްވެފައި ހުރި ކަމަށް ވެސް ވިދާޅުވި އެވެ. އަދީބު ވިދާޅުވި ގޮތުގައި އަބްދުﷲ ރިޔާޒު މިހާރު އަމަލު ކުރައްވާ ގޮތުން ފުލުހުން އޭނާގެ މައްޗަށް ކުރި އިހުތިރާމް ވެސް ގެއްލިފައިވާ ކަމަށެވެ.