ރިޕޯޓް

ބޯޓު ފަހަރު މާލޭގައި ތާށިވެފައި، ކާޑަށް ޖެހުމުގެ ބިރު ބޮޑު!

  • މި ހަފްތާ އެކީ މިދިޔައީ ވަރަށް މޫސުން ގޯސްކޮށް
  • ރަށްތައް ކާޑަށް ޖެހުމުގެ ބިރު ބޮޑު
  • ދޯނިތަކަށް ފުރޭނެ ދުވަހެއް އަދި ނޭނގެ

ގަދަ ވަޔާއި ވިއްސާރައިގެ ބޯ ވިލާތައް ރާއްޖެ މައްޗައް ޖަމާވެފައިވާ ދުވަސްވަރެކެވެ. މެދު ރާއްޖެތެރެއާ އުތުރުގެ ގިނަ ރައްތައް ފެންބޮޑުވެ، އާންމުން ހިފާގެންގުޅޭ ގިނަ ތަކެއްޗައް ގެއްލުންވަމުން އަންނަ އިރު ރަށް ރަށުގެ ކައުންސިލާއި ކަމާބެހޭ އިދާރާތަކުން ހުރިހާ މަސައްކަތްތަކެއް މެދުކަނޑާލުމަށް ފަހު ދަނީ ފެން ހިންދުމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުންނެވެ. އެ އެމްއެންޑީއެފްގެ ޑިޒާސްޓާ މެނޭޖްމަންޓުން ވެސް އެހީތެރިވެއެވެ.

އެހެން ނަމަވެސް ހުޅަނގު މޫސުމުގެ މިފަދަ ދަނޑިވަޅެއްގައި ފެންބޮޑުވުމުގެ އިތުރުން ރަށްރަށް ކާޑަށް ޖެހުމުގެ ބިރުވެސް އެބައޮތެވެ. ސަބަބަކީ ކަނޑު ގަދަވެ، މުދާ އުފުލާ ދޯނިތަކަށް ދަތުރު ނުކުރެވޭތީ އެވެ. މިހާރުވެސް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް)އިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ޔެލޯ އެލާޓު ނެރެފަ އެވެ. ކަނޑު ދަތުރުތައް ކުރުމުގައި ސަމާލުވުމަށް ދަނީ މެދު ނުކެނޑި އިލްތިމާސް ކުރަމުންނެވެ.

މާލޭގެ ބަނދަރުގައި މުދާ ބަރުކޮށް ނުފުރި ހަފުތާއެއްވެފައިވާ ދޯނިފަހަރު ވެސް އެބަހުއްޓެވެ. އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ދަތުރު ކުރާ މުދާ އުފުލާ ދޯނިތަކުގެ ވެރިންނާއި ވިޔަފާރިވެރިން ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ. ކޮންމެވެސް ސިފައެއްގައި ކާޑަށް ޖެހިދާނެ ކަމުގެ ބިރުވެސް އޮތުމުންނެވެ. އަނެއްކޮޅުން މުދާ ބަރުކޮށްގެން މާލެ ނާދެވި ރަށްރަށުގެ ބަނދަރުގައި ތާށިވެފައިވާ ދޯނި ފަހަރުވެސް ގިނަ އެވެ. ދަތުރު ފަތުރު ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.

"އަޅުގަނޑުމެން ފުރަން ހަމަޖެހިފައިވަނީ މިދިޔަ ހޯމަ ދުވަހު. އެކަމަކު މި ވިއްސާރައިގެ ސަބަބުން މިތިބީ ނުފުރިފަ. މޫސުން މި އޮތް ގޮތުން އަދި ފުރާނެ ވަކި ދުވަހެއްވެސް ބުނާކަށް ނޭނގެ. އެކަމަކު ތ. އަތޮޅުގެ ހަ ރަށަކަށް ގެންދާ ކާޑައި މުދާތަށް ވެސް މިހިރީ ޖަހާ ފުރާފަ. ފިހާރަތަކުން މުދާ ހުސްވުމާއި ކާޑު ހުސްވުމާއި އެމީހުންގެ ޒަރޫރީ ބޭނުންތަކެތި ލަސްވެގެން ގުޅާފަ އެވާހަކަ އެބަ ދައްކާ މިހާރު،" ތ. އަތޮޅަށް ފުރާ މުދާ އުފުލާ ބޯޓެއްގެ ކައްޕި އަހުމަދު މުހައްމަދު ކިޔައިދިނެވެ.

އަހުމަދު ބުނި ގޮތުގައި ވިއްސާރާގައި ޖެހި އިތުރު ދުވަސްތަކެއް ބޯޓު ނުފުރިފައި އޮންނަން ޖެހިއްޖެ ނަމަ ކާޑަށް ޖެހުމުގެ ބިރު ވަރަށް ބޮޑެވެ. އޭގެ އިތުރުން ލ. އަތޮޅަށް ބޯޓުފަހަރުގައި އުޅޭ ބައެއް މީހުން ބުނި ގޮތުގައި ވިއްސާރައިގެ ސަބަބުން އެތަށް ބަޔަކު ރަށްރަށަށް ނުދެވި މުހިންމު މަސައްކަތްތައް ވެސް ހުއްޓިފައިވެ އެވެ. އޭގެ އިތުރުން ބައެއް ސްކޫލު ކުދިންވެސް ޗުއްޓީއަށް ރަށަށް ނުދެވި ތާށިވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނާ އެކު އެބަ ދަތުރު ކުރޭ 40-50 މީހުން، އެމީހުންވެސް އެތިބެނީ ތާށިވެފަ. އޭގެ އިތުރުން ކޮލެޖު ކުދިންތަކެއް މިއަދު ނިމޭނެ. އެކުދިން ތިބީ ތައްޔާރަށް އެކަމަކު ނުދެވިފައި. އޭގެ އިތުރުން މިހާރު މިދާ ގޮތުން ކާޑު ނުލިބުމުގެ ބިރު އެބައޮތް. އެހެންވެއްޖެއާ ވަރަށް ދަތިވާނެ،" ލ. އަށް ދިއުމަށް ތައްޔާރުވެފައި އޮތް ބޯޓުގެ ކައްޕި ބުންޏެވެ.

އޭގެ އިތުރުން އެހެން މީހެއް ބުނި ގޮތުގައި ފ. އަތޮޅަށް ގެންދިޔުމަށް 80 ބަސްތާ ކާޑާއި 50 ފުޅި ގޭސްވަނީ ބަރުކޮށްފަ އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެތަކެތި ރަށަށް ގެންދިޔުމަށް ލަސްވެފައިވާ ކަމަށާއި ބައެއް ރަށްރަށުން ދަތިވެގެން ގުޅާ މައްސަލަ ޖައްސަމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ޑިޒާސްޓާ މެނޭޖްމަންޓުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ޑިޒާސްޓާއިން އިލްތިމާސް ކުރާ ބައެއް ކަންތައް

  • ފެން ބޮޑު ވެދާނެ ކަމަށް ތައްޔާރުވޭ
  • ގޭގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖަހާ
  • ފުރާޅު އެއްލާ ނުލާނެ ގޮތަށް ފިޔަވަޅު އަޅާ
  • ހަލާކުވާނެ މުދާ އުސްތަނަކަށް ބަދަލު ކުރޭ
  • ވަޔާ އުކާލައިފާނެ ތަކެތި ހައްޔަރުކޮށްފައި ބެހެއްޓުން
  • މޫސުމަށް ބަލައިގެން ކަނޑު ދަތުރުފަތުރު ކުރުން
  • ޑިޒާސްޓާގެ ހޮޓްލައިން 115

ކާޑަށް ޖެހުމުގެ ބިރު ބޮޑުވެފައިވާ އިރު މޫސުމާބެހޭ އިދާރާއިން ލަފާ ކުރަނީ ކުރިޔަށް އޮތް ހަފްތާގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއި ބޯކޮށް ވާރޭވެހޭނެ އެވެ. އަދި ވައި ގަދަވެ ކަނޑުގަދަވާނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ. އެމްއެންޑީއެފްއިން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަށް މޫސުމަށް ސަމާލުވާން އަންގައިފައެވެ.