ބޭރު ކުޅިވަރު

ޑޭވިޑް ލުއިޒް އެނބުރި ޗެލްސީ އަށް

Sep 1, 2016

ޑިފެންސްލައިން ވަރުގަދަކުރުމަށް ހިފާލާފައިވާ ޗެލްސީ އިން ޓްރާންސްފާ ޑެޑްނައިލްގައި އެ ޓީމުގެ ކުރީގެ ތަރި، ބްރެޒިލްގެ ޑޭވިޑް ލުއިޒް ޕީއެސްޖީ އިން ޖަހައިގަނެފި އެވެ.

އުމުރުން 29 އަހަރުގެ ޑިފެންޑަރު 34 މިލިއަން ޕައުންޑާ ގާތްކުރާ އަގަކަށް ޗެލްސީ އަށް ވިއްކާލަން ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީ އިން އެއްބަސްވެފައިވާއިރު މެޑިކަލް ހެދުމަށް ލުއިޒް ވަނީ މިހާރު ލަންޑަނަށް ވެސް ގޮސްފަ އެވެ. ލުއިޒް ޗެލްސީ އަށް އެނބުރި މި އަންނަނީ އެ ޓީމު ދޫކޮށް ފްރާންސަށް ދިޔަތާ ދެ އަހަރު ފަހުންނެވެ.

ލުއިޒް ޗެލްސީ ދޫކޮށް 40 މިލިއަން ޕައުންޑުގެ އަގަކަށް ޕީއެސްޖީ އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެވެ. ޕީއެސްޖީ އިން އޭނާ އަލުން ޗެލްސީ އަށް ދޫކޮށްލާފައި މި ވަނީ އެމީހުން އޭނާ ގަތް އަގަށް ވުރެ ހަ މިލިއަން ޕައުންޑު ދަށް އަގެއްގަ އެވެ.

ބެނިފީކާ އިން ވިދާލުމަށް ފަހު ލުއިޒް ޗެލްސީ އަށް ފުރަތަމަ ސޮއިކުރީ 2011 ވަނަ އަހަރު 21.3 މިލިއަން ޕައުންޑުގެ އަގަކަށެވެ. އެއަށް ފަހު ޗެލްސީ އަށް 143 މެޗު ކުޅެ މުހިންމު ލަނޑުތަކެއް ކާމިޔާބުކޮށްދީފައިވެ އެވެ. އޭނާ ޗެލްސީ ދޫކޮށް، ޕީއެސްޖީ އަށް ދިޔައީ ޗެލްސީއާ އެކު 2012 ވަނަ އަހަރު ހެދި ކޮންޓްރެކްޓްގެ ތިން އަހަރު ބާކީ އޮތްވަ އެވެ.

ޑޭވިޑް ލުއިޒް އަލުން ޗެލްސީ އަށް ގެންގޮސްފައިވާއިރު ފަހަތް ވަރުގަދަކުރުމުގެ ރޫހުގައި އެންޓޯނިއޯ ކޮންޓޭގެ ޓީމަށް ވަނީ ބޯލްޓަން އާއި ފިއޮރިންޓީނާގެ ކުރީގެ ލެފްޓް ބެކް މާކޮސް އޮލޮންޒޯ ވެސް ގެނެސްފަ އެވެ.

އަނެއްކޮޅުން ޗެލްސީން ވަނީ އެމީހުންގެ ވިންގާ، ހުއާން ކޮޑްރާޑޯ ޖުވެންޓަސް ލޯނު އުސޫލުން ދޫކޮށްފަ އެވެ. އޭނާ ދޫކޮށްލާފައި ވަނީ ތިން އަހަރުގެ މުއްދަތަކަށެވެ.