ހަބަރު

ކަލައިދޫގެ ކުއްޔަށް 8.1 މިލިޔަން ރުފިޔާ ދައްކަން ނިންމީ ރަނގަޅަށް: ހައިކޯޓް

Feb 24, 2015

ނ. ކަލައިދޫ ކުއްޔާ ޖޫރިމަނާ އަށްވާ 8.1 މިލިޔަން ރުފިޔާ މީރާއަށް ދައްކަން ޖެހޭ ކަމަށް ދަށުކޯޓުން ކުރު ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު (މީރާ) އިން ބުނީ ފިޝަރީޒް މިނިސްޓްރީ އާއި ދަފްތަރު ނަންބަރު 5103 އާދަމް ނަޞީރާ ދެމެދުވި އެއްބަސްވުމެއްގެ ދަށުން ދަނޑުވެރި ކަމަށް ދޫކުރި ކަލައިދޫއަށް ދައްކަންޖެހޭ ކުއްޔާއި، ކުލި ނުދެއްކުމުން ކޮށްފައިވާ ޖޫރިމަނާއަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖޫން 16، 2014 ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާ ކަމަށެވެ.

ހައި ކޯޓްގެ އެ ނިންމުން އައީ އާދަމް ނަޞީރުގެ ފަރާތުން އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރުމުންނެވެ.

ސިވިލް ކޯޓުހެ ހުކުމުގައި ބުނަނީ ކަލައިދޫގެ ލީސް ރެންޓުގެ ގޮތުގައި ދައްކަންޖެހޭ އަދަދާއި، ކުލި ނުދެއްކުމުން ކުރި ޖޫރިމަނާގެ އަށް ދައްކަންޖެހޭ ފައިސާއާއެކު 8,143,257/28 ރ. މީރާއަށް ހަމަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށެވެ.

އެ ހުކުމް އިސްތިއުނާފްކުރީ މީރާއަކީ ހަމައެކަނި ޓެކްސް އަދި ޓެކުހާ ގުޅުންހުރި ފައިސާއާމެދު ޝަރުޢީ ކޯޓުތަކުގައި ދަޢުވާކުރުމުގެ ބާރު ލިބިފައިވާ މުއައްސާއެއްކަމަށް ބުނެ އެވެ. އަދި އާދަމް ނަޞީރު ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު ހިސާބުކުރުމުގައި އެގްރިކަލްޗަރާއި އާދަމް ނަޞީރު އާ ދެމެދުވި އެއްބަސްވުމުގެ 44 ވަނަ އަދި 45 ވަނަ މާއްދާ، ސިވިލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ މާނަކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ އެވެ.

ހައިކޯޓުގެ ހުކުމުގައި ބުނަނީބ ޓެކުހަށް ނުވާ ފައިސާ ހޯދަން ދަޢުވާކުރުމުގެ ބާރު މީރާއަށް ލިބިފައިވާކަމަށް ހައިކޯޓުން މީގެ ކުރިން ނިންމަވާފައިވާ ތިން މައްސަލައެއްގައި ކަނޑައަޅުއްވާފައިވާކަމަށާއި ސުޕްރީމް ކޯޓުން މިއިން ނިންމުމެއްގެ ޙުކުމް ބަދަލުކުރައްވާފައިނުވާކަމަށެވެ. އަދި ސިވިލް ކޯޓްގައި މައްސަލަ ބެލި ގާޒީ އެގްރިކަލްޗަރާއި އާދަމް ނަޞީރާ ދެމެދު ވެވުނު އެއްބަސްވުމުގެ 44 ވަނަ އަދި 45 ވަނަ މާއްދާ މާނަކޮށްފައި ވަނީ ވަކިގޮތަކަށް ކަމަށް އެނގެންނެތް ކަމަށެވެ. އަދި އިސްތިއުނާފީ ނުކުތާތަކަކީ ޤާނޫނީ ނުވަތަ ޝަރުޢީ ރަނގަޅު ސަބަބުތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ނުކުތާތަކެއް ނޫން ކަމަށެވެ.