ދުނިޔެ

ހަމަލާތަކުގެ ބަދަލުގައި 218 މިލިއަން ޑޮލަރު ދައްކަން ފަލަސްތީނުގެ ދެ ޖަމާއަތަކަށް ކޯޓުން އަންގައިފި

Feb 24, 2015

މިދިޔަ 10 އަހަރު ތެރޭ އިޒްރޭލުގައި ދީފައިވާ ހަމަލާތަކުގައި ގެއްލުން ލިބުނު މީސްމީހުންނަށް ބަދަލުގައި 218 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދެއްކުމަށް ޕެލަސްތައިން ލިބެރޭޝަން އޯގަނަަަައިޒޭޝަން (ޕީއެލްއޯ) އާއި ޕެލަސްތައިން ނެޝަނަލް އޮތޯރިޓީ (ޕީއެންއޭ)ގެ މައްޗަށް އެމެރިކާގެ ކޯޓަކުން އަމުރުކޮށްފި އެވެ.

މި ބަދަލު ދޭން އަމުރު ކޮށްފައި ވަނީ 2002 އިން 2004 އަށް ފަލަސްތީނުން އިޒްރޭލާ ދެކޮޅަށް ހިންގި އިންތިފާޟާގައި ދިން ހަ ހަމަލާއެއްގައި މަރުވި 33 މީހެއްގެ އާއިލާ އިން ކުރި ދައުވާއަކާ ގުޅިގެންނެވެ. އެ ހަމަލާތަކުގައި މަރުވި ބައެއް މީހުންނަކީ އެމެރިކާ މީހުން ކަމަށް ވާތީ ދައުވާ ކޮށްފައި ވަނީ އެމެރިކާގެ ކޯޓެއްގަ އެވެ. މި ދައުވާ ކޮށްފައި ވަނީ އެެމެރިކާގެ 10 އާއިލާއެއްގެ ފަރާތުންނެވެ. ބޮޑު އަދަދެއް ބަދަލުގައި ދޭން އަމުރުކޮށްފައި ވަނީ ޖޫރީން އެއް ދުވަސް ވަންދެން ކުރި މަޝްވަރާ އަށް ފަހުގަ އެވެ.

ދައުވާގައި އެދިފައި ވަނީ ބަދަލުގައި 350 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ.

އިޒްރޭލުން ވަނީ މި ދައުވާއާ އިޒްރޭލު ސަރުކާރާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ބުނެފަ އެވެ.

މި އަމުރު ރައްދުވާ ފަރާތްތަކުން ވަނީ އެ ނިންމުން ގަބޫލު ނުކުރެވޭ ކަމަށް ބުނެފަ އެވެ. އަދި އެ އަމުރު އިސްތިއުނާފު ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޕީއެލްއޯ އާއި ޕީއެންއޭ އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ އެ ދެ ޖަމާއަތާ ދެކޮޅަށް ދައުވާ ކުރުމުގައި ބަލާފައިވާ ކަންކަމުގައި އެއްވެސް އަސާސެއް ނެތް ކަމަށާއި އެހެންވެ ކޯޓުގެ މި ނިންމުމާ މެދު ހައިރާންވާ ކަމަށެވެ.

މަރުވި މީސްމީހުންގެ އާއިލާތަކުން ބުނަނީ ހަމަލާތައް ދީފައި ވަނީ ފަލަސްތީނުގެ ރަސްމީ ފަރާތްތަކުގެ ހުއްދައާ އެކުގައިކަން، ލިޔެކިޔުންތަކުން އެނގެން އެބަހުރި ކަމަށެވެ.

"ހަމަލާތަކުގައި ބައިވެރިވި މީހުންނަށް ފަލަސްތީނުން އަދިވެސް މުސާރަ ދޭ. ޖަލުގައި ތިބި އިރު ވެސް އެ މީހުންގެ ރޭންކް މަތިކޮށް ޕްރޮމޯޝަންތައް ވެސް ދަނީ ދެމުން،" ދައުވާކުރި ފަރާތުގެ ވަކީލަކު ވިދާޅުވެފައިވެ އެވެ. ނަމަވެސް ދިފާއީ ވަކީލުން ބުނަނީ އެ ބުނާ ހަމަލާތަކުގެ މައުލޫމާތެއް ޕީއެލްއޯ އަށް އަދި ޕީއެންއޭއަަކަށް ވެސް ނޭނގޭ ކަމަށެވެ. –ބީބީސީ