ދުނިޔެ

ނިއުކްލިއަ ހަތް ރިއެކްޓަރު ގާއިމު ކުރަން އިންޑިއާ އާއި އެމެރިކާ އެއްބަސްވެއްޖެ

Aug 31, 2016

ނިއުކްލިއަ ހަތް ރިއެކްޓަރު ބަހައްޓައި އެޓޮމިކް އެނާޖީގެ ދާއިރާއިންނާއި ޖައްވީ ދިރާސާތަކުގެ ދާއިރާއިން އިންޑިއާ އާއި އެމެރިކާއިން އެއްބާރުލުން ދިނުމަށް އެމެރިކާ އާއި އިންޑިއާ އިން އެއްބަސްވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ ޑިމޮކްރަސީން މިގޮތަށް އެއްބަސްވެފައިވަނީ އެމެރިކާގެ ސެކްރެޓްރީ އޮފް ސްޓޭޓް ޖޯން ކެރީ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.

މީގެ އިތުރުން އިޔާދަ ކުރުވަނިވި ހަކަތައިގެ ދާއިރާއިން އިންޑިއާގެ މަސައްކަތައް އެމެރިކާގެ އެއްބާރުލުން ދިނުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ކެރީ ވިދާޅުވި އެވެ.

އިންޑިއާގެ ވެރިރަށް ނިއުދުއްލީގައި ހުންނަ އިންޑިއާގެ އިންސްޓްޓިޔުޓް އޮފް ޓެކްނޮލަޖީގައި މިއަދު ހެނދުނު ތަގްރީރު ކުރައްވަމުން ކެރީ ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ދެ ޑިމޮކްރަސީގެ ހައިސިއްޔަތުން ދެ ގައުމުން އެއް ގައުމު އަނެއް ގައުމަށް ކުރާ އިތުބާރު ދަމަހައްޓަންޖެހޭ ކަމަށެވެ.

އަދި ހުރިހާ ފިކުރެއްގެ ރައްޔިތުންގެ ހައްގުތައްވެސް ހިމާޔަތް ކޮށްދިނުމަށް ދެ ގައުމުން އިސްކަން ދޭންޖެހޭނެ ކަމަށެވެ.

"އިންޑޯ-ޔޫއެސް ރިލޭޝަންގެ ދަށުން، އިންޑިއާއެކު ގުޅުން ހަރުދަނާ ކުރުމަކީ އެމެރިކާގެ އެންމެ މުހިންމު މަސައްކަތް،" ކެރީ ވިދާޅުވި އެވެ.

އޭނާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ތަރައްގީގެ ޕްލޭނަށް ތައުރީފް ކޮށްފައެވެ. "މިއަދު އިންޑިއާގެ އެކި ދާއިރާތަކުން އަޅުގަނޑުމެންނަށް މިފެންނަނީ އުންމީދު. އިންޑިއާގެ ވިޝަންގެ ތަސައްވަރު. މިއީ ހަގީގަތުގައި އިންޑިއާގެ ޑީއެންއޭ" ކެރީ ވިދާޅުވި އެވެ.