"ހުސްނުވާ އާސަންދަ" ހިދުމަތް ދޭ މަރުކަޒުތަކުގެ އިސްވެރިން އާސަންދަ އާއި އެންސްޕާގެ މަސައްކަތްތަކަށް އަހުލުވެރި ކުރުވަން ވޯކްޝޮޕެއް މިއަދު ފަށައިފި އެވެ.
ދެ ދުވަހުގެ މުއްދަތަށް ފެށި މި ވޯކްޝޮޕްގައި ހުސްނުވާ އާސަންދައިގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތަކާއި ހިދުމަތްތަކުގެ އުސޫލުތަކަށް އަހުލުވެރި ކުރުވާނެ އެވެ. މި ވޯކްޝޮޕްގައި ބައިވެރިކޮށްފައިވަނީ ރީޖަނަލް ހޮސްޕިޓަލްތަކުގެ އިސްވެރިންނެވެ.
މި ވޯކްޝޮޕާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އާސަންދަ ކޮމްޕެނީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖާ އާމިނަތު ޒީނިޔާ ވިދާޅުވީ މިއީ ހުސްނުވާ އާސަންދައިގެ ދަށުން ތައާރަފްކުރި މެޑިކަލް ޗެކަޕްތަކާބެހޭ މައުލޫމާތު އަދި ހިދުމަތް ދޭން ފެށުމުގެ ކުރިން ހަދަންޖެހޭ ޕްލޭންތައް ހިދުމަތްދޭ ފަރާތްތަކާއެކު ހެދުމަށް ބާއްވާ ވޯކްޝޮޕެއް ކަމަށެވެ.
މި މެޑިކަލް ޗެކަޕްތައް މިމަހުގެ 18 ވަނަ ދުވަހު ވަނީ އިފްތިތާހްކޮށްފަ އެވެ. އެ ހިދުމަތް ދޭން ނިންމާފައިވަނީ އައިޖީއެމްއެޗާއި ހުޅުމާޅެ ހޮސްޕިޓަލް އަދި ރީޖަނަލް ހޮސްޕިޓަލްތަކުގަ އެވެ. އަދި ވަރަށް އަވަހަށް ސެނަހިޔާ އަދި ނޫސަންދާގައި މި ހިދުމަތް ދޭން ފަށާނެ ކަމަށް ޒީނިޔާ ވިދާޅުވި އެވެ.
"މެޑިކަލް ޗެކަޕްތަކަށް ހުންނާނެ ޕެކޭޖްތަކެއް ކަނޑައަޅާފައި. ފަސް އުމުރު ފުރާއަކަށް އެއީ. އެންމެ ގިނަ ޓެސްޓުތަކެއް ހަދަން މިޖެެހެނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް. ބޮޑަށް ބަލާފައި ހުންނާނީ އެ ހިދުމަތްތައް އެންމެ ގިނައިން ނޫނީ ހުރިހާ ހިދުމަތެއްވެސް ލިބެނީ ހިދުމަތްދޭ ކޮން ތަންތަނަކުންތޯ. އެގޮތުން އައިޖީއެމްއެޗުގައި ހުރިހާ ޓެސްޓްތަކެއްވެސް ހެދޭ ޕެކޭޖްތަކުގައި ހުރި" ޒީނިޔާ ވިދާޅުވި އެވެ.
މި ޕެކޭޖްތަކުގެ ދަށުން ހިލޭ ހުރިހާ ޗެކަޕްއެއް ހެދޭނެ އެވެ. އޭގެތެރޭގައި ކެންސަރުބަލި ފަދަ އާންމުކޮށް ފެތުރޭ ބަލިތަކަށް ސްކްރީންވެސް ކުރެވޭނެ ކަމަށް ޒީނިޔާ ވިދާޅުވި އެވެ.