ދުނިޔެ

އައިއެސްގެ އިސް ތަރުޖަމާނު އަދުނާނީ މަރާލައިފި

Aug 31, 2016

ހަލަބް (31 އޯގަސްޓް) - ހައްދުފަހަނަޅައި ގޮސްފައިވާ ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް ތަރުޖަމާނު، މުހައްމަދު އަލް އަދުނާނީ އިއްޔެ މަރާލައިފި އެވެ.

އައިއެސް އިން ވެސް ވަނީ އޭނާގެ މަރުގެ ޚަބަރު ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. ނަމަވެސް މަރުވި ގޮތުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އޭނާ މަރުވެފައި ވަނީ ސީރިއާގެ ހަމަނުޖެހުން ބޮޑު ރަށް، ހަލަބުގައި ސީރިއާ ސިފައިންނާ ދެކޮޅަށް ހަރަކާތްތެރިވަމުން ދިޔަ އައިއެސްގެ ފައުޖުތަކުގެ ހަރަކާތްތައް ކުރިއަށްދާގޮތް ބެލުމަށް އެ ސަރަހައްދަށް ގޮސް އުޅެނިކޮށެވެ.

އޭނާގެ މަރުގެ ބަދަލު ހަރުކަށިގޮތަކަށް ހިފާނެ ކަމުގެ އިންޒާރު އައިއެސް ދީފައިވާއިރު މިއީ އައިއެސްއާ ދެކޮޅު އަސްކަރީ ހަރަކާތްތައް ފެށި ފަހުން ކުރިމަތިލުންތަކުގައި މިހާތަނަށް މަރުވި އައިއެސްގެ އެންމެ އިސް ލީޑަރެވެ. ހަނގުރާމަވެރި އެ ޖަމާއަތުގެ އިސް ތަރުޖަމާނުގެ ގޮތުގައި މަޝްހޫރުވެފައިވާ އަދުނާނީ އަކީ ބުނެވޭ ގޮތުގައި، ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ އަށް ފަހު އެ ޖަމާއަތާ ހަވާލުވުމަށް ވެސް އިސްކޮށް ހުރި ލީޑަރެވެ.

ސީރިއާގެ އުތުރު ބިތުގައި އޮންނަ ބަނާޝް އަވަށަށް، 1977 ވަނަ އަހަރު އުފަންވި އަދުނާނީ އަކީ އައިއެސް އުފެއްދުމުގައި ވެސް އިސްކޮށް އުޅުނު ހަނގުރާމަވެރި ލީޑަރެކެވެ. އައިއެސް މިހާރު އެމެރިކާ އާއި ޔޫރަޕާ ދެކޮޅަށް ހިންގާ ހަނގުރާމަވެރި ހަރަކާތްތަކުގެ މާސްޓާމައިންޑަކީ ވެސް މިއީ އެވެ.

އެމެރިކާ އިން 2003 ވަނަ އަހަރު އިރާގު ހިފުމާ ގުޅިގެން އެމެރިކާގެ ފައުޖުތަކާ ދެކޮޅަށް އިރާގުގައި ހަތިޔާރު ނެގި، ބޭރުގެ ފުރަތަމަ ހަނގުރާމަވެރި ލީޑަރަކީ ވެސް އަދުނާނީ އެވެ. އޭނާ މިފަހުން ފާހަގަކޮށްލެވެނީ ސީރިއާ އާއި އިރާގުން ބޭރުގައި އެމެރިކާ އާއި ޔޫރަޕާ ދެކޮޅަށް ދޭ ހަމަލާތައް ރާވައި ހިންގުމުގައި އިސްކޮށް އުޅޭ މީހެއްގެ ގޮތުގަ އެވެ.

އޭނާ މަރާލާފައި މި ވަނީ އޭނާގެ ބޮލަށް އެމެރިކާގެ ޚާރިޖީ ވުރާޒާ އިން އޮތީ ފަސް މިލިއަން ޑޮލަރުގެ އަގެއް ހުށަހަޅައިފަ އެވެ.

އަދުނާނީގެ މަރާ ގުޅިގެން އައިއެސް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެމީހުންގެ އާ ޖީލުގެ ހަނގުރާމަވެރިންނަކީ މަރަށް ބިރުގަންނަ ބައެއް ނޫން ކަމަށާއި އެމީހުންގެ "ޖިހާދު" ދާނީ އިތުރަށް ވަރުގަދަވެ އަނިޔާވެރިވަމުންނެވެ.

އައިއެސްގެ އިސް ލީޑަރަކު މަރާލާފައިވާއިރު އިރާގާއި ސީރިއާގައި އެމީހުން ބަލިވަމުންދާ ކަމަށް، މެދުއިރުމަތީގެ މި ހަނގުރާމަ ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. --ސީއެންއެން