ފިނިޕޭޖް

ދިލްވާލޭ ދުލްހަނިޔާ ލޭ ޖާޔޭންޖޭ 20 އަހަރު ފަހުން ވެސް ސިނަމާ އިން ނެގޭ ގޮތެއް ނުވި

Feb 24, 2015

ބޮލީވުޑްގެ ފިލްމު ދިލްވާލޭ ދުލްހަނިޔާ ލޭ ޔާޖޭންގޭ ސިނަމާގައި ދައްކާތާ 20 އަހަރު ވުމަށް ފަހު، ފިލްމު ދެއްކުން ހުއްޓާލަން ނިންމުމުން އެ ފިލްމުގެ ސަޕޯޓަރުންނަށް އެގޮތް ކަމު ނުދިއުމުން އަލުން އެ ފިލްމް ދައްކަން ފަށައިފި އެވެ.

މި ފިލްމު އިންޑިއާގައި 20 އަހަރު ވަންދެން ދެއްކި މަރާތާ މަންދީރް ސިނަމާ އިން އެ ފިލްމު ހުއްޓާލަން ނިންމީ ވިޔަފާރީގެ ގޮތުން ބަލާއިރު އެކަމުން މިހާރު ގެެއްލުން ވާތީ އެވެ. އެކަމަކު ބެލުންތެރިންގެ ހިތްހަމަނުޖެހުން ވަރަށް ބޮޑުވުމާ އެކު މިހާރު ވަނީ އަނެއްކާވެސް ފިލްމު ކުރިއަށް ގެންދަން ނިންމައިފަ އެވެ.

ލޯބީގެ މި ފިލްމު އެންމެ ފުރަތަމަ ދައްކާފައި ވަނީ 1995 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. މިއީ އިނގިރޭސި ވިލާތުގައި އުޅޭ އިންޑިއާ ދެ މީހެއްގެ ދެމެދުގައި އުފެދޭ ލޯތްބާއި އެ ދެ މީހުންގެ ގުޅުމަށް ކުރިމަތިވާ ހުރަސްތައް ދައްކުވައިދޭ "އަސަރުގަދަ" ފިލްމެކެވެ. ޝާޚްރުކް ޚާން އާއި ކާޖޮލްގެ މި ފިލްމު ވެފައި ވަނީ ބޮލީވުޑްގެ ތާރީހުގައި ވެސް އެންމެ މަޝްހޫރު ފިލްމެވެ. އަދި ބޮލީވުޑްގެ ފިލްމެއް މިހާ ގިނަ ދުވަހު ސިނަމާގައި އަޅުވައިފައެއް ވެސް ނުވެ އެވެ.

ސިނަމާ އިން ބުނީ ފިލްމު ދެއްކުން ހުއްޓާލިކަން އިއުލާނުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެކަމާ ގުޅިގެން އެތައް ސަތޭކަ ބަޔަކު ވަނީ ފޯނުކޮށް ޝަކުވާކޮށްފަ އެވެ.

"އެ ފިލްމު ދެއްކުން މިހާ ހިސާބުން ނިމުނީ ކަމަށް ބުނެ ސިނަމާ ބޭރުގައި މިދިޔަ ބުރާސްފަތި ދުވަހު ބޯޑެއް ބެހެއްޓިތާ ދެ ގަޑިއިރު ތެރޭ، އެކަމާ ހިތްހަމަނުޖެހިގެން 230 އަށް ވުރެ ގިނަ މީހުން ފޯނުކުރި،" ސިނަމާގެ ވެރިޔާ މަނޯޖް ދެސާއީ ބީބީސީ އަށް ބުނެފައިވެ އެވެ.

ފިލްމު ދެއްކުން ހުއްޓާލަން ނިންމިއިރު، މި ފިލްމު ދައްކައިގެން މިދިޔަ ދެތިން އަހަރު އެއްވެސް ފައިދާއެއް ނުވެ އެވެ. --ބީބީސީ