ބޭރު ކުޅިވަރު

ސިޓީން ބޭނުން ނުވުމުން ހާޓް އިޓަލީގެ ޓޯރިނޯ އަށް

މެންޗެސްޓާ ސިޓީން ބޭނުންނެތިގެން އުޅުނު އިނގިރޭސި ގައުމީ ކީޕަރު ޖޯހާޓް އިޓަލީގެ ޓޯރިނޯ އަށް ބަދަލުވާން ނިންމައިފި އެވެ.

އިޓާލިއަން ލީގުގެ ހަތް ވަނާގައި މިވަގުތު އޮތް ޓޯރިނޯ އަށް ބަދަލުވާން ހާޓް މިވަގުތު ހުރީ ވެސް އިޓަލީ އެވެ. އޭނާ އިޓަލީ އަށް ދިޔައީ އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އެކަމަށް ހުއްދަދިނުމުންނެވެ. ޓޯރިނޯ އަށް ސޮއިކުރުމުގެ ކަންތައްތައް ނިންމާލުމަށްފަހު އާދީއްތަ ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި އިނގިރޭސި ގައުމީ ޓީމު ކުޅޭ މެޗުގެ ކުރިން ހާޓް އެނބުރި ގައުމީ ޓީމާ ގުޅޭނެ އެވެ.

ޓޯރިނޯ އަށް 29 އަހަރުގެ ހާޓް ބަދަލުވާން ނިންމީ ފާއިތުވެދިޔަ ހަތް އަހަރު އޭނާ ކުޅުނު ސިޓީގެ ވެސް އެހީތެރިކަމާއެކުގަ އެވެ. މި ގޮތުން ސިޓީން ވަނީ ހާޓަށް ހަފުތާއަކު މުސާރައިގެ ގޮތުގައި ދޭން ޖެހޭ 130000 ޕައުންޑްގެ ބައެއް ދޭގޮތަށް ނިންމާފަ އެވެ. ޓީމާ އަލަށް ހަވާލުވި ކޯޗު ސްޕޭނުގެ ޕެޕް ގާޑިއޯލާ އޭނާ ބޭނުންނުވުމުން ސިޓީން ވަނީ ހާޓް ކުޅޭނެ އެހެން ކުލަބެއް ހޯދައިދިނުމަށް އެހީތެރިވެދޭނެ ކަމަށްބުނެފަ އެވެ.

އިނގިރޭސި ކުޅުންތެރިން އާއްމުކޮށް ކުޅެނީ އެގައުމުގެ ލީގުގަ އެވެ. މަދު ކުޅުންތެރިއަކު ސްޕޭނުގައި ކުޅޭއިރު އިޓަލީގައި ކުޅެނީ ހާލަކުން ކުޅުންތެރިއެކެވެ. ނަމަވެސް ހާޓް އިޓަލީ އަށް ބަދަލުވާން ނިންމީ ނުކުޅެ ސިޓީގެ ބެންޗުގައި އިންނަންޖެހިއްޖެނަމަ އިނގިރޭސި ގައުމީ ޓީމުން ޖާގަ ގެއްލިދާނެތީ އެވެ.

އޭނާ ފުރަތަމަ ބޭނުންވީ އިނގިރޭސި ކުލަބަކަށްދާށެވެ. ނަމަވެސް ހާޓް ބޭނުންނުވާ ކަމަށް ސިޓީން ބުނިއިރު އިނގިރޭސި ގިނަ ކުލަބުތަކުން ވަނީ އާ ސީޒަަނަށް ކުޅުންތެރިން ހޯދައި ނިންމާފަ އެވެ. މިހެންވެ އެނބުރި އިނގިރޭސިވިލާތަށް ހާޓް އެންމެ އަވަހަށް އަންނާނީ ކުރިއަށް އަހަރު އެވެ.